އަމާން ވެށީގައި ތިބި ކުދިންނަށް ފުވައްމުލައް ސިޓީ ކައުންސިލުން ރޯދަ ވީއްލުމެއް ދީފިއެވެ. މި ރޯދަ ވީއްލުން ބޭއްވީ އެރަށު ތުނޑީގައެވެ.
އަމާން ވެށީގައި އުޅެމުންދާ ސާދަ ކުދިން ބައިވެރިވި މި ރޯދަވީއްލުން އިންތިޒާމްކޮށްފައި ވަނީ ތަފާތު ވައްތަރުގެ ގޭމްތައް ވެސް އެކުދިންނަށް ކުޅެވޭ ގޮތަށެވެ. ކާޑްބޯޑް ގޭމާއި އޮށްވަޅުގޮނޑިއާއި ކެރަމްގަދަ ގޭމްތައް ވެސް އެކުދިން ތިބި މޭޒުގައި ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު، އިބްރާހިމް އަލީފު ދަރިވަރު ނޫހަށް ވިދާޅުވީ، އަމާން ވެށީގެ ދަރިވަރުންނަށް ރޯދަވީއްލުމެއް ތުނޑީގައި ހަމަޖެއްސީ އެ ތަނަކީ އެ ކުދިންނަށް އާންމުކޮށް ދެވޭ ތަނަކަށް ނުވާތީ، އެތަނުގައި އުފާވެރި ކަމާއެކު ވަގުތުކޮޅެއް ވެސް ކުޅިވަރާއެކު ހޭދަ ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.
" ރެސްޓޯރަންޓެއްގައި ބޭއްވުމަށްވުރެ ގުދުރަތީ ގޮތުން ވެސް އެ ކުދިންނަށް އުފާވެރިކަން ގެނެސްދެވޭނެ މާހައުލަކަށް އިސްކަންދީގެން ތުނޑީގައި ބޭއްވީ. އެ ކުދިންނަށް އެއީ ވަރަށް މުހިންމު ވަގުތުކޮޅެއް" އަލީފު ބުންޏެވެ.

ރޯދަވީއްލުމުގައި އަމާން ވެށީގެ އިސްވެރިންގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުގެ އިސްވެރިން ބައިވެރިވިއެވެ. މޭޔަރު އިސްމާއިލް ރަފީޤު ވެސް މި ރޯދަވީއްލުމުގައި ބައިވެރިވެ އެ ކުދިންނާއެކު ވަގުތު ކޮޅެއް ހޭދަކުރެއްވިއެވެ.

އަލީފު ވިދާޅުވީ އަމާން ވެށީގައި ތިބި ކުދިންނަށް ގިނަ ފުރުޞަތު ތަކެއް ހޯދައިދޭން ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކުދިންނަށް ގިނަ ފުރުޞަތުތަކެއް ސްކޫލްތަކުން ވެސް ދެމުންދާކަމަށެވެ.

" ނިމިގެން ދިޔަ އެތްލެޓިކްސް މުބާރާތުގައި މެހުމާނުންނަށް މަރުޙަބާ ދަންނަވަން ވެސް އެ ކުދިން ނުކުމެއުޅުނު. ބައެއް ހަފްލާތަކުގައި ޤުރުއާން ކިޔެވުން ފަދަ ކަންތައްތައް ވެސް ސްކޫލްތަކުން ބައިވެރިކުރުވާ. އެންމެ ފަހުން ބޭއްވި ޤުރުއާނާއި ސައިންސް ފޯރަމުގައި ވެސް އޭގެ ތެރެއިން ބައެއް ކުދިން ބައިވެރިވި" އަލީފު ވިދާޅުވިއެވެ.
އަމާން ވެށީގައި ތިބި ކުދިންނަކީ ކުރިން ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ތެރެއިން ބައެއް ކުދިންނެވެ. އެކުދިން ބަލަހައްޓަމުން ގެންދަނީ ދައުލަތުގެ ފަރާތުންނެވެ.
advertisment
ހިޔާލު