ދިއްގަރު ކައުންސިލުން އެރަށު ސްކޫލްގެ ސްޓާފުންނަށް ހަދިޔާ ކުރީ މޭޒާއި ގޮނޑި

މ. ދިއްގަރު ކައުންސިލުން، އެރަށު ސްކޫލްގެ ސްޓާފުންނަށް، މަސައްކަތްކުރާނެ ގޮނޑިއާއި މޭޒު ހަދިޔާކޮށްފިއެވެ. ދިއްގަރު ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް އަބްދުﷲ މިކަން ސިފަކުރެއްވީ ރަށުގެ ތައުލީމަށްޓަކައި އެ ކައުންސިލުން ކުރެއްވި ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގައެވެ.

" އަޅުގަނޑުމެންގެ މުވައްޒަފުން ވަރަށް ހާލުގައި މަސައްކަތް ކުރަމުން ދަނިކޮށް، ކައުންސިލުން އެ މުވައްޒަފުންނަށް ގެނެސްދެނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު މަސައްކަތް ކުރާނެ މާހައުލެއް" އިސްމާއިލް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

250 އެއްހާ ދަރިވަރުން ކިޔަވަމުންދާ ދިއްގަރު ސްކޫލުގެ ސްޓާފްރޫމުގައި 40 މުވައްޒަފުން މަސައްކަތް ކުރަމުން ގެންދެއެވެ. އެއިން ކޮންމެ މުވައްޒަފަކު މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ "ވޯކިންސްޓޭޝަނެއް" ހަދިޔާކޮށްފައެވެ.

އިސްމާއިލް ވިދާޅުވީ، ސްޓާފް ރޫމުގެ ހާލަތު ދަށްވުމުން އެ ސްކޫލުގެ ފަރާތުން ކައުންސިލަށް ޕްރޮޕޯސަލެއް ހުށަހެޅި ކަމަށާއި، އެ ޕްރޮޕޯސަލާ އެއްގޮތަށް ކަންތައްތައް ކޮށްދެއްވި ކަމަށެވެ.

" އަޅުގަނޑުމެންގެ ސްޓާފުންގެ އަދަދަކީ 40. އެކަމަކު ފަހުން އިތުރުކުރަން ޖެހިދާނެ ކަމަށް ބަލައި މޭޒާއި ގޮނޑިވެސް އަޅުގަނޑުމެންނަށް އިތުރަށް ފޯރުކޮށްދިން" އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްޓާފުން މަސައްކަތް ކުރާ " ވޯކިން ސްޓޭޝަން" ތަކުގައި ކަރަންޓާއި އިންޓަރނެޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ސްޓާފްރޫމުގައި 50 ސްޓާފުންނަށް މަސައްކަތް ކުރެވޭނެ މޭޒާއި ގޮނޑި ފޯރުކޮށް ދިނުމަށް 150،000 ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ދިއްގަރު ސްކޫލުން އަންދާޒާ ކުރެއެވެ.

" ނިމިދިޔަ އަހަރުގެ މުދައްރިސުންގެ ދުވަހަށް ދޭ ސަޕްރައިޒެއްގެ ގޮތުގައި މި މަސައްކަތް ނިންމަން އޮތީ. އެކަމަކު އެ މަސައްކަތް އެ ދުވަހަށް ނިންމާލެވޭ ގޮތް ނުވީ، މަސައްކަތާނ ަހަވާލުވި ފަރާތައް މަސައްކަތް ނިންމާނުލެވިގެން " އިސްމާއިލް ވިދާޅުވިއެވެ.

" ސްޓާފް ރޫމަށް ގެނައި ބަދަލާއެކު މުވައްޒަފުންގެ ފަރާތުން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުން، މިއީ އެމީހުންގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން" ފައުންޑޭޝަނުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައި ދެމުން އަންނަ އެ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *