މާފުށީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކީ އަފާފް

ފާއިތުވި އަހަރު، ކ. މާފުށީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް އަފާފް އަހުމަދު ޝާހިދު ހޮވައިފިއެވެ.

އަފާފު ވަނީ ސާނަވީ އިމްތިޙާނުގައި ޤައުމީ ގަދަ ދިހައެއްގެ ހަ ވަނައިގައި ހިމެނިފައެވެ. ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލުން ދެން ހިމެނުނީ ރާފިލް މުހައްމަދު ރަމީޒެވެ. ބެސްޓް އޯލްރައުންޑް ކެޑޭޓަކަށް ހޮވުނީ މުޙައްމަދު މަބްރޫކް ޝަކީބެވެ.

ބެސްޓް އޯލްރައުންޑް ބޭންޑްސްމަންއަކަށް ހޮވުނީ އަޙްމަދު ޝާމިސް ސުހައިލެވެ. ބެސްޓް އޯލްރައުންޑް ގައިޑް: ޒޫޝާން ހުސައިނެވެ.

ފާއިތުވި 2022-2021 ވަނަ އަހަރުގެ އިނާމް ދިނުމަށް މިމަހު 16 ވަނަ ދުވަހު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ކަމިޝަނަރ އޮފް ޕްރިސަންސް އަހުމަދު މުހައްމަދުފުޅެވެ.

ޝަރަފުވެރި މެހުމާނުގެ ވާހަކަ ފުޅުގައި، ކޮންމެ ކުއްޖަކީ ކާމިޔާބަށް ވާސިލުވެވޭނެ ކުއްޖެއް ކަމަށާއި، ކިޔަވާ ދުވަސްވަރު ކޮންމެ ކުއްޖަކުވެސް ކުރިޔަށް ދާނެ ދާއިރާއެއް ނުވަތަ ކުރާނެ ކަމަކާމެދު ވިސްނާ އެކަމުގެ ފޮނި ހުވަފެން ދެކޭ ކުއްޖަކަށް ވުމަށްހިތްވަރުދީ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ޕްރިންސިޕަލް އަބްދުއްނާޞިރު މުޙައްމަދު ގެ ވާހަކަފުޅުގައި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިޔަކަށް ވުމަށްޓަކައި ކިޔަވަން ދަސްކުރާ ކުއްޖަކަށް ކޮންމެދަރިވަރަކު ވުމަށާއި، މައިންބަފައިންނާއި ޤައުމަށް ފަޚުރުވެރި އުޅުންހުރި ހަރުދަނާ ކުއްޖަކަށް ވުމުގެ ޢަޒުމުގައި މަދުރަސީ ހަޔާތްވޭތުކުރުމަށް ނަސޭހަތްތެރިވިއެވެ.  އަދި ޅަދަރިންގެ ތަރުބިއްޔަތައް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ އެއްކަމަކީ ނަމޫނާ ދެއްކުން ކަމަށާއި، އެހެންކަމުން ކޮންމެ މަންމަ އަކާއި ބައްޕައެއް އަދި މުޅިއާއިލާއަކީ ކުއްޖާއަށް ހެޔޮ އަސަރުކުރުވާފަދަ ނަމޫނާ ދައްކާ ބަޔަކަށްވެ އެ ގޮތުގައި ސާބިތުވެ ތިއްބެވުމަށް އިރުޝާދު ދެއްވިއެވެ.

އެންމެ މޮޅު ދަރިވަރު މަރިޔަމް އަފާފް އަހުމަދު ޝާހިދު، ދަރިވަރު ނޫހަށް ބުނީ، އެންމެ މޮޅު ދަރިވަރުގެ މަޤާމް ލިބިދާނެ ކަމަށް އުއްމީދެއް ނުކުރާކަމަށެވެ.

" އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަން ބެސްޓް އޯލް ރައުންޑް ލިބިދާނެ ކަމަށް" ދަރިވަރު ނޫހަށް އަފާފް ބުންޏެވެ.

ސީއެޗްއެސްއީގެ 11ގައި މިހާރު ކިޔަވަމުންދާ އަފާފް ބުނީ، އޭނާ އުއްމީދު ކުރި ވަރަށްވުރެ އޯލެވެލްގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެ ނަތިޖާއާއެކު މަތީ ސާނަވީއަށް ކިޔަވަމުންދާއިރު، އޯލެވެލްއާ އަޅާބަލާއިރު އޭލެވެލް ވަރަށް އުނދަގޫ ކަމަށެވެ.

ސައިންސް ސްޓްރީމްގައި ކިޔަވާ އަފާފަށް އެ މާއްދާއަށް ޝަޢުޤުވެރިވީ ކިޔަވައިދިން ޓީޗަރުގެ ކިޔަވައިދިނުމުގެ ވައްޓަފާޅިންނެވެ. އޭލެވެލްގައި ވެސް ކިޔަވާހިތުން ކިޔަވަނީ އެ މާއްދާއެވެ.

އަފާފް ބުނީ ކުރިއަށް ދާނެ ވަކި ދާއިރާއެއް އަދި ނުނިންމާ ކަމަށެވެ.

" އަދި ވަކި ދާއިރާއެއް ނުނިންމަން" އަފާފް ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *