ހއ. ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖާއި ރ.އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރު ހިންގާނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ، މި ތަން ހިންގަން ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި ދެ ޕްރޮޖެކްޓްގެވެސް ކޮންސްޓަރަކްޝަން މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާއިރު މި ޕްރޮޖެކްޓްތަކުގެ ކޮންކްރީޓް މަސައްކަތްތަކުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި އިންސްޓިޓިއުޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށްފަހު އޮޕަރޭޓްކުރުމަށް ބިލްޑިންގް ހަވާލުކުރާއިރު މިތަންތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އިކުއިޕްމެންޓްތަކާއި ފިޓިންގސް ހޯދާ އިންސްޓޯލުކުރުމުގެ އިތުރުން ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރާނީ އޮޕަރޭޓްކުރުމަށް ހަވާލުވާ ފަރާތުން ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ހއ.ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައި ވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އަދި އަލިފުށީ ޓިވެޓް ސެންޓަރު ޚާއްސަކުރެވިފައިވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެ އިންސްޓިޓިއުޓްތައް ހިންގުމަށް ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުންނާނެއެވެ.

މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ.ދިއްދޫގައާއި ރ.އަލިފުށީގައި ހިންގާ ޕްރޮޖެކްޓްތަކެކެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި އަތޮޅު ތެރޭގައި ވޮކޭޝަނަލް އެޑިޔުކޭޝަން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށް އިތުރު އެހެން ޕްރޮޖެކްޓްތައްވެސް ކުރިއަށްގެންދާއިރު ޕަބްލިކް-ޕްރައިވެޓް ޕާޓަނަރޝިޕް އުސޫލުން ކ.ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަވާލުކުރެވިފައެވެ.
މި އިންސްޓިޓިއުޓްތައް އޮޕްރޭޓްކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލެވިފައިވާ ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އާ ގުޅޭ ޓެންޑަރ ޑޮކިޔުމެންޓްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ހުޅުވާލެވުނު ޓެންޑަރގެ ސުންގަޑިއަކީ 27 މާރޗް 2023 ވާ ހޯމަ ދުވަހުގެ 13:00 އެވެ.
advertisment
ހިޔާލު