ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ޖަމާލުއްދީން ސްކޫލްގެ 29 ދަރިވަރުން ފުރިހަމަކޮށްފިއެވެ.
ފެބުރުވަރީ 25 އިން މާރިޗު 3 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމައި، ސެޓްފިކެޓް ދިނުން އޮތީ ރޭ ޖަމާލުއްދީން ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޙަސަން ޝާހުއެވެ.

ޝާހު ވިދާޅުވީ، މި ޕްރޮގްރާމުން ދަސްވި ކަންކަން އަމަލީ މައިދާނުގައި ހިފުމަށާއި ސްކޫލު ވަށައިގެންވާ ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން މަސައްކަތްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މަގުމަތީ ދަތުރު ކުރަމުން ދާއިރު ސްކޫލުތައް ކައިރީ ދަރިވަރުން ހަރަކާތްތެރިވާ ތަން ފެނުމުން އުފާވާކަމާއި ޖަމާލުއްދީން ސްކޫލު ކައިރިން ދަރިވަރުންފެނި ކުދިންނަށް ސެލިއުޓް ކޮށްލާފައި ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ މިފަދަ ހުނަރުތައް ކުރިއެރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި ސްކޫލު ސަރަހައްދާއި މަގުމަތީގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާއި މުއާމަލާތު ކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
އޭގެ އިތުރުން، ސެލްފް ޑީފެންސް ކްލާސްތަކާއި ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
advertisment
ހިޔާލު