އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭން ޣާޒީ ސްކޫލުން ކޭމްޕެއް

ޣާޒީ ސްކޫލުގެ "ޖެމްސް"ގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކޭމްޕެއް ބާއްވައިފިއެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 9:15ން ހަވީރު 4:30އަށް ކުރިއަށް ގެންދިޔަ މި ކޭމްޕަކީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމަށް، އެ ސްކޫލުން ބޭއްވި ކޭމްޕެކެވެ.

މި ކޭމްޕްގައި އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ޓީޗަރުންނާއި އިސްލީޑަރުންނާއި ކޭޑޭޓްގެ އިތުރުން ސްކައުޓުން ބައިވެރިވިއެވެ. "ޖެމްސް"ގެ ދަރިވަރުން ކޭމްޕްގައި ބައިވެރިވާން ސްކޫލަށް އައުމުން މަރުޙަބާ ކީ ވެސް އިސްދަރިވަރުންނެވެ.
މި ކޭމްޕް ރާވާފައި އޮތީ ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި މަޖާ ގޭމްތަކުގެ އިތުރުން ކުޅިވަރުތައް ވެސް ކުޅޭ ގޮތަށެވެ.

މި ކޭމްޕްގައި "ޖެމްސް" ހުރިހާ ކުދިންނަށް ފުރުޞަތު ދިނެވެ.

" ކުދިކުދި ހުނަރުތަކުން ފެށިގެން އެކުދިންނަށް ބޭނުން ހިފޭނެ ކިތަންމެ ހުނަރެއް އެ ކުދިން ލައްވައި ކުރުވީ. ބޭނުމަކީ ދަރިއުޅުމުގައިވެސް އެފަދަ މަސައްކަތް ދަރިވަރުންލައްވައި ކުރުވަން ހިތްވަރުދީ ބާރުއެޅުން" ޣާޒީން ސްކޫލުން ބުންޏެވެ.

" ކެއްކުމުގައި އެ ހޭދަ ކުރި ވަގުތުތަކުގައި، ކޮށުމާއި މެށުމާއި ނޮޅުން ފަދަ ކަންތައްތައް އެ ދަރިވަރުންގެ ބައިވެރިވުން ބޮޑު. ވަރަށް ޝަޢުޤުވެރިމާއެކު ކުރާހިތުން އެފަދަ މަސައްކަތް ކުރާތަން ފެނުނީ"

ނަމާދު ވަގުތު ޖެހުމުން ވުޟޫކުރުވުމާއި ނަމާދު ކުރުމުގެ ކަންތައްތައް ވެސް ގެންދިޔައީ އެކުދިން ބައިވެރިކޮށްގެންނެވެ. ކާ ގަޑިތަކުގައި ކެއުމުގެ ކަންތައްތައް ވެސް ގެންދިޔައީ އެކުދިންލައްވައި އެ ކުދިންގެ އިސްނެގުމާ އެކުގައ ކަމަށް އެ ސްކޫލުން ބުނެއެވެ.

ޣާޒީ ސްކޫލުން ބުނީ، މި ކޭމްޕްގެ ސަބަބުން "ޖެމްސް" ގެ ދަރިވަރުންނާއި އެ ސްކޫލުގެ އިސްދަރިވަރުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ލިބި އެ ދަރިވަރުންނާމެދު ދެކޭގޮތް ބަދަލުވެ ގާތް ގުޅުމެއް އުފެދިގެން ދިޔަ ކަމަށެވެ.

އަމިއްލަ ސާފުތާހިރުކަމާ ގުޅޭ ސެޝަންތަކާއި ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ " ހިޔަރިން ޑޭ" އާ ގުޅިގެން ބެލެނިވެރިންނަށް ވެސް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ވެސް މި ކޭމްޕްގެ ތެރެއިން ކުރިއަށް ގެންދިޔައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *