ފަރިތަކަމާއެކު ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގުމަކީ މުސްތަޤްބަލަށް ވިސްނާއިރު، ފިކުރުބޮޑުވާން ޖެހޭ ވަރުގެ ކަމެއްގެ ގޮތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސިފަކުރައްވައިފިއެވެ.
ތ. ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަ ކުރުމަށް އެރަށު ސްކޫލްގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުމް މިނިސްޓަރު ވިދާޅުވި ގޮތުގައި، މަދްރަސީ ތަޢުލީމުން ދިވެހި ދަރިވަރުން، ދަސްކުރަންޖެހޭ އެންމެ މުހިއްމުކަމަކީ ދިވެހި ބަހުން ފަރިތަކަމާ އެކު ވާހަކަ ދައްކަން ދަސްކުރުން ކަމަށާއި ދިވެހި ބަހުން ފަރިތަކަމާއެކު ވާހަކަ ދެއްކުމަކީ މުޖުތަމަޢުގައި ދިރިއުޅުމަށްޓަކައި ކޮންމެހެން ބޭނުންކަމެކެވެ.
ދިވެހި ބަހަކީ، ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު ބަހާ. މިހެން މިކަން އޮތް އިރު، ދިވެހި ބަހުން، ދިވެހި ކުޑަ ކުދީންނަށް ވާހަކަ ދައްކަން ނޭނގޭ ކަމަކީ، ދިވެހި ހުރިހާ ރައްޔިތުން އެކަމަށް ހިތާމަ ކުރަންޖެހޭ ކަމެއް. މިއީ މުސްތަޤްބަލްއަށް ވިސްނާއިރު، ފިކުރުބޮޑުވާން ޖެހޭ ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދާދި އިހަކަށް ދުވަހު، ފަށާ ތަޢުލީމު ލިބެމުން ދިޔަ، ދެކުނުގެ ރަށެއްގެ ދަރިވަރުންތަކަކާ ބައްދަލުކުރި ކަމަށާއި، އެކުދީންގެ ގާތުގައި ދިވެހި ބަހުން ބައެއް ސުވާލުކުރުމުން، ކައިރީގައި ހުންނެވި ސްކޫލްގެ ނާޒިރު ވިދާޅުވީ މިނިސްޓަރު ތިޔަ ދައްކަވާ ވާހަކައެއް އެ ކުދީންނަށް ނޭނގޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ސުވާލު އިނގިރޭސި ބަހުން އެހުމުން ޖަވާބު ދިން ކަމަށެވެ.

" ދިވެހިރާއްޖޭގެ މާދަރީ ބަހުން ބައެއް ދިވެހި ކުޑަކުދީންނަށް ވާހަކަ ދައްކަންވެސް މިހާރު ނޭނގޭ! އަޅުގަނޑުގެ ހިތަށް އިސްވެ ދެންނެވި ސުވާލުވެރިވީ މިކަމުގެ ކަންބޮޑުވުން އަޅުގަނޑުގެ ހިތުގައި ވާތީ. މީގެ 70 އަހަރު ފަހުން ރާއްޖޭގެ މަސްރަޙް އޮންނާނެ ގޮތާއިމެދު އަޅުގަނޑު ކަންބޮޑުވާތީ"
ކަންކަމާ މެދު ފުންކޮށް ފިކުރުކުރާ މުފައްކިރުންގެ ނަޒަރުގައި، ތަޢުލީމީ މަންހަޖަކީ، ނުވަތަ ކަރިކިޔުލަމް އަކީ މުޖުތަމަޢުގެ އެންމެ ރަނގަޅު އާދަތަކާއި އުޅުންތައް، އަންނަން އޮތް ޖީލްއަށް ފޯރުކޮށްދޭ ޕްރޮގްރާމް ކަމަށާއި އެކި މާއްދާތައް މެދުވެރިކޮށް، ކިޔަވައިދޭ ކަންތައްތަކަކީ ޤައުމެއްގެ އެންމެ ހަރުދަނާ އާދަކާދަތަކާއި ޤައުމުގެ މިނިވަންކަމާއި، ދިވެހި ސަގާފަތާއި ދިވެހި ވަންތަކަމާއި ދިވެހި ޤައުމިއްޔަތު ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދާދި އިހަކަށް ދުވަހު، ބައިނަލްއަޤްވާމީ މާދަރީ ބަސް ދުނިޔޭގައި ފާހަގަ ކުރި ކަމަށާއި، ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ވެސް މި ދުވަސް ފާހަގަކުރި ކަމަށެވެ. އެކަމަކު ގިނަ ބަޔަކަށް ނޭނގެނީ މި ދުވަސް އިޙްތިފާލު ކުރަން ފެށުނު ގޮތެވެ.
ތާރީޚުން މިސާލު ނަންގަވައި މިނިސްޓަރު ވިދާޅުވިއެވެ. " މީގެ 75 ވަރަކަށް އަހަރު ކުރީގައި، އުތުރުކަރައިގެ ބޮޑު ސަރަޙައްދަކީ، އިނގިރޭސީން ފަތަޙަކޮށް އެމީހުން ވެރިކަން ކުރަމުން އައި ތަނެކެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، އެމީހުންނަށް އެ ސަރަޙައްދު ކޮންޓްރޯލް ނުކުރެވޭނޭ ކަން އެނގި، މުސްލިމުންނާއި ހިންދޫން ދެ ޤައުމަކަށް ބައިކުރިއެވެ. މުސްލިމުން ހިމެނުނީ އިރުމަތީ ޕާކިސްތާނާއި ހުޅަނގު ޕާކިސްތާނުގައެވެ. މިހެން މިކަން ވެފައިވަނިކޮށް، ހުޅަނގު ޕާކިސްތާނުން، ޤައުމުގެ ރަސްމީ ބަހަކީ އުރުދޫ ބަސްކަމަށް ހެދިއެވެ. ނަމަވެސް، އިރުމަތީ ޕާކިސްތާނުގެ އެންމެންހެން ވާހަކަ ދައްކަނީ ބަންގާޅު ބަހުންނެވެ.
މިކަމާއި އަދި އެހެނިހެން ސަބަބުތަކުގެ ނިހާއީ ނަތީޖާއަކަށްވީ އިރުމަތީ ޕާކިސްތާނު މިނިވަންކަން އިޢުލާނުކުރުމެވެ. ބަންގްލާދޭޝް 1971 ވަނަ އަހަރު އުފަންވުމެވެ. މާދަރީ ބަހުގެ ދުވަސް ޔުނެސްކޯއިން 1999 ވަނަ އަހަރު އިޢުލާނު ކުރީ، ބަންގްލާދޭޝް ގެ އިސްނެގުމަކަށެވެ."
އިތުރު އެހެން ޤައުމަކުން މިސާލު ނަންގަވައި، މިނިވަންކަމާއި މާދަރީ ބަހާ އޮންނަ ގުޅުމުގެ ވާހަކަ ބަޔާން ކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ޔޫރަޕުގައި ހިނގަމުންދާ ހަނގުރާމައިގެ އެންމެ މުހިއްމު އެއް ސަބަބަކީ، ރަޝިޔާ ބަހުން ވާހަކަ ދެއްކުމާއި މުޢާމަލާތް ކުރުން ޔުކްރޭންގައި މަނާ ކުރުމެވެ. ނަމަވެސް ޔުކްރޭންގެ ގިނަ ބައެއްގެ މާދަރީ ބަހަކީ ރަޝިޔާ ބަހެވެ. ދާދި ފަހަކާ ޖެހެންދެން، ސްރީ ލަންކާގައި އަހުލީ ހަނގުރާމަ ފެށެން ދިމާވި އެއް ސަބަބަކީ މާދަރީ ބަހުގެ ސަބަބުން ކަމަށެވެ.

" ދިވެހިރާއްޖެ އާއި ކައިރި އެހެން ޤައުމުތަކުގެ މީހުންނާ އަޅުގަނޑުމެން އޮންނަ މައިގަނޑު ތަފާތަކީ ދިވެހީން ދިވެހި ބަހުން ވާހަކަ ދައްކާކަން. ދިވެހީންނަކީ މުސްލިމުންނަށް ވާކަން. މި ދެސިފަ ދިވެހީންގެ ކިބައިގައި ނެތިއްޖެ ނަމަ، ދިވެހިރާއްޖެ މިނިވަން ޤައުމަކަށް ކުރާ ދަޢުވާ ނެތިގެން ދާނެކަމުގެ ބިރު އެބައޮތް" ޓީވީއެމުން ލައިވްކުރި ޖަލްސާގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މާދަރީ ބަހުގެ ޙައްސާސް ކަމުންނާއި، ޚުޠޫރަތްތެރިކަމުން، ދިވެހިރާއްޖޭގައި ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނެއް ވެސް އޮންނަ ކަމަށެވެ.
މި ޤާނޫނުގައި އޮންނަ އެއް މާއްދާއަކީ، ދިވެހިރާއްޖޭގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އޮފީސްތަކާއި އިދާރާތަކުން، ދިވެހީންނަށް އަމާޒުކޮށްގެންލިޔާ އެންމެހައި ލިޔުންތައް ލިޔަންވާނީ ދިވެހިބަހުން ތާނަ އަކުރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެ ޤާނުނުގެ 5 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި، ޢާއްމުންނަށް ފެންނަ ގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައި ވެސް އެތަނެއްގެ ނަން، ކިޔަން އެނގޭނެހެން ތާނައަކުރުން ލިޔެފައި އޮންނަން ވާނެކަމަށް ލިޔެވައި އޮންނަ ކަމަށާއި، ތާނަ އަކުރުން ނޫން އަކުރަކުން ނަން ލިޔެފައި ވާ ނަމަ، އެ ލިޔުމެއް ތާނަ އަކުރުން ލިޔެފައިވާ ލިޔުމަށް ވުރެ ބޮޑުވެގެން ނުވާނެކަމަށް ވެސް އެ މާއްދާގައި ލިޔެފައިވާކަން ހަނދާން ކޮށްދެއްވައި ދެން މިނިސްޓަރު ވިދާޅުވީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރުމަތާއި ޤަދަރު އަޅުގަނޑުމެންނަށް ދެވެނީ ކިހާވަރަކަށްތޯ ވިސްނާލުމަށެވެ.
advertisment
ހިޔާލު