އަބޫބަކުރު ސްކޫލްގެ ދަރިވަރުންގެ ސިޓީއެއް ޕްރިންސިޕަލަށް: އެދުނީ ގޮނޑުދޮށް ހަޑިވާތީ ސާފުކުރާނެ ދުވަހެއް ހަމަޖައްސައިދޭން

ގދ. އަތޮޅުގެ މޫނުމަތި ކަމުގައި ބަލާ، ތިނަދޫ ގޮނޑުދޮށް ހަޑިވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެރަށުގައި ހުންނަ އަބޫބަކުރު ސްކޫލްގެ ދަރިވަރުންތަކެއް ޕްރިންސިޕަލަށް ސިޓީއެއް ފޮނުވައިފިއެވެ.

އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު އަޖީބަށް ޕްރައިމަރީ ގުރޭޑްގެ ދަރިވަރުން ފޮނުއްވި ކުރު ސިޓީގައި ބުނެފައި ވަނީ ތިނަދޫގެ ގޮނޑޮދޮށް ވަރަށް ބޮޑަށް ހަޑިވެފައިވާ ކަމަށެވެ. ގޮނޑުދޮށް ސާފްކުރަން ޕްރިންސިޕަލް ބޭނުންވާނަމަ، ދުވަހެއް ހަމަޖެއްސުމުން ގޮނޑުދޮށް ސާފުކުރަން ދާނެ ކަމަށް އެ ސިޓީގައި ދަރިވަރުން ބުނެފައިވެއެވެ.

ޕްރިންސިޕަލް އަޖީބު ވަނީ ދަރިވަރުން ފޮނުވި ސިޓީ އާންމު ކުރައްވާފައެވެ. ވިދާޅުވީ އެއީ 21 ވަނަ ޤަރުނުގެ ތަޢުލީމުން ދެކެން ބޭނުންވާ ދަރިވަރުން ކަމަށެވެ.

ދަރިވަރު ނޫހަށް އަޖީބު ވިދާޅުވީ، ގުރޭޑް 4 ސީގެ ތިން ދަރިވަރުން ބައްދަލުކުރަން އައިސް، ދިއްކޮށްލީ ސިޓީ އުރައެއް ކަމަށެވެ.

" އެ ކުދިން އައިސް ބައްދަލުކޮށްފައި ދިއްކޮށްލީ ވަރަށް ރީތިކޮށް ހަދާލާފައި އޮތް ސިޓީއުރައެއް. އެ ކަނޑާލިއިރު އޮތީ ފަތްޖަހާލާފައި އޮތް ސިޓީއެއް. އެ ސިޓީ ކިޔާލުމުން ފެންކަޅިވި. ވަރަށް އަސަރުކުރި" އަޖީބު ވިދާޅުވިއެވެ.

އަޖީބު ވިދާޅުވީ، އެ ދަރިވަރުންގެ ފަރާތުން ނެގި އިސްނެގުމާމެދު ފަޚުރުވެރިވާ ކަމަށާއި، އެ ދަރިވަރުން އެދުނު ގޮތަށް މުޅި ސްކޫލް ޝާމިލްވާ ގޮތަށް ގޮނޑުދޮށް ސާފުކުރަން ދުވަހެއް ހަމަޖައްސާނެ ކަމަށެވެ.

އަޖީބު ވިދާޅުވީ، ގުރޭޑް 4 ސީގެ ދަރިވަރުންނާ މިއަދު ބައްދަލުކޮށް އެ ދަރިވަރުން އެދުނު ގޮތަށް އެކަން ހަޖައްސައިދޭނެ ކަމުގެ ޔަޤީންކަންދޭނެ ކަމަށެވެ.

އަޖީބު ވިދާޅުވީ އެ ދަރިވަރުންގެ އިސްނެގުމަކީ އެއީ އެހެން ހުރިހާ ދަރިވަރުންނަށް ވެސް މިސާލެއް ކަމަށެވެ.

" އަޅުގަނޑަށް ވިސްނުނީ މުޖްތަމައުގެ ތެރޭގައި ހުންނަ ކަންތައްތަކާ މެދު އެ ދަރިވަރުން ވިސްނާވަރު. ވަށައިގެންވާ ވެއްޓާމެދު އެކުދިން ސަމާލުކަންދޭ މިންވަރު" އަޖީބު ވިދާޅުވިއެވެ.

އަބޫބަކުރު ސްކޫލްގައި 450އާ ގާތްކުރާ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *