އާންމު ދިރިއުޅުމުގައި ބޭނުންކުރާ ( ތްރީއޭ އާއި ޓޫ އޭ ބެޓެރި) ބެޓްރިތައް ރައްކާތެރި ކަމާއެކު ނައްތާލުމަށް މަނަފަރު ރިސޯޓުން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ބައިވެރިވެ، އުކާލާ ބެޓްރި އެއްކުރުމުގެ މަސައްކަތް ހއ. އޭއީސީގައި ކިޔަވާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން "ޝައިން" ދަރިވަރުން ފަށައިފިއެވެ.
ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން އިސްވެ ފެށި މި މަސައްކަތް އެ ސްކޫލުގައި މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚާއްޞަ އެހީއަށް ބޭނުންވާ 120 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އޭގެ ތެރެއިން 20 ކުދިންނަކީ ސިވިއަރ ކުދިންނެވެ.
ޕްރިންސިޕަލް ނާހިދު ދަރިވަރު ނޫހަށް ވިދާޅުވީ، ބެޓަރި އެއްކޮށްފައި މަނަފަރު ރިސޯޓާ ހަވާލު ކުރަން ޚިޔާލު ދިނީ، ސެން ކުލާހުގެ ދަރިވަރުން އެ ރިސޯޓަށް ކުރި ދަތުރެއްގައި ކަމަށެވެ.
" ރިސޯޓުން އަޅުގަނޑުމެންނަށް ދިން ޚިޔާލެއް އެއީ ބެޓަރި އެއްކޮށްފައި އެ ރިސޯޓާ ހަވާލުކުރަން. ބެޓަރި ހަވާލުކުރަން ޖެހެނީ އެމީހުން ދޭ ޚާއްޞަ ފުޅިއަކަށް އެޅުމަށްފަހު" ނާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ފުރައިގެންދާ ގެސްޓުންނަށް އެއިން ފުޅިއެއް ހަވާލުކޮށް، ގެސްޓުންގެ ޒިންމާގެ ދަށުން، ރައްކާތެރިކަމާއެކު އެފަދަ ތަކެތި ނައްތާލާ ރާއްޖެއިން ބޭރުގެ މަރުކަޒުތަކަށް ހަވާލުކުރާ ކަމަށެވެ.
ނާހިދު ވިދާޅުވީ، އެކަން އެގޮތަށް ކުރަން ގެސްޓުން މައްސަލައެއް ނުޖައްސާ ކަމަށާއި އެހެން ހެދުމުން މާބޮޑު މަސައްކަތަކާ ނުލައި ބެޓްރިތައް ރާއްޖެއިން ބޭރުކޮށް، ނައްތާލެވޭ ކަމަށް ރިސޯޓުން ބުނާ ކަމަށެވެ.
" އަޅުގަނޑުމެންގެ ދައުރަކީ އުކާލާ ބެޓްރިތައް އެއްކޮށްފައި، ރިސޯޓުން ދޭ ފުޅިފުޅިއަށް އަޅާފައި އެމީހުންނާ ހަވާލުކުރުން" ނާހިދު ވިދާޅުވިއެވެ.
ނާހިދު ވިދާޅުވީ، ކޮންމެ ހަފްތާއަކު ވެސް ބުރާސްފަތި ދުވަހު "ޝައިން" ދަރިވަރުން އެ ރަށުގެ މުއައްސަސާތަކަށް ގޮސް އުކާލަން ހުރި ބެޓެރިތައް ހޮވައިގެން ސްކޫލަށް ގެންނާނެ ކަމަށެވެ. އަދި އެ ދަރިވަރުންނަށް އެހީވުމުގެ ގޮތުން އެ ސްކޫލްގެ ގުރޭޑް 5ން މަތީގެ ދަރިވަރުން، އުކާލާ ބެޓަރި ހޯދަން މަހަކު އެއްފަހަރު ގޭގެއަށް ޒިޔާރަތް ކުރާނެ ކަމަށާއި، އެއްކުރާ ބެޓެރި އެކުދިން ހަވާކު ކުރާނީ "ޝައިން" ދަރިވަރުންނާ ކަމަށް ނާހިދު ވިދާޅުވިއެވެ.
ހާހަކާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ކިޔަވަމުންދާ ހއ. އޭއީސީން ބުނީ، ބެޓަރި ކަލެކްޝަން ޕްރޮގްރާމުގުގެ ތެރެއިން ދަރިވަރުން ކުރާ މަސައްކަތައް ބަލައި ސެޓްފިކެޓާއި މެޑަލް ވެސް ދޭން ނިންމާފައިވާ ކަމަށެވެ.
" ހިތްވަރު ދިނުމުގެ ގޮތުން ސެޓްފިކެޓާއި މެޑަލް ދޭން ނިންމީ" ނާހިދު ވިދާޅުވިއެވެ.
ނާހިދު ވިދާޅުވި ގޮތުގައި "ޝައިން" ގެ ދަރިވަރުން ސެންޓީޗަރުންގެ ބެލުމުގެ ދަށުން މަސައްކަތް ކުރާއިރު، ތަންތަނަށް ޒިޔާރަތްކޮށް އިސްވެ ވާހަކަ ދައްކާނީ ވެސް އެ ދަރިވަރުން ކަމަށެވެ. ބޭނުމަކީ އިޖްތިމާއީ ގޮތުން ވެސް ކަންތައްތަކެއް އެކުދިންނަށް ދަސްކޮށްދިނުމެވެ.
" ދަރިވަރުންނަށް އެކަނި ދޫކޮށްނުލާނެ. އެ ދަރިވަރުން މަސައްކަތް ކުރަމުންދާ ގޮތް ޓީޗަރުން ދާނީ އަބަދުވެސް ކައިރިން މޮނީޓަރ ކުރަމުން" ނާހިދު ވިދާޅުވިއެވެ.
ނާހިދު ވިދާޅުވީ ބެޓަރި ނައްތާލުމުގައި އެ ސްކޫލްގެ ސެންޓީޗަރުންނާއި ލީޑިންގ ޓީޗަރު އާމިނަތު ސަނާގެ މަސައްކަތް ފާހަގަކުރެއްވޭ ކަމަށެވެ.
advertisment
ހިޔާލު