ޅ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޕްރިންސިޕަލަކު ހޯދަނީ

ޅ. ހިންނަވަރުގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒަށް ޕްރިންސިޕަލަކު ހޯދަން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގެ މަގާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ.

ޝަރުޠެއް ކަމަށް އެ އިއުލާނުގައި ބުނެފައި ވަނީ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.

ނޫނީ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތް ކޮށްފައިވުމެވެ.

އެއްވަނަ ރޭންކުގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަޤާމުގެ އެލަވަންސާއެކު 26،181 ރުފިޔާއެވެ. މީގެ އިތުރުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ޙާޒިރީ އިނާޔަތުގެ ގޮތުގައި 258ރުފިޔާ ލިބެއެވެ.

ދެވަނަ ރޭންކުގެ މުސާރައެއްގެ ގޮތުގައި ކަނޑަޅާފައި ވަނީ މަޤާމުގެ އެލަވަންސާއެކު 28،285 ރުފިޔާއެވެ. ހާޒިރީ އެލަވަންސަކީ 279ރުފިޔާއެވެ.

ވަޒީފާއަށް ގާބިލު މީހަކު ހޮވުމުގައި އެންމެ ގިނަ މާކްސް ދޭން ކަނޑައަޅާފައި ވަނީ އިންޓަވިއުއަށެވެ. އެއީ 40 އިންސައްތައެވެ. ޕްރިންސިޕްލް ނުވަތަ ޑެޕިއުޓީ ޕްރިންސިޕަލް، ރޭންކް 2 ގެ ޝަރުޠު ފުރިހަމަވާނަމަ 30 އިންސައްތަ މާކްސް ލިބޭއިރު، 20 އިންސައްތަ ލިބެނީ ޕްރެކްޓިކަލް އަށެވެ. އަސާސީ ޝަރުޠުގައި ބަޔާންކުރާ ކިޔަވައި ދިނުމުގެ ތަޖުރިބާގެ މުއްދަތަށްވުރެ އިތުރުވާނަމަ ލިބެނީ ފަސް އިންސައްތައެވެ. "ހިންގުމުގެ ދާއިރާގެ ތަޖުރިބާ" ގެ މުއްދަތަށް ވުރެ އިތުރުވާނަމަ ވެސް ލިބެނީ ފަސް އިންސައްތައެވެ.

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް އެންމެ ފަހުން ހުންނެވީ ފަޒުނާ ޔޫސުފު ފާރިގެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *