ނޮޅިވަރަންފަރު ސްކޫލްގެ "ހުނަރުވެރިންގެ ދަރުބާރު" ގައި ދަރިވަރުން ތަފާތު ދައްކަނީ

ދަރިވަރުންގެ ހުނަރުތައް ދައްކާލުމަށް " ހުނަރުވެރި ދަރުބާރު" ހދ. ނޮޅިވަރަންފަރު ސްކޫލުން ފެށީ އުއްމީދާއެކުގައެވެ. ހުރިހާ އުމުރުފުރައަކަށް ބައިވެރިވޭވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ހުނަރުވެރި ދަރުބާރުގައި ކޮންމެ ދަރިވަރަކު ވެސް ދައްކާލަނީ އެ ދަރިވަރަކަށް ލިބިފައި ހުރި، އެހެން މީހުންނަށް ނޭނގޭ ހުނަރެކެވެ. ދަރިވަރުންގެ ހުނަރާމެދު ނޮޅިވަރަންފަރު ސްކޫލަށް ލިބިގެން ދަނީ ހައިރާންކެމެކެވެ.

ފުރަތަމަ ފަހަރަށް ބާއްވާ މި ދަރުބާރުގެ ބޭނުމަކީ ސްކޫލް ފެންވަރުގައި ހުނަރުވެރިކަމުގެ ގޮތުން ފާހަގަކުރެވޭ ދަރިވަރުންނަށް ތަފާތު ފެންވަރުތަކުގައި ފުރުޞަތު ހޯދައިދނުމާއި، ދަރިވަރުންނަށް ލިބިފައިވާ ފަރުދީ ހުނަރު ކުރިއެރުވުމަށް ހިތްވަރުދީ ދަރިވަރުން ދިރިއުޅެމުންދާ މާހައުލުން އެ ހުނަރު ތަރައްޤީ ކުރުމުގެ ފުރުޞަތު ތަނަވަސްކޮށް ދިނުން ކަމަށް އެ ސްކޫލުން ބުނެއެވެ.

ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވީ، އެ ސްކޫލުން އެކުލަވާލި ކެޓަގަރީ ތަކުގައި ބައިވެރިވާނެ ޙަރަކާތެއް ކަނޑައަޅަން ދޫކޮށްލާފައި ވަނީ ދަރިވަރުންގެ އަމިއްލަ އިޚްތިޔާރަށް ކަމަށެވެ.

ހުނަރުވެރި ދަރުބާރުގައި ސްޓޭޖް މަތީ ހަރަކާތްތަކާއި އެނޫން ހަރަކާތްތައް ހިމެނެއެވެ.

" އަޅުގަނޑުމެން ޚިޔާލަށް ވެސް ނާންނަފަދަ އުފެއްދުންތަކާއި ހުނަރުތައް ދަރިވަރުންގެ ފަރާތުން ފެނިގެން އެބަދޭ. އެކުދިންގެ ޚިޔާލާއި އުފެއްދުންތެރިކަން މިއިން ދައްކުވައިދެނީ" އަލީ އަހުމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ހުނަރުވެރިންގެ ދަރުބާރު" ގައި ދަރިވަރުން ބައިވެރިވާން ލިބުނު ވަގުތު ކުޑަކަމަށް ބެލެނިވެރިންގެ ފަރާތުން ކޮންމެ ވެސް ވަރެއްގެ ޝަކުވާތަކެއް ލިބުނު ކަމަށެވެ.

" އެކަށީގެންވާ ވަގުތު ލިބުނު ނަމަ، މިއަށްވުރެ މާ ފުރިހަމަ ހުނަރުތައް ދަރިވަރުންގެ ފަރާތުން ފެނިގެންދާނެ ކަމަށް ބެލެނިވެރިން ބުނޭ. މައްސަލައަކީ ތައްޔާރު ވުމަށް ހަފްތާއެއްހާ ދުވަސް މަދުވުން" 327 ދަރިވަރުން މިހާރު ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ޝަޢުޤުވެރިކަމަށް ބަލައި، ކޮންމެ އަހަރަކު ވެސް މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ތިން ދުވަހަށް ދެމިގެންދާ " ހުނަރުވެރިންގެ ދަރުބާރު" ގައި ތަފާތު ހުށަހެޅުންތަކާއި ކެއްކުމާއި އާޓާއި އެތައް އުފެއްދުންތަކެއް ފެނިގެންދާނެއެވެ. މިހާރުވެސް ބައެއް ކުދިންގެ އުފެއްދުންތައް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި ފުޓްއާރޓާއި ކޭކްޑެކަރޭޝަނާއި ސްޓޭޖްމަތީގެ ހަރަކާތްތައް ހިމެނެއެވެ.

އަލީ އަހުމަދު ވިދާޅުވީ ދަރިވަރުންގެ ހުނަރު ބަލާލުމުގެ ފުރުޞަތު ބެލެނިވެރިންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *