ނ. އަތޮޅުގެ ހަތަރު ސްކޫލެއްގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ފުރާވަރު ކޭމްޕް އެ އަތޮޅު ލަންދޫ ސްކޫލުގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ބައިވެރިވަނީ ލަންދޫ ސްކޫލުގެ 38 ދަރވަރުންގެ އިތުރުން މާފަރު ސްކޫލުގެ 34 ދަރިވަރުންނާއި ޅޮހީ ސްކޫލުގެ 32 ދަރިވަރުންނާއި ކުޑަފަރީ ސްކޫލުގެ 28 ދަރިވަރުންނެވެ.

މި ކޭމްޕް ކުރިއަށް ގެންދަނީ ދަރިވަރުންގެ އަހުލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމަށް ބާރުއެޅުމާއެކު ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދާ “އަމާންވެށި ޕްރޮގްރާމް” ގެ ދަށުންނެވެ.
ފުލުހުން ކުރިއަށް ގެންދާ މި ކޭމްޕްގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ.
ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ބުނެދޭނެއެވެ. އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކުރާނެއެވެ. އަދި އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަން ކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށް ވެސް މައުލޫމާތުދީ ހުނަރުތައް މި ކޭމްޕްގައި ދަސްކޮށްދެއެވެ.

ދަރިވަރުންނާ ގުޅުންހުރި ގާނޫނު ތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންތައްތައް ވެސް ދަސްކޮށް ދިނުން މި ކޭމްޕްގައި ހިމެނެއެވެ.
ފުލުހުން ދަނީ މިފަދަ ކޭމްޕްތައް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށް ހިންގަމުންނެވެ. މިއީ 98 ވަނަ ކޭމްޕެވެ.
advertisment
ހިޔާލު