އަވަށު މަދަރުސާގެ 39 ވަނަ އަހަރީ ދުވަސް މިއަދު އެ ސްކޫލުގައި ފާހަގަކޮށްފިއެވެ.
އަހަރީ ދުވަހުގެ ޚާއްޞަ އެސަމްބްލީ ޝަރަފުވެރިކޮށް ދެއްވައި، އެ ސްކޫލްގެ ދިދައާއި އަހަރީ ކޭކު ފަޅުއްވައި ދެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.
ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ބައިވެރިވި މި އެސަމްބްލީގައި ޑރ. ޝަރީފު ވިދާޅުވީ، ޕްރީ ސްކޫލްތަޢުލީމަކީ ހަރުދަނާ ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ކުއްޖާގެ ޖަޒުބާތީ ޖިސްމާނީ ބޭނުންތައް ފުރިހަމަ ގޮތުގައި ތަރައްޤީ ކުރުމަށް އަޅައިދޭ ބިންގަލެއް ކަމަށެވެ. މި އުމުރުފުރައިގެ ތަޢުލީމުން މުސްތަގުބަލުގައި ޒިންމާދާރު ރައްޔިތުންތަކެއް އުފެއްދުމުގެ ފުރުޞަތު ލިބިގެންދާ ކަމަށެވެ.
މާފަންނު މަދަރުސާގެ ދޮރާށިން ނުކުމެގެންދާ ދަރިވަރުން ވަރަށް ކާމިޔާބު މީހުންގެ ގޮތުގައި މިއަދު މުޖުތަމައުގައި މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ މާފަންނު މަދަރުސާގެ ހުރިހާ ދަރިވަރުންނަކީ ވެސް ވަރަށް ހާއްސަ ހުނަރުތަކެއް ލިބިފައިވާ ކުދިންތަކެއް ކަމަށެވެ. އެ ކުދިން ބޮޑުވަމުން އަންނަ ވަރަކަށް އެކަންކަން ތަރައްގީވެ އޭގެ ބޭނުން ހިފުމުގެ ފުރިހަމަ ވަސީލަތް އެ ކުދިންނަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާފަންނު މަދަރުސާ މީގެ 39 އަހަރު ކުރިން، 1984 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވީ، ޕްރީ ސްކޫލެއްގެ ގޮތުގައެވެ. އޭގެ ފަހުން ގުރޭޑް ކުލާސްތަކަށް ކިޔަވައިދޭން ފެށި ނަމަވެސް، މިހާރު ކިޔަވައި ދެމުން ގެންދަނީ ނާސަރީ ގުރޭޑް ތަކަށާއި ބޭބީ ނާސަރީއަށެވެ.
advertisment
ހިޔާލު