ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލަށް 25 އަހަރު ފުރުނު ރިހިޔޫބީލްގެ ހަރަކާތްތައް މިއަދު ފަށައިފިއެވެ. އެ ސްކޫލުގެ ރިހިޔޫބީލް ހަރަކާތްތައް ފެށީ މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވި ޚާއްޞަ އެސަމްބްލީއިންނެވެ. ޝަރަފުވެރި މެހުމާނެއްގެ ގޮތުން މި އެސަމްބްލީގައި ބައިވެރިވެ ވަޑައިގެންނެވީ އެ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް އާސިފު ރަޝީދެވެ.
އެސަމްބްލީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ވީޑިއޯ މެސެޖެއް ވަނީ ގެނެސްދީފައެވެ.

މިނިސްޓަރުގެ މެސެޖްގައި ވިދާޅުވީ، ޙަމަދު ސްކޫލަކީ ލ. އަތޮޅާއި ގަމުގެ އެންމެ މުހިންމު އެއް މުއައްސަސާ ކަމަށެވެ. ޢިލްމީ ޖީލެއް ބިނާކޮށް ދުޅަހެޔޮ މުޖްތަމައެއް ޤާއިމްކުރުމުގައި އެންމެ އިސްސަފުގައި މަސައްކަތްކުރާ މުހިންމު ބައިވެރިއެއް ކަމަށެވެ.
އެސަމްބްލީއަށްފަހު، 15 އަހަރު ފަހުން ނެގުމަށް ޓައިމް ކެޕްސޫލެއް ވަޅުލިއެވެ. މި ކެޕްސޫލުގައި ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރުގެ ޚާއްޞަ މެސެޖެއް ވަނީ ހިމަނާފައެވެ.

އަހަރީ ދުވަހުގެ ހެޔޮއެދުންތައް ރައްދުކުރުމަށް ޙަމަދު ސްކޫލްގެ ދަރިވަރުން މިއަދު ވަނީ ރަށުގެ އިސްރަށްވެހިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ހަދިޔާއާއި އަހަރީ ދުވަހުގެ ތަހުނިޔާ ކާޑު ހަވާލުކޮށްފައެވެ.
ޙަމަދު ސްކޫލްގެ ޕްރިންސިޕަލް ޝައުކަތު ލަތީފު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ 25 އަހަރު ފުރުނު ރިހިޔޫބީލްގެ ހަރަކާތައްތައް މުޅި އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، އަހަރު ދުވަހުގެ ތެރޭގައި 25 ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި، ކުރިއަށް ގެންދާނެ ހަރަކާތްތައް ކަނޑައަޅަނީ އެ ކޮމިޓީން ކަމަށެވެ.

ގަތަރުގެ އަމީރުގެ އެހީގައި ޙަމަދު ސްކޫލް އިމާރާތްކޮށް ކިޔަވައިދޭން ފެށީ 1998ވަނަ އަހަރުއެވެ.
advertisment
ހިޔާލު