ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާޞިލްކުރުމަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި 720 ފުރުޞަތަށް މިއަދު ހުޅުވާލައިފިއެވެ. ކުރީ އަހަރާ ޚިލާފަށް ލޯނުގެ ފުރުޞަތުގެ ދަށުން ޑޮކްޓަރީ ކަމާއި ޕައިލެޓް ކަމަށް ޚާއްޞަ ކުރި ޖާގަތައް ވަނީ ކުރީ އަހަރަށް ވުރެ އިތުރުކޮށްފައެވެ.
އިދާރީ ފީގެ ގޮތުގައި އެއް އިންސައްތައިގެ ފީއަކާއެކު ދޫކުރާ މި ލޯން ސްކީމްގެ ދަށުން ލޯން ދޫކުރަނީ ޓްރެއިނިންގ ނީޑްސް ރިކުއަމަންޓަށް ފެތޭގޮތަށް ޤައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކުރީ އަހަރާ ޚިލާފަށް ޕައިލެޓްކަމާއި ޑޮކްޓަރީކަން ކިޔެވުމަށް ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.
މިދިޔައަހަރު އެންމެ ބާރުބޮޑުވީ ޕައިލެޓްކަން ކިޔެވުމަށެވެ. ޕައިލެޓްކަން ކިޔެވުމަށް ޚާއްޞަ ކުރި 10 ޖާގައަށް އެތައް ސަތޭކަ ކުދިން ކުރިމަތިލިއެވެ. މި އަހަރު ފަށާ ލޯން ސްކީމްގެ ދަށުން އެ އަދަދު ވަނީ 60އަށް އިތުރުކޮށްފައެވެ. އަދި ޑޮކްޓަރީކަން ކިޔެވުމަށް މި އަހަރު ވަނީ 55 ޖާގަ ކަނޑައަޅާފައެވެ. މިދިޔަ އަހަރު ކަނޑައެޅީ 25 ޖާގައެވެ. މެޑިސިންއިން މާސްޓަރސްއަށް ކިޔަވަން ޚާއްޞަ ކުރި ޖާގަވެސް މިދިޔަ އަހަރަށްވުރެ އިތުރުރެވެ. މި އަހަރު 20 ޖާގަ މެޑިސިން ދާއިރާއިން މާސްޓަރސްއަށް ކިޔަވަން ޚާއްޞަކުރިއިރު، މިދިޔަ އަހަރު ކަނޑައަޅާފައި ވަނީ 10 ޖާގައެވެ.
މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ފުރުޞަތު ހުޅުވާލާފައިވެއެވެ.
ޔުނިވަރސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކް ގައި ކިޔަވައިދޭނެ ލެކްޗަރަރއިން ތަމްރީނު ކުރުމަށް ޕީ.އެޗް.ޑީ ލެވަލްއަށް ފުރުޞަތު ހުޅުވާލާފައިވެއެވެ.
ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދެވިފައިވެއެވެ.
މިގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.
15 ފެބްރުއަރީ 2023 އިން ފެށިގެން 1 މާރިޗު 2023 އާއި ހަމައަށް ހުށަހަޅާ އެޕްލިކޭޝަން މިނިސްޓްރީން ބެލުމަށްފަހު ރަގަޅު ކުރަންޖެހޭނަމަ، އެކަން އަންގައި ރަގަޅު ކުރުމަށް ފުރުޞަތު ދެވޭނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 މާރިޗު 2023 ވާ ބުދަ ދުވަހުގެ 13:30 އެވެ.
advertisment
ހިޔާލު