ވާދޫ ސްކޫލުގެ ރީޑީންގ ކޯނާތަކުން ފެންނަ ހިތްގައިމު މަންޒަރު

ފޮތްތެރިކަމަށް ދަރިވަރުންގެ ޝަޢުޤު ވެރިކަން އިތުރު ކުރުމަށް ރ. ވާދޫ ސްކޫލުގެ ކުލާސް ރޫމްތަކުން ފެންނަނީ ތަފާތު މަންޒަރެކެވެ. ކޮންމެ ކުލާހެއްގައި ވެސް "ރީޑިންގ ކޯނާ" ޚާއްޞަކޮށްފައި ވަނީ ދަރިވަރުންނަށް ހިތްހަމަޖެހޭ މާހައުލެއްގައި ފޮތް ކިޔޭނެ ގޮތަށެވެ. ރީޑިންގ ކޯނާތަކުން ފެންނަނީ ހިތްގައިމު ކުރެހުންތަކެވެ.

ވާދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަޞީރު ދަރިވަރު ނޫހަށް ވިދާޅުވީ، ރީޑިންގ ކޯނާތައް ތައްޔާރުކުރުމުގެ މަސައްކަތް ދޫކޮށްލެއްވީ ޓީޗަރުންނަށާއި ބެލެނިވެރިންނަށެވެ. ބޭނުމަކަށްވީ ތަފާތު ޚިޔާލުތަކާއެކު ކުދިން ޝަޢުޤުވެރިވާނެ ތަނަކަށް އެތަން ބަދަލުކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ.

" ޓީޗަރުންނާއި ބެލެނިވެރިންނަށް ދޫކޮށްލުމުން، ތަފާތު ޚިޔާލުތައް އެކުވެ ނިމިގެންދާއިރު، ވަރަށް ފުރިހަމަ ތަނެއްގެ ގޮތުގައި ފެންނަން ހުންނަނީ" އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރީޑިންގ ކޯނާތައް ބަލަހައްޓުގެ ޒިންމާ ވެސް ދޫކޮށްލީ ދަރިވަރުންނަށެވެ. އެ ކުލާހެއްގައި ހުންނަ ރީޑީންގ ކޯނާގައި ހުންނަ ފޮތްތައް ވެސް ރީތިކޮށް ތަރުތީބުން ބެލެހެއްޓުމަކީ އެ ކުލާހެއްގެ ދަރިވަރިވަރުންގެ ޒިންމާއެއް ކަމަށް ވެސް ޕްރިންސިޕލް ވިދާޅުވިއެވެ.

" މިފަދަ ކަންތައްތަކުގެ ތެރެއިން ދަރިވަރުންނަށް ޒިންމާ ނަގަން ދަސްކޮށްދެވޭ، ފޮތްތައް ތަރުތީބުކޮށް ބަލަހައްޓާނީ ވެސް ކުދިން. އަދި މަދުވާ ފޮތްތައް ހޯދުމުގައި ވެސް ދަރިވަރުންގެ ރޯލު ބޮޑުވާނެ. ނެތް ފޮތްތައް ރަށުން ލިބެން ހުރިނަމަ އެ ފޮތްތައް ހޯދުމުގެ މަސައްކަތް ވެސް ދަރިވަރުން ކުރާނެ" ސަތޭކައަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހެއްގައި، ޓައިމްޓޭބަލުގައި ހިމަނައިގެން 15 މިނެޓް ފޮތް ކިޔުމުގެ ޙަރަކާތެއް ކުރިއަށް ގެންދާ ކަމަށެވެ. އެ ހަރަކާތުގައި އެ ސްކޫލުގެ ދަރިވަރުންނާއި ހުރިހާ ސްޓާފުން ބައިވެރިވެއެވެ.

އިސްމާއިލް ވިދާޅުވީ، ރީޑިންގ ކޯނާތަކާއެކު ދަރިވަރުންގެ ފޮތްތެރި ކަމަށް ހެޔޮ ބަދަލު އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. ފޮތް ލިޔުއްވާ ފަރާތްތަކުގެ ނަންތައް ވެސް ދަރިވަރުންނަށް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

" ފޮތުގެ ތެރެއަށް ދަރިވަރުން ވެއްދުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ މިހާރު އެބަފެނޭ. މިއީ ހުއްޓާ ނުލާ ކުރިއަށް ގެންދަންޖެހޭ މުހިންމު މަސައްކަތެއް. މި މަސައްކަތުގައި ޓީޗަރުންނާއި ބެލެނިވެރިންގެ އެއްބާރުލުން ލިބޭތީ އެއީ ވަރަށް ބޮޑު ހިތްވަރެއް" އިސްމާއިލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *