ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ހެއްދި ކޮޕީފަތް ހަދިޔާ ކުރީ ޕްރިންސިޕަލަށް

ކިނބިދޫ ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ހެއްދި ކޮޕީފަތް ކަނޑާފައި އެންމެ ފުރަތަމަ ވެސް ހަދިޔާ ކުރެއްވީ ސްކޫލުގެ ޕްރިންސިޕް އަހުމަދު އަބްދުﷲ އަށެވެ. އަދި އެ ސްކޫލުގެ ލީޑިންގ ޓީޗަރުންނަށް ވެސް ފަތް ހަދިޔާ ކުރެއްވިއެވެ.

ފަތްތައް ކަނޑާވަރު ވުމުން، ކެނޑީ ވެސް ދަރިވަރުން އަމިއްލަ އަށެވެ. ބޭނުންވީ އެ ކުދިންގެ އެ މަސައްކަތުގެ ކާމިޔާބީގައި ޕްރިންސިޕަލް ބައިވެރިކުރެއްވުމެވެ.

"ޓީޗަރު އައިސް ބުނީ، އެ ކުދިން ބޭނުމޭ ޕްރިންސިޕަލަށް ފަތް ހަދިޔާ ކުރަން"

ޕްރިންސިޕަލަށް އެތަނަށް ދެވުމާއެކު، ކަނޑާފައި ހުރި ކޮޕީފަތްތަކުން ބޮނޑިއެއް އެ ކުދިން ހަދިޔާ ކުރެއްވިއެވެ. އަދި ޕްރިންސިޕަލާއެކު ފޮޓޯ ވެސް ނެންގެވިއެވެ.

އެވަގުތު އަހުމަދަށް ކުރެއްވުނީ ތަފާތު އިހިސާސެކެވެ.

" ކުދިން އަމިއްލައަށް ކަމެއްކޮށް އޭގެ ނަތީޖާ ފެނުނީމާ ވަރަށް އުފާވި. ސްކޫލުގައި ކުދިންނާއެކު، ކުދިންނަށް އެދެވޭ އިރުޝާދުގެ ތެރެއިން ކަމެއް ކާމިޔާބު ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވުނީ" ދަރިވަރު ނޫހާ ވާހަކަ ދައްވަމުން އަހުމަދު ވިދާޅުވިއެވެ.

ކަރިކިއުލަމާ ގުޅުވައިގެން ކުރިއަށް ގެންދާ އެ ހަރަކާތުގެ ތެރެއިން، ޕްރައިމަރީ ގުރޭޑްތަކުން ދަށުގެ ހުރިހާ ދަރިވަރުން ވެސް، ގަސް ހައްދަނީ ކުލާސް ކުރިމަތީގައި އެކަމަށް ޚާއްޞަ ކޮށްފައިވާ ތަނުގައެވެ. ދަރިވަރުން ހައްދާ ތަކެތީގެ ތެރޭގައި ކިއުކަމްބާއާއި ކޮޕީފަތާއި ލެޓިއުސް ހިމެނެއެވެ.

ގަސްއިންދަން ކުރަންޖެހޭ މަސައްކަތުން ފެށިގެން ފެންދީ ބަލަހައްޓަނީ ވެސް އެ ދަރިވަރުންނެވެ. އެ ދަރިވަރުން މަސައްކަތް ކުރާނީ ޓީޗަރުގެ ބެލުމުގެ ދަށުންނެވެ.

އަހުމަދު ވިދާޅުވީ ދަރިވަރުން ކުރާ އެ މަސައްކަތް ކޮންމެ ދުވަހަކުހެން ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، އެކުދިންގެ ފަރާތުން ފެންނަނީ އަމިއްލަކަމެއް ކުރެއްވޭ ކަމުގެ ހިތްހަމަޖެހުން ކަމަށެވެ.

" ވަރަށް ގަޔާވެގެން ޝަޢުޤުވެރިކަމާއެކު މަސައްކަތް ކުރާތަން ފެންނަނީ. އެކުދިން އެ މަސައްކަތް ކުރަނީ ވެސް އަމިއްލަ ކަމެއްގެ ގޮތުގައި"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *