ޗާރޓަރޑް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 200 ސްކޮލަރޝިޕް

އެކައުންޓިންގެ ދާއިރާގައި ފަންނީ މަސައްކަތް ކުރުމުގެ ފުރުޞަތު ދިވެހީންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ޚަރަދުގައި ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމުގެ ސްކޮލަރޝިޕް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މިއަދު އިއުލާންކޮށްފިއެވެ.

މި 200 ސްކޮލަރޝިޕް ބަހާލައިފައި ވަނީ ދެ ކެޓެގަރީ އަށެވެ. އެއީ، 150 އޯޕަން ކެޓެގަރީ އަދި 50 ޕަބްލިކް ކެޓެގަރީއަށެވެ.

ސްކޮލަރޝިޕް ތަކުގައި ފުރިހަމަކުރަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި، ފެންވަރު:

  1. ACCA ސްކިލްސް ލެވެލް
  2. ACCA ޕްރޮފެޝަނަލް ލެވެލް
  3. CIMA މެނޭޖްމަންޓް ލެވެލް
  4. CIMA ސްޓްރެޓީޖިކް ލެވެލް

މި ސްކޮލަރޝިޕްތަކަކީ ދިވެހިންނަށް އަމާޒުކޮށް އިޢުލާނުކުރި ސްކޮލަރޝިޕްތަކެކެވެ. މައިގަނޑު މަޤްޞަދަކީ ވާދަވެރި ވަޒީފާގެ ބާޒާރު ދިވެހިންނަށް ފަހިކޮށްދިނުމާއި، މި ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހީން އުފައްދައި، މި ދާއިރާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ދާއިރާއިން މިހާރު ކިޔަވަމުން ދާފަރާތްތަކަށާއި، މިދާއިރާ އާއި ގުޅުންހުރި ދާއިރާތަކުން ތައުލީމުހޯދާފައިވާ ފަރާތްތަކުން ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓުންނަށް ވުމަށް މި ސްކޮލަރޝިޕް ފުރުޞަތުތަކުގެ ބޭނުން ހިފޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކޮށް ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓަކަށް ވުމަށްޓަކައި، ދޭން ނިންމާފައިވާ ޚަރަދު ތަކުގެ ތެރޭގައި:

  • ރަޖިސްޓްރީކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ
  • އެނުއަލް ސަބްސްކްރިޕްޝަން ފީ
  • އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ
  • އެގްޒާމް ފީ
  • އެފްލިއޭޝަން ފީ
  • މެމްބަރޝިޕް ފީ (2 އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭކަމުގައިވާނަމަ)
  • ބުކް އެލަވަންސް
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ
  • އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޚަރަދު ހިމެނެއެވެ.

މިއީ، މި ދާއިރާއިން ސްކޮލަރޝިޕް ދިނުމަށް ހުޅުވާލި ދެވަނަ ފަހަރެވެ. މި ދިޔަ 2022 ވަނަ އަހަރުވެސް ވަނީ މި ދާއިރާއިން ކިޔެވުމަށް 173 ސްކޮލަރޝިޕް ދީފައެވެ. މިދިޔަ އަހަރުގެ ސްކޮލަރޝިޕްތައް ކާމިޔާބުކުރި ކެންޑިޑޭޓުންގެ ތެރެއިން 100 އަށްވުރެން ގިނަ ކެންޑިޑޭޓުން ވަނީ ސްކޮލަރޝިޕް ދަށުން ކިޔެވުން ފަށާފައެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް 2 އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް ދެވޭނީ ގިނަވެގެން 2 އަހަރު ދުވަހެވެ.

މި ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މައިއެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހަޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 26 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *