ކޯވިޑް-19 އިން ދަސްވި ކަންތައްތަކުގެ އަލީގައި، ދަރިވަރުންގެ ކިޔެވުމުގެ ޙާލަތު ރަނގަޅު ކުރަން މި ދަނީ މަސައްކަތް ކުރަމުން: އެޑިޔުކޭޝަން މިނިސްޓަރު

ކޯވިޑް-19 އިން ދަސްވި ކަންތައްތަކުގެ އަލީގައި، ދަރިވަރުންގެ ކިޔެވުމުގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކުގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމާއި ތަރުބިއްޔަތާއި ހުނަރު އިތުރު ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މިއަދު ފެށި  މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވަމުންނެވެ. މި ބައްދަލުވުމަކީ އިންކްލޫސިވް އެޑިޔުކޭޝަނާއި، ޔުނިސެފާއި ކެއަރ ސޮސައިޓީ ގުޅިގެން ކަމާގުޅުން ހުރި މުއައްސަސާތަކާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑްގެ ނުރައްކާތެރި ރޯގާ ދިގުދެމިގެން ދިއުމުގެ ސަބަބުން ދަރިވަރުންގެ ތަޢުލީމީ ދުވެލި މަޑުވެ ދަރިވަރުންގެ އުޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރު ކުރި ކަމަށެވެ. އެ ޙާލަތުގައި ހުރިހާ ދަރިވަރުންގެ ކިޔެވުމުގެ ޙައްޤު ރައްކާތެރި ކުރުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އެޑިޔުކޭޝަން މިނިސްޓްރީން އެޅުއްވި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

" ދިގު މުއްދަތުގައި ދަރިވަރުންގެ ތަޢުލީމީ ދުވެލި މަޑުވެ ދަރިވަރުންގެ އުޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރަމުންދިޔަ. އެ ހުރިހާ ދަރިވަރުންގެ އުނގެނުމުގެ ޙައްޤު ކަށަވަރު ކުރުމަށް އަވަސް ފިޔަވަޅުތަކެއް ވަނީ އަޅާފައި" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ހާލަތުގައި ޓެލިކިލާސް މެދުވެރިކޮށް ހަމަޖެހިފައިވާ ވަކި ތާވަލަކަށް ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށް ދެމުން ގެންދިޔަ ކަމަށެވެ. ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އައި.އީ.ޕީގެ ފިލާވަޅުތައް ފޯރުކޮށްދެމުން ގެންދިޔުމާއި ވަކިވަކި ދަރިވަރުންގެ ޙާލަތަށް ރިޢާޔަތްކޮށް ބެލެނިވެރިންގެ އެހީތެރިކަމާއެކު މިފަދަކުދިންނަށް ކުރިއަށްގެންދެވިދާނެ ޙަރަކާތްތައް ސްކޫލުތަކުން ރާވާ ފޯރުކޮށް ދެވުނު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

" ލާރނިންގ ރިކަވަރީ ސްޓްރެޓެޖީއެއް ތައްޔާރުކޮށް ސްކޫލް ތަކަށް ބޭނުންވާ ތަމްރީނުތައް މިދަނީ ފޯރުކޮށް ދެމުން. އަދި ރިމީޑިއޭޝަން ސްޓްރެޓެޖީގެ ދަށުން ދަރިވަރުންގެ ލާރނިންގ ރިކަވަރީއަށް ވެސް މިދަނީ މަސައްކަތްތަކެއް ކުރަމުން" ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *