ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ޕީޓީއޭގެއިން ކުރިއަށް ގެންދިޔަ މަސައްކަތު ދުވަހުގެ ޙަރަކާތްތަކުން 301،000 ރުފިޔާ ހޯދައިފިއެވެ.
އެ ސްކޫލްގެ މަސައްކަތު ދުވަސް ބޭއްވީ އިއްޔެއެވެ. މި ދުވަހުގެ ޙަރަކާތްތަކުގައި އެ ސްކޫލްގެ 70 މުވައްޒަފުންނާއި ބެލެނިވެރިން ބައިވެރިވިއެވެ.
މަސައްކަތު ދުވަހުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔައީ ކޮންމެ ގުރޭޑަކީ ގުރޫޕެއް ގޮތަށް ބަލައިގެންނެވެ. ޖުމްލަ 12 ގުރޫޕުން ކުރިއަށް ގެންދިޔަ މަސައްކަތް، އިއްޔެ ހެނދު 7:00 ގައި ފަށާ 4:30 އަށް ނިންމާލިއިރު، ތިންލައްކަ ރުފިޔާ ހޯދުމަކީ އެއީ ބޮޑު ކާމިޔާބީއެއް ކަމަށް އެ ސްކޫލުން ދެކެއެވެ.
"މިއީ މިހާތަނަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވުނު ފަންޑްރެއިޒިންގެ އެންމެ ބޮޑު ޙަރަކާތް." ޕްރިންސިޕަލް ހުސައިން ނައީމް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފާއިތުވި ހަތަރު އަހަރު، މިފަދަ ޙަރަކާތެއް ޕީޓީއޭއަށް ފައިސާ ހޯދަން ބޭއްވިފައި ނުވާ ކަމަށެވެ.
" މި ފައިސާ ބޭނުން ކުރާނީ ދަރިވަރުންނާ ގުޅުން ހުރި މުހިންމު ކަންތައް ތަކަށް"
ސްކޫލްގެ މި ޙަރަކާތަށް ބެލެނިވެރިންނާއި ރަށުގެ ވިޔަފާރި ވެރިންނާއި ޒުވާނުންގެ ބޮޑު ތަރުޙީބެއް ލިބުނެވެ. އެކަމައްޓަކައި ހުރިހާ ފަރާތްތަކަށް އެ ސްކޫލުން ވަނީ ޝުކުރުއަދާ ކޮށްފައެވެ.
ހއ. އަތޮޅު މަދަރުސާގައި 400 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު