ރީޗެކް ކުރުމުން އިހަވަންދޫ ސްކޫލްގެ މުޙައްމަދު ސައްޔާނަށް އޯލެވެލްގެ ގަދަ ދިހައެއްގެ އެއްވަނަ ލިބިއްޖެއެވެ.
ސައްއްޔާނަށް ކުރިން ދެ ވަނަ ލިބުނީ، ދިވެހިން އޭ އެއް ލިބިގެންނެވެ. އާއިލާއާއި އޭނާގެ ވެސް ބޭނުން ވެގެން ރީ ޗެކް ކުރަން އެދުނީއެވެ. ރީ ޗެކް ކުރުމުން ދިވެހިން އޭ ސްޓާއެއް ލިބި، ޤައުމީ ގަދަ ދިހައެއްގެ އެއް ވަނަ ލިބުނީއެވެ.
ސައްޔާން ބުނީ، ސާނަވީން އެއްވަނަ ހޯދުމަކީ އެއީ އަބަދުވެސް ދެކެމުން އައި އުއްމީދެއް ކަމަށާއި، އެ އުއްމީދު ޙާޞީލް ކުރަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.
" ވަރަށް އުފާވެއްޖެ އެއްވަނައަށް ދެވުނިމާ. އެވަރަށް މަސައްކަތް ވެސް ކުރެވުނު" ދަރިވަރު ނޫހާ ވާހަކަ ދައްކަމުން ސައްޔާނު ބުންޏެވެ.

އިހަވަންދޫ ސްކޫލުގެ ގުރޭޑް 11 ގައި މިހާރު ކިޔަވަމުން އަންނަ ސައްޔާނަކީ ގުރޭޑް 6ން ފެށިގެން ކޮންމެ އަހަރެއްގެ ވެސް އެ ސްކޫލުގެ ޕްރިފެކްޓެކެވެ. އިތުރު ހަރަކާތެއްގެ ގޮތުން ކެޑޭޓްގައި ބައިވެރިވިއެވެ.
އިންޖިނިއަރިންގއާ ގުޅުން ހުރި ދާއިރާ އަކުން ކުރިއަށްދާން ހިތުލައިގެން ހުރި ސައްޔާނު ބުނީ، އޭނާގެ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކޮށް ދިނީ އިހަވަންދޫ ސްކޫލުންނެވެ. ރަނގަޅު ނަތީޖާއެއް ނެރުމަށް އެ ސްކޫލުން ކޮށްދިން މަސައްކަތް އޭނާ ފާހަގަކުރަނީ ޝުކުރެވިކަމާ އެކުގައެވެ.
" ޚާއްޞަ ކުލާސްތަކުން ފެށިހެން، އެހެން ސްކޫލްތަކުގެ ޓީޗަރުންނާއި، އަދި ގުޅުން ހުރި ދާއިރާތަކުގެ ޓީޗަރުން ގެނެސް އިމްތިޙާނަށް، ދަރިވަރުން ތައްޔާރު ކޮށްދިނުމަށް ސްކޫލުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދިން. އަޅުގަނޑަށް ލިބުނު ނަތީޖާގައި ސްކޫލްގެ ހިއްސާ ބޮޑު" ސައްޔާނު ބުންޏެވެ.
" ސްކޫލްގެ މެނޭޖްމަންޓާއި ކިޔަވައިދިން ހުރިހާ މުދައްރިސުންނަށް ވަރަށް ލޯތްބާއެކު ޝުކުރު ދަންނަވަން"
ސައްޔާނުގެ އިތުރުން، އެ ސްކޫލްގެ އަށް ދަރިވަރުން ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ.
އެއީ: ދެވަނައަށް ދިޔަ މަރިޔަމް ސައުލާއާއި މުޙައްމަދު އުނައިޝްއާއި ތިން ވަނައަށް ދިޔަ އާމިނަތު ދިމްނާއާއި ހަތަރު ވަނައަށް ދިޔަ އާމިނަޔު ތަހުމީނާ އިބްރާހިމާއި މަރިޔަމް އަމަތުﷲ ޙަލީމްއާއި ހަ ވަނަ ހޯދި ޖުމާނާ ހަމީދު އަލީއާއި އަށްވަނަ ހޯދި އިބްރާހިމް ސަމަދާއި، ނުވަ ވަނަ ހޯދި އާހިލް ބިން އިބްރާހިމް އަލީއެވެ.
އިހަވަންދޫ ސްކޫލުން އަންނަނީ މަތީ ސާނަވީއާއި ސާނަވީގެ އިމްތިޙާނުގައި ރަނގަޅި ނަތީޖާއެއް ހޯދަމުންނެވެ. އަދި އިންޓަރސްކޫލް ފެންވަރުގައި ބާއްވާ އަދަބީ މުބާރާތްތަކުން ވެސް ރަނގަޅު ކާމިޔާބީތަކެއް އެ ސްކޫލުން އަންނަނީ ހޯދަމުންނެވެ.
advertisment
ހިޔާލު