އަމީނިއްޔާ ސްކޫލަށް 78 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ޚާއްޞަ އެސެމްބްލީއެއް ބާއްވައިފިއެވެ. މި އެ ސެމްބްލީ ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީއެވެ.
މި އެސެމްބްލީގައި، އެ ސްކޫލްގެ ޕްރިންސިޕަލް ކުރެއްވި ބޭފުޅުންގެ ތެރެއިން، މިހާރު އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރާއި ވަފާ ވަހީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެ ސްކޫލަށް ޚިދުމަތް ކޮށްދެއްވި ދިހަ މުވައްޒަފުންނަށް ހަނދާނީ ލިޔުން މި ރަސްމިއްޔާތުގައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރެވެ.
އަމީނިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ސުއިބަތު ސަޢީދު ވިދާޅުވީ، އަހަރީ ދުވަހުގެ ޙަރަކާތްތައް މި ހަފްތާގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންނަ ހުކުރު ދުވަހު ހެނދުނު ބާއްވާ ހިނގާލުމާއި، ޖަމާޢަތަށް ފައިދާހުރި ކުދިކުދި ޙަރަކާތްތައް ހިމެނޭ ކަމަށެވެ.

" ލޭ ހަދިޔާ ކުރުމާއި، ތެލަސީމިއާ ކުދިންނަށް އެހީވުމުގެ ގޮތުން، ސްޓާފުން އިސްނަންގައިވައިގެން ފައިސާގެ އެހީއެއް ވެދޭން އަޅުގަނޑުމެން ވާނީ ނިންމާފައި" ސުއައިބަތު ވިދާޅުވިއެވެ.
ރާއްޖޭގައި، އެންމެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުންދާ ސްކޫލް ހުޅުވީ 1944 ވަނަ އަހަރު ހުޅުވި އަމީނިއްޔާ ސްކޫލެވެ. އެ ސްކޫލް އޭރު ހުޅުވީ ހަމައެކަނި އަންހެން ކުދިން ކިޔަވަން ދާ ސްކޫލެއްގެ ގޮތުގައެވެ.
advertisment
ހިޔާލު