އާތިޔާގެ އިލްތިމާސް: މަގުކުރުކޮށްލަން މަތީ ސާނަވީ ދޫކޮށްނުލާ

ސާނަވީއަށްފަހު މަތީ ސާނަވީ ނިންމުން ކޮންމެހެން މުހިންމު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަޞީރު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ 2020/2021 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ އާތިޔާއެވެ.

އާތިޔާ ވިދާޅުވީ، މަތީ ސާނަވީއަށް ކިޔެވުން މުހިންމު ނޫން ކަމަށާއި އޭލެވެލްއަށް ކިޔެވުމަކީ އުނދަގޫ ކަމެއް ކަމަށް ބުނެދީ، ފައުންޑޭޝަން ކޯހެއް ހަދާލައިގެން ޑިގްރީއަށް ދިއުން މާ ފަސޭހަވާނެ ކަމަށް ބައެއް މީހުން ދަރިވަރުންނަށް ވިސްނައިދޭ ކަމަށެވެ.

" އަޅުގަނޑު އިލްތިމާސަކީ ތިޔަ ކުދިން އެ ވިސްނުމުގެ ތެރެއަށް ނުވަނުން"

އާތިޔާ ވިދާޅުވީ، ކުދިން ކަންކަމަށް ލޯ ހުޅުވި ކަންކަމަށް ސިކުނޑި ތަރައްޤީވެ ކުދިންގެ ހުނަރު ތަރައްޤީވެ ދިރިއުޅުމަށް ތައްޔާރުވުމަށް ތަޢުލީމުގެ ހުރިހާ މަރުޙަލާއެއް ކަނޑައްތު ކުރުން މުހިންމު ކަމަށެވެ.

" ތަޢުލީމުގެ ކުރިހާ މަރުޙަލާތަކެއް ކާމިޔާބު ކަމާއެކު ކަނޑައްތު ކުރުމަކީ ވަރަށް މުހިންމު ކަމެއް. ކޮންމެ ކުރުމަގަކީ ނުވަތަ ޝޯޓް ކަޓަކީ އަޅުގަނޑުމެން އެންމެ ވެސް ވަރަށް ހިތްކިޔާ ކަމެއް. ނަމަވެސް ކޮންމެ ޝޯޓް ކަޓަކީ ކުރު މަގަކަށް ނުވެ ވެސް ހިނގައިދާނެ. ބައެއް ފަހަރު މަގު ކުރުކުރަން ހަދައިގެން މަގު ދިގުވެސް ވޭ. އަދި ބައެއް ފަހަރު އަނގަވަތައް ވެއްޓޭ ފަހަރުވެސް އާދޭ"

ހުރިހާ މަރުޙަލާތެއް ނިންމައި އަމަލީ މައިދާނަށް ނުކުންނަ މީހުންނާއި ބައެއް ހަރުފަތްތައް ނުނިންމާ އަމަލީ މައިދާނަށް ނުކުންނަ މީހުންގެ ފަރަގު ތަފާތުކަމަށް އާތިޔާ ވިދާޅުވިއެވެ.

" މައުލޫމާތާއި ހުނަރާއި ހޭލުންތެރިކަމުން މި ފަރަގު އެބަ ފެނޭ"  

ކޮންމެ ދަރިވަރަކީ ވެސް މަތީ ސާނަވީ ތަޢުލީމު ނިންމާ ދަރިވަރަކަށް ވުމަށް އާތިޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އާތިޔާ ވިދާޅުވީ މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންނަކީ ނަސީބުގަދަ ކުދިން ތަކެއް ކަމަށާއި ބޭނުން ދާއިރާއަކުން ޑިގްރީއަށް ހިލޭ ރާއްޖޭގައި ހުރެގެން ކިޔެވޭނެ ފުރުޞަތު ފަހިވެފައިވާ ކަމަށެވެ. އަދި ބޭނުން ޔުނިވަރސިޓީއަކުން ރާއްޖެއިން ބޭރުން ކިޔެވޭނެ ފުރުޞަތު ވެސް މިއަދު ހުޅުވިފައިވާ ކަމަށެވެ.

" މިއަދު ތިޔަ ކުދިން ވިސްނަންވީ، އަދި ކުރިއަށް އޮތީ ވަރަށް ޢިލްމީ ޒަމާނެއްކަން. މިއަދަކީ ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަށް ގޮއްފައިވާ ޒަމާން. ޤައުމުތަކަށް ބޭނުން ވަނީ އީޖާދީ ސިކުނޑި ތަކެއް. މިއަދު ޤައުމުތައް ތަރައްޤީވެ ކުރިއަރައި ދަނީ ޢިލްމީ ހޯދުންތަކުގެ އަލީގައި. ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި"

އާތިޔާ ވިދާޅުވީ މިއަދު ކިޔަވާ ކުދިން ވާންޖެހޭނީ އިގްތިޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން މުޖްތަމަޢަށް އަދި މުޅި ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލު ތަކަށް އިޖާބަ ދެވޭފަދަ ހުނަރާއި މައުލޫމާތު ހޯދާ ކުދިންނަށް ކަމަށެވެ. ހަމައެކަނި ސްކޫލުން ޓީޗަރު ދޭ މައުލޫމާތު ހިތު ދަސްކޮށްލައިގެން ޓެސްޓް ޕޭޕަރުން އޭ ހޯދާ ކުދިންނަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" އީޖާދީ ވިސްނުންތަކަށް ލޯ ހުޅުވައިގެން ކާމިޔާބީއާ ހަމައަށް ދިއުމަށް މަސައްކަތް ކުރާ ކުދިންނަށް ތިޔަ ކުދިން ވާންޖެހޭ"  

ވަޒީފާއަކީ ވަކިތަނަކުން ވަކި މީހަކު ދޭ އެއްޗަކަށް ވާކަށް ނުޖެހޭ ކަމަށާއި، އެއީ އެމީހާ އަމިއްލައަށް އުފަންކުރާ އެއްޗަކަށް ހެދިދާނެ ކަމަށް ވެސް އާތިޔާ ވިދާޅުވިއެވެ. އަދި މުސާރައަކީ ވެސް ވަކި މިންވަރަކަށް ކަނޑައެޅިފައި އޮންނަ އެއްޗަކަށް ވާކަށް ވެސް ނުޖެހޭ ކަމަށާއި އެމީހާ އަމިއްލައަށް މުސާރަ ކަނޑައަޅާ މީހަކަށް ވެވިދާނެ ކަމަށް ދަރިވަރުންނަށް އާތިޔާ ހަނދާން ކޮށްދެއްވިއެވެ.

" މިކަން ކުރަން ބޭނުންވަނީ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެ އާ އުފެއްދުންތައް ނެރެވޭފަދަ އީޖާދީ ވިސްނުން ގެންގުޅުމުގެ ޤާބިލްކަން. އާ މަސައްކަތްތަކާއި އާ ކަންކަން އުފަންކުރުމުގެ ކުޅަދާނަކަން"

އާތިޔާ ވިދާޅުވީ، ކުއްޖަކު ބޮޑުކޮށް ތަރުބިއްޔަތުކޮށް އެކުއްޖާ މީހަކަށް ހެދޭނީ ރަށުގެ އެންމެން ގުޅިގެން ކަމަށް އެފްރިކާފައި ބުނެ އުޅޭ ބަހެއްގައި އޮންނަ ކަމަށާއި، އޭގެ ވަރަށް ރަނގަޅު ނަމޫނާއެއް އެ ސްކޫލުން ފެނިގެން ދާ ކަމަށެވެ.

" ބެލެނިވެރިން ސްކޫލްގެ ކަންކަމަށް ދޭ އަހައްމިއްޔަތު ބެލެނިވެރިން ސްކޫލާ ބާއްވާ ގުޅުން. ސްކޫލުން ބެލެނިވެރިންނާ މުޖްތަމަޢާ ބާއްވާ ގުޅުން. އަދި ޚާއްޞަކޮށް މުޖްތަމައުގެ އެކިއެކި މުއައްސަސާތަކުން ސްކޫލަށް ދޭ އެހީތެރިކަން. މިއީ އަޅުގަނޑު އުފަލާއެކު ފާހަގަކުރާކަމެއް. މިފަދަ ގުޅުމެއް އޮތުމަކީ ސްކޫލެއް ކުރިއަރައި ދިއުމަށް މުހިންމު ކަމެއް" އާތިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިފަދަ ގުޅުންތަކެއް ބަދަހިވެގެން އަންނަނީ މުޖްތަމަޢުގައި ޢިލްމަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. ހަމައެއާއެކު ސްކޫލްގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާއި ސްކޫލްގެ ޕްރިންސިޕަލާއި މުދައްރިސުން ގެންގުޅުއްވާ އުކުޅުތަކެއްގެ ވެސް ސަބަބުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *