މަޖީދިއްޔާއާއި ހިރިޔާގެ 66 ދަރިވަރުން ޓްރެފިކް މޮނީޓަރސް ޓްރެއިނިންގ ފުރިހަމަކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލް ދަރިވަރުން އަހުލުވެރިކުރުވައި ސްކޫލް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރޯޑް ސޭފްޓީ އެވެއާނަސް ގުޅިގެން މަޖީދިއްޔާ ސްކޫލާއި ހިރިޔާ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ނިންމާލައިފިއެވެ.

މަޖީދިއްޔާ ސްކޫލާއި ހިރިޔާ ސްކޫލްގައި ނޮވެމްބަރ 11 އިން 16 އަށް ކުރިއަށް ގެންގޮސްފައިވާއިރު، އެ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ދީ، ސްކޫލް ސަރަހައްދުގައި ޓަރެފިކް ބެލެހެއްޓުމުގައި ދަރިވަރުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކުރުމާއެކު މަގުމަތީގައި އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ދެ ސްކޫލުން 66 ދަރިވަރުން މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.

އަދި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމާ ގުޅޭގޮތުންނާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭހެން މުއާމަލާތުކުރުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

ދަރިވަރުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވާހަކަ ދައްކަވަނީ: ދަރވަރުންނަށް ލިބުނު އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވަނީ އެދިވަޑައިގެންފައި- ފޮޓޯ: މަޖީދިއްޔާ ސްކޫލް

ނިންމުމުގެ ރަސްމިއްޔާތު ބޭއްވި ރޭ ހިރިޔާ ސްކޫލުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއެވެ. އެ ރަސްމިއްޔާތުގައި، ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑުގެ އިސްވެރިންނާއި ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ އިބްރާހީމް ވަހީދު އަދި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޢާއިޝަތު މުޙައްމަދު ޞާލިހުގެ އިތުރުން ދެ ސްކޫލުގެ މުދައްރިސުންނާއި ދަރިވަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ ޢާއިޝަތު ނަހުލާ ވަނީ، ކޮންމެ ދަރިވަރަކު ވެސް އެ ދަރވަރަކަށް ލިބުނު އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިވަޑައިގެންފައެވެ.  އަދި މަގުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ދަރިވަރުންގެ ފެންވަރުގައި މަސައްކަތްކޮށް ދިނުމަށް އެދިވަޑައިގެންނެވިއެވެ. މުޖުތަމައު އަމާންކަންމަތީ ބޭއްވުމަށް މިފަދަ ޕްރޮގްރާމްތައް ވަރަށް މުހިންމުކަން ފާހަގަކުރައްވައި ބެލެނިވެރިންގެ ފަރާތުން ދަރިވަރުންނަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޢާއިޝަތު މުޙައްމަދު ޞާލިހު ވިދާޅުވީ، ދަރިވަރުންނަށް ލިބިގެންދިޔަ ތަމްރީނުތަކާ އެއްގޮތަށް އަމަލުކުރުމަށާއި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުދިންގެ ކޮންފިޑެންސް ލެވެލް އިތުރުވެގެން ދާކަމަށެވެ. އަދި އެހެން ދަރިވަރުންނަށް ނަމޫނާ ދެއްކުމަށާއި ސްކޫލަށް އައުމުގެ ކުރިން ފަތިސްނަމާދު ކުރުމަށާ އަދި ގަޑިއަށް ފަރުވާތެރިވުމަށާއި ކޯޑިނޭޓަރުން އަންގާގޮތަށް އަމަލުކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ގައުމަށް ރަނގަޅު ހިދުމަތެއް ކޮށްދިނުމަށާއި ކިޔެވުމުގެ އިތުރުން ދަރިވަރުން މި ހަވާލުވި ޒިންމާ ރަނގަޅަށް އަދާކުރުމާއި ގަޑިތައް ބަހާލައި ޓައިމް މެނޭޖު ކުރުމަށް ވެސް ޕްރިންސިޕަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ވާހަކަ ދައްކަވަނީ: މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުދިންގެ ކޮންފިޑެންސް ލެވެލް އިތުރުވެގެންދާ ކަމަށް ވިދާޅުވި- ފޮޓޯ: މަޖީދިއްޔާ ސްކޫލް

ދަރިވަރުން ދަސްކުރި ދިރިއުޅުމުގެ ހުނަރުތައް ދެއްކުމަށް ދަރިވަރުންނަށް އެއްބާރުލުން ދިނުމަށާއި މިފަދަ ޕްރޮގްރާމެއްގައި ދަރިވަރުން ބައިވެރިކޮށްދެއްވީތީ ބެލެނިވެރިންނަށް ވެސް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ. މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްދެއްވީތީ ފުލުހުންނަށް ޝުކުރުއަދާކުރައްވައި އަދި ދަރިވަރުންނަށް މިފަދަ އިތުރު ފުރުޞަތުތަކެއް ލިބޭގޮތަށް ތަމްރީނުތައް ހިންގައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *