އުނގޫފާރު ސްކޫލް ދަރިވަރުންގެ ޖިމްނާސްޓިކް އައިޓަމަށް ބޮޑު ތަރުޙީބެއް

ރ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ފުޓްސަލް މުބާރާތް ފެށުމާއި ނިންމުގެ ރަސްމިއްޔާތުގައި އުނގޫފާރު ސްކޫލްގެ ދަރިވަރުން ގެނެސްދިން ޖިމްނާސްޓިކް އައިޓަމަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

މިއީ އެ ސްކޫލްގެ ހެލްތް އެންޑް ޕީއީގެ ތެރެއިން ޖިމްނާސްޓިކް ތަޢާރަފު ކުރި ފަހުން މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވެ ދަރިވަރުންގެ ހުނަރު ދައްކާލި ފުރަތަމަ ފަހަރެވެ.

އުނގޫފާރު ސްކޫލްގެ ސީނިއަރ ޓީޗަރު، އަލީ ސަލީމް ވިދާޅުވީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އައިޓަމެއް ހުށަހަޅައިދޭން ކައުންސިލުން އެދުމުން، ހުށަހަޅައިދޭނެ އައިޓަމެއް ނިންމީ ޓީޗަރުންނާ މަޝްވަރާ ކުރުމަށްފަހު ގިނަ ބަޔަކަށް ކަމުދާނެ ތަފާތު އައިޓަމަކަށް ބަލައިގެން ކަމަށެވެ.

" ދެ އަހަރު ކުރިން ބޭއްވި އިނާމް ދިނުމުގެ ޖަލްސާއަށް ތައްޔާރު ކުރި ޖިމްނާސްޓިކް އައިޓަމަށް އޭރު ވަރަށް ކަމުގޮސްގެން ވަރަށް ތަރުޙީބު ލިބިފައި އޮތީ، އެހެންވެ ޓީޗަރުންނާ މަޝްވަރާކޮށްފައި، އެ އައިޓަމަށް ބަދަލުތަކެއް ގެނެސްގެން ހުށަހެޅީ" އަލީ ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ސްކޫލްގެ ހެލްތް އެންޑް ޕީއީ ކިޔަވައިދޭ ޓީޗަރަކީ ޖިމްނާސްޓިކްގެ ބައެއް ހިމަނައިގެން އެފަދަ އައިޓަމް ތައް ތައްޔާރު ކުރުމުގެ ވައްޓަފާޅި ހުރި ޓީޗަރެއް ކަމަށެވެ.

ފެށުމުގެ ރަސްމިއްޔާތުގައި ޖިމްނާސްޓިކް އައިޓަމް ހުށަހަޅައި ދިނީ އަށް ކުދިންނެވެ. ޕްރެކްޓިސް ކުރަން ލިބުނީ އެންމެ ފަސް ދުވަހެވެ.

" އެކުދިން ހުށަހަޅައި ދިން އައިޓަމަށް ލިބުނު ތަރުޙީބާއި، ކައުންސިލުގެ މެމްބަރުންނަށް ވެސް އެ އައިޓަމް ކަމުދިޔައީމާ، ނިންމުގެ ރަސްމިއްޔާތަށް ވެސް އެފަދަ އައިޓަމެއް ހުށަހަޅައި ދޭން އެދުނީ"

ނިންމުގެ ރަސްމިއްޔާތުގައި ގެނެސް ދިން ޖިމްނާސްޓިކް އައިޓަމްގައި 14 ކުދިން ބައިވެރިވިއެވެ.

އަލީ ސަލީމް ވިދާޅުވީ، ގުރޭޑް ދިހައެއްގެ ދަރިވަރުންގެ ޓެސްޓް ކުރިއަށް ދާތީ، ޖިމްނާސްޓިކަށް އެންމެ ރަނގަޅު ކުދިން ބައިވެރި ނުކުރެވުނު ކަމަށެވެ.

ޖިމްނާސްޓިކް އައިޓަމަށް ޕްރެކްޓިސް ކުރަމުން ދިޔައިރުވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އެ މަންޒަރު ބަލާފައިވާ ކަމަށް އުނގޫފާރު ސްކޫލުން ބުނެއެވެ.

" ވަރަށް ރަނަގަޅު ވާހަކަ އަޅުގަނޑުމެންނަށް ގުޅާފައިވެސް ބުނެފައި އެބަހުރި. ރިހާސަލް ކުރިއަށް ދިޔައިރު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެއްވެ އެ މަންޒަރު ބަލަން ތިބުމަކީ ވެސް އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް" އަލީ ސަލީމް ވިދާޅުވިއެވެ.

އުނގޫފާރު ސްކޫލްގައި 450 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *