މަދަރުސީ ތަޢުލީމް ޙާޞިލް ކުރަމުންދާ ހަތް އަހަރާއި ސޯޅަ އަހަރާ ދެމެދުގެ ދަރިވަރުންނަށް އަރަބި ބަސް އުނގަންނައި ދިނުމަށް ޚާއްޞަ މަޝްރޫއެއް އިލްމް އިންސްޓިޓިއުޓުން ފަށަން ނިންމައިފިއެވެ.
އެ އިންސްޓިޓިއުޓުން ބުނީ، މިއީ ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދެވޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤްޞަދުގައި، ޢިލްމު އިންސްޓިޓިއުޓުން ފަށާ މަޝްރޫޢެއް ކަމަށެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މުޤައްރަރެއްގެ ތެރެއިން، މަރުޙަލާ ތަކަކަށް ބަހާލެވިގެން ފަރުމާ ކުރެވިފައިވާ، މުޅި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، ފަސޭހައިން ޢަރަބި ބަހުން މުޢާމަލާތުކުރަން ދަންނަ ބަޔަކަށް ހެދުމާ އެކު، ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުގެ މާނަ ފަސޭހަކަމާ އެކު ދެނެގަތުމުގެ ޤާބިލުކަން ހުރި ޖީލެއް ބިނާކުރުމަކީ މަޝްރޫޢުގެ އަމާޒު ކަމަށް އިލްމް އިންސްޓިޓިއުޓުން ބުނެއެވެ.
މިޕްރޮގްރާމުގެ ދަށުން ކިޔަވާ ދިނުން ކުރިއަށް ގެންދާނީ ޢަރަބި ބަހުންނެވެ. އެ އިންސްޓިޓިއުޓުން ބުނީ، ފޮތްބައެއް ނިންމާލަން އުޅުމުގެ ބަދަލުގައި އިސްކަން ދޭނީ އެ ދަރިވަރަކު ކިޔަވަމުން ދާ މަރުޙަލާއެއްގައި ޙާޞިލު ވާން ޖެހޭ ބަހުގެ ހުނަރުތައް އެންމެ ރަނގަޅަށް ޙާޞިލުވެގެން އަނެއް މަރުޙަލާއަށް ބަދަލުވެ، ޕްރޮގްރާމް އެއްކޮށް ނިންމާލުމަށް ކަމަށް އިލްމް އިންސްޓިޓިއުޓުން ބުނެފައިވެއެވެ.
" މުޅި ޕްރޮގްރާމް ނިމޭ އިރު، ޢަރަބި ބަހުން މުޢާމަލާތް ކުރުމާއި ޢަރަބި ބަހުން ލިޔެވިފައިވާ ތަކެތި ފަހުމް ވުމަށް ބޭނުންވާ އެންމެހާ ހުނަރުތަކެއް ﷲގެ އިރާދަފުޅާއެކު ދަރިވަރުންނަށް ރަނގަޅަށް ޙާޞިލު ކުރެވޭނެ. މިއާއެކު، ދަރިވަރުން ވާނީ ޢަރަބި ބަސް ނުވަތަ އެބަހާ ގުޅިފައިވާ އެކިއެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރިހަމައަށް ތައްޔާރުވެފައި" އިލްމް އިންސްޓިޓިއުޓްގެ އިސްވެރިއަކު ވިދާޅުވިއެވެ.

" ހަމަ އެހެންމެ ޢަރަބި ބަހުން އޯ ލެވެލް އިމްތިޙާނު ހަދަން ބޭނުންވެއްޖެ ދަރިވަރަކަށް އެ އިމްތިޙާނު ހަދައި، މަތީ ނަތީޖާއެއް ހޯދޭ ފެންވަރު އެކުދިންގެ ކިބައިގައި ހުންނާނެ"
އިލްމް އިންސްޓިޓިއުޓުން ބުނީ، ދަރިވަރު ޕްރޮގްރާމް ފެށުމަށްފަހު އެދަރިވަރުގެ އުމުރު 16 އަހަރު ފުރުނު ނަމަވެސް އެދަރިވަރަކަށް ޕްރޮގްރާމް ނިންމުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށާއި، އަދި 16 އަހަރު ފުރޭ ދަރިވަރުން، އެ އިންސްޓިޓިއުޓްގެ އެމްކިޔުއޭ ޢަރަބި ކޯސްތަކަށް ބަދަލުވާން އެދޭ ނަމަ، އެ ފުރުސަތު ވެސް މަގުފަހި ކޮށްދޭނެ ކަމަށެވެ.
ކުލާސްތައް ކުރިޔަށްގެންދަން ނިންމާފައި ވަނީ، ހަފްތާއަކު 5 ދުވަހު، ހެނދުނު ދަންފަޅިއާއި މެންދުރުފަހު ދަންފަޅިއަށް ބަހާލައިގެން ކުލާހަށް ހާޒިރު ވެގެންނެވެ. ހެނދުނު ދަންފަޅި އަމާޒުކުރުވެނީ މެންދުރުފަހު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށެވެ. އަދި މެންދުރުފަހު ދަންފަޅި އަމާޒުކުރެވެނީ ހެނދުނު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށެވެ. މި ޕްރޮގްރާމުގެ ފީ އަކީ މަހަކު 800 ރުފިޔާއެވެ.
ދަރިވަރު ކިޔަވަން ހާޒިރުވާނެ ސީދާ ދުވަސްތަކާއި ގަޑިތައް ކަނޑައެޅިގެންދާނީ، ފެންވަރު ވަޒަންކުރުމުގެ އިމްތިޙާނު ނިމުމުން ކަމަށް އިލްމް އިންސްޓިޓިއުޓުން ބުންޏެވެ.
advertisment
ހިޔާލު