ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެ މެޑަލް ހޯއްދެވި ޙާފިޡުން

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވުމުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް 13 ޙާފިޡުން ވަނީ ހާސިލުކުރައްވާފައެވެ.

ތިރީގައި އެވަނީ މެޑަލް ހޯދި ޙާފިޡުންގެ ކުރުތަޢާރަފެކެވެ.

އަލްޙާފިޡާ ފާޠިމަތު ފައުޒިއްޔާ

ކީރިތި ޤުރްއާން ހިތުދަސް ކުރައްވަން ފެށްޓެވީ، ޤުރްއާން ހިތުދަސްކުރުމަކީ، ކިހާ މަތިވެރި ކަމެއްކަން އެނގިވަޑައިގެންނެވި ހިސާބުންނެވެ. އެގޮތުން، 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ހިންގި އެޑްވާންސްޑް ސެޓްފިކެޓް އިން ޤުރްއާން މެމޮރައިޒޭޝަން ކޯހުގައި ބައިވެރިވެވަޑައިގެން، ޤުރްއާން ހިތުދަސްކުރައްވައި ނިންމެވިއެވެ. ޤުރްއާން ހިތުދަސްކުރެއްވިއިރު، އެންމެ ބޮޑަށް ބެއްލެވީ، ވީހާވެސް ގިނަ ވަގުތު މިކަމަށް ހޭދަކުރެއްވުމަށެވެ. އަދި އެހެން މަސައްކަތްތަކުގައި އުޅުއްވާ ވަގުތު ޤުރްއާން އަޑުއައްސަވައި، ފިލިތަކާއި އަކުރުތައް އޮޅުވައިނުލައި، އެއްވެސް ކުށެއްނުލައި ދަސްކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ. ޙާފިޡު ކަމުގެ ސަނަދު ހާސިލުކުރެއްވީ 24 އޮކްޓޫބަރު 2021 ގައެވެ.

އަލްޙާފިޡާ ޝިފާ ބިންތު ޢަބްދުﷲ ޙަމީދު

ކީރިތި ޤުރްއާން ހިތުދަސްކުރެއްވީ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެ ވަޑައިގަންނަވައިގެންނެވެ. ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، ސްކޫލްގައި އުޅުއްވިއިރު، ސްކޫލްގައި ބާއްވާ ޤުރްއާން މުބާރާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ތެރެއިންނެވެ. އެގޮތުން، 2013 ވަނަ އަހަރު ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، ފުރަތަމަ އަހަރު 10 ފޮތް ދަސްކުރައްވައި ނިންމެވިއެވެ. އަދި ވިދިގެން އައި އަހަރު 5 ފޮތް ދަސްކުރެއްވިއެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ 2020 ވަނަ އަހަރުއެވެ. މުރާޖަޢާ ކުރައްވައި ނިންމެވުމަށްފަހު، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ 24 އޮކްޓޫބަރު 2021 ގައެވެ.

އަލްޙާފިޡް ހޫދު މުޙައްމަދު ޢަލީ

ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށީ ފުވައްމުލަކުގެ ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާސް ހުޅުވުމާ ގުޅިގެން، 2014 ވަނަ އަހަރުއެވެ. އޭރު ހޫދުގެ އުމުރަކީ އެންމެ 8 އަހަރެވެ. ވަރަށް ހިތްވަރާއި މައިންބަފައިންގެ އެހީތެރިކަމާއެކު ޤުރްއާން ހިތުދަސްކޮށް ނިމުނީ 5 އަހަރު ދުވަހުގެ ތެރޭގައެވެ. އަދި އޭގެފަހުން މުރާޖަޢާ ކުރުމުގައި ދެ އަހަރެއްހާ ދުވަސް ހޭދަކުރުމަށްފަހު، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލަކު ގޮފީގެ ފުރަތަމަ ބުރުގެ އިމްތިޙާނުގައި، 2021 ވަނަ އަހަރުގެ ނޮވެންބަރު މަހު ބައިވެރިވުމަށްފަހު އިމްތިޙާން ނިންމާލީ، އެ އަހަރުގެ ޑިސެންބަރު މަހުއެވެ. ޙާފިޡް ކަމުގެ ސަނަދު ހޫދު ހާސިލުކުރީ 20 ފެބުރުވަރީ 2022 ގައެވެ.

އަލްޙާފިޡް މުޙައްމަދު އަނީސް ޙުސައިން

ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޚިޔާލު އުފެދި، އެކަމަށް ހިތްވަރު ލިބިވަޑައިގަތީ، ފުވައްމުލަކުގެ މަޝްހޫރު ޙާފިޡެއް ކަމުގައިވާ ދޫނޑިގަމި އެދުރުގޭ އަލްޙާފިޡް އަލްމަރްޙޫމް އަޙްމަދު މުޙައްމަދުދީދީގެ ފަރާތުންނެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލަކު ގޮފީގެ ޙިފްޡު ކުލާހުގައި މުޙައްމަދު އަނީސް ބައިވެރިވެވަޑައިގެން ޤުރްއާން ދަސްކުރައްވަން ފެށްޓެވީ 2014 ވަނަ އަހަރުއެވެ. ޙިފްޡު އިމްތިޙާނުގައި ބައިވެރިވެވަޑައިގަންނަވާ މިންވަރަށް ޤުރްއާން ދަސްވެއްޖެ ކަމަށް އެ ކުލާހުގެ މުދައްރިސް އަލްޤާރީ އަލްޙާފިޡް ޢަބްދުﷲ މުފީދު ނިންމެވީ، 2020 ވަނަ އަހަރުއެވެ. އޭގެފަހުން، އަހަރެއްހާ ދުވަހު މުރާޖަޢާ ކުރެއްވުމަށްފަހު 16 ނޮވެންބަރު 2021 ގައި އިމްތިޙާނުގައި ބައިވެރިވެވަޑައިގެން، އިމްތިޙާނު ފުރިހަމަކުރެއްވީ 4 ޑިސެންބަރު 2021 ގައެވެ. ޙާފިޡްކަމުގެ ސަނަދު ލިބިވަޑައިގެންފައިވަނީ 20 ފެބުރުވަރީ 2022 ގައެވެ.

އަލްޙާފިޡާ ޞަފިއްޔާ ޢަލީދީދީ

ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށްޓެވީ، 2007 ވަނަ އަހަރު ފުވައްމުލަކު މާލެގަން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގި ނޫރުލްޤުރްއާން ކުލާހުގައި ބައިވެރިވެ ވަޑައިގަންނަވައިގެންނެވެ. 2004 ވަނަ އަހަރު ފުވައްމުލަކު ޤުރްއާނާބެހޭ މަރުކަޒުގައި ފެށި 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕުރޮގްރާމުގެ ދަށުން ހިންގި ކޯހުގައި ބައިވެރިވެވަޑައިގެން، ޤުރްއާން ހިތުދަސްކުރެއްވުން ކުރިއަށް ގެންދެވިއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރައްވައި މުރާޖަޢާ ކުރެއްވުމުގައި އިތުރު
ދެ އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު، ކީރިތި ޤުރްއާނާބެހޭމަރުކަޒުގެ ފުވައްމުލަކު ގޮފީގެ ފުރަތަމަ ބުރުގެ އިމްތިޙާނުގައި 2021 ވަނަ އަހަރުގެ ނޮވެންބަރު މަހު ބައިވެރިވެވަޑައިގެން، އެ އަހަރުގެ ޑިސެންބަރު މަހު އިމްތިޙާނު ނިންމަވައިލެއްވިއެވެ. ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ 20 ފެބުރުވަރީ 2022 ގައެވެ

އަލްޙާފިޡް މުޙައްމަދު ފަލާޙް ޞާލިޙް

ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށްޓެވީ 2015 ވަނަ އަހަރު ހިތަދޫ ރޫޙުލް ޤުރްއާނުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެންނެވެ. އެއަށްފަހު، އަލްޙާފިޡް ރޫޙުލްއަމީންގެ އެހީތެރިކަމާއެކު، އައްޑޫސިޓީ ހިތަދޫ މަސްޖިދުލް އިކްރާމުގައި ކޮންމެ އަހަރަކުވެސް ކީރިތި ޤުރްއާން މުރާޖަޢާ ކުރައްވައި ފަރިތަކުރައްވަމުން ގެންދެވިއެވެ. މާތްﷲގެ ވާގިފުޅާއެކު، ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ 2020 ވަނަ އަހަރުއެވެ. 1443 ވަނަ އަހަރުގެ ރަމަޟާންމަހު ހިތަދޫ މަސްޖިދުއްސަލާމުގައި މުޙައްމަދު ފަލާޙް، އިމާމުވެވަޑައިގެން ތަރާވީޙު ނަމާދު ކުރައްވައި ޚަތިމު ކުރެއްވިކަން ފާހަގަކޮށްލަންޖެހެއެވެ. ޙާފިޡް ކަމުގެ ސަނަދު ލިބިވަޑައިގަތީ 1 ޖޫން 2022 ގައެވެ.

އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދު

ކުޑައިރުން ފެށިގެން ކީރިތި ޤުރްއާން އަޑުއަހައި ޤުރްއާން ކިޔެވުން އެއީ ޢަބްދުﷲ ވަރަށްބޮޑު ޝައުޤުވެރިކަމެއް ދިން ކަމެކެވެ. އުމުރުން ތިން އަހަރުގައި ޢައްމާފޮތް ހިތްދަސްކޮށް ނިންމިއެވެ. އަދި 6 އަހަރުގައި، ޤުރްއާނުގެ 12 ފޮތް ހިތުދަސްކޮށް “ދޮންދޫނި ލިޓްލް ލަރނަރސްގެ” ޝަރަފުވެރި އިނާމު ހޯދިއެވެ. ޢަބްދުﷲގެ އުމުރުން 9 އަހަރުގައި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙާފިޡް ކަމުގެ ޕުރޮގްރާމުގައި ބައިވެރިވެ، އުމުރުން 13 އަހަރުގައި މުޅި ޤުރްއާން ހިތުދަސްކޮށް، ޙިފްޡު ކޮމިޓީއަށް ކިޔައިދީ، 1 ވަނަ ދަރަޖައިން ވަނީ ފާސްވެފައެވެ. އުމުރުން ތިން އަހަރުން ފެށިގެން ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު ޤުރްއާން މުރާޖަޢާ ކުރުމަކީ މިހާރުވެސް ޢަބްދުﷲ ކުރަމުން އަންނަ ކަމެކެވެ. ކީރިތި ޤުރްއާން ހިތުދަސްކޮށް، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ 2 ޖޫން 2022 ގައެވެ.

އަލްޙާފިޡާ ފާޠިމަތު ޙަސަން

ކީރިތި ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ 2007 ވަނަ އަހަރުއެވެ. މާތްﷲގެ ވާގިފުޅާއެކު، ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ، 2022 ވަނަ އަހަރުއެވެ. ޤުރްއާން ހިތުދަސްކުރައްވަމުން ގެންދެވީ، ސ.ހިތަދޫ ޝަބްނަމީގޭ ޙަސަން ވަލީދު، ހިތަދޫ މަސްޖިދުއްރަޙްމަތީގައި ހިންގަވަމުން ގެންދެވި ޤުރްއާން ހިތުދަސްކުރާ ކުލާހުގައި ބައިވެރިވެވަޑައިގެންނެވެ. ޤުރްއާން ހިތުދަސްކުރެއްވުމަށްފަހު، މުރާޖަޢާ ކުރެއްވީ، ސ.ހިތަދޫ ބަހާރަތީވިލާ މުޙައްމަދު ރޫޙުލްއަމީންގެ އަރިހުންނެވެ. އެއަށްފަހު، އައްޑޫސިޓީ ކައުންސިލްގައި އޮންނަ ޙާފިޡުން އިމްތިޙާނުކުރާ ކޮމިޓީއަށް ކިޔައިދެއްވިއެވެ. ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ 2 އޮގަސްޓު 2022 ގައެވެ.

އަލްޙާފިޡް މުޙައްމަދު އައިދިން ނަޖުމީ

ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށީ 2017 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެއީ، ތަދްރީސުލް ޤުރްއާނުގެ ފަރާތުން، އައްޑޫސިޓީ މަރަދޫގައި ފެށި ޙިފްޡު ކުލާހުގައި ބައިވެރިވެގެންނެވެ. މާތްﷲގެ ރަޙްމަތާއި ވާގިފުޅާއެކު، ޤުރްއާން ހިތުދަސްކޮށް ނިމުނީ މި އަހަރުގެ ޖުލައި މަހުއެވެ. އެއަށްފަހު، ޤުރްއާން މުރާޖަޢާކޮށް، އެ ކުލާހުގައި އޭރު ކިޔަވައިދެއްވަމުން ގެންދެވި ޕާކިސްތާނުގެ ދެ ޙާފިޡަކަށް ކިޔައިދިނެވެ. އޭގެފަހުންވެސް އިންޑިޔާގެ ޙާފިޡަކަށް، މި އަހަރުގެ ތެރޭގައި މުޅި ޤުރްއާން މުރާޖަޢާކޮށް ކިޔައިދިނެވެ. އައްޑޫސިޓީގައި އޮންނަ ޙާފިޡުން އިމްތިޙާނުކުރާ ކޮމިޓީއަށް ކިޔައިދީ، ޙާފިޡްކަމުގެ ސަނަދު ހާސިލުކުރީ 2 އޮގަސްޓު 2022 ގައެވެ.

އަލްޙާފިޡް ޢަބްދުލްބާސިޠް ސަލީމް

ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ 2014 ވަނަ އަހަރުއެވެ. ހިތުދަސްކުރަން ފެށީ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ހިންގި 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕުރޮގްރާމުގައި ބައިވެރިވެގެންނެވެ. އޭރު އުމުރަކީ 9 އަހަރެވެ. ހިތުދަސްކުރުން މެދުކެނޑުމަށްފަހު، އަލުން ޤުރްއާން ހިތުދަސްކުރަން ފެށީ 2020 ވަނަ އަހަރުއެވެ. އެއީ، ހެޔޮއެދޭ ފަރާތަކުން ލިބުނު ދީލަތި އެހީއެއްގައި ތުރުކީގެ އިސްތަންބޫލުގައެވެ. އެއީ، އުމުރުން 15 އަހަރުގައެވެ. ޤުރްއާން ހިތުދަސްކޮށް ނިންމައި، ތުރުކީ ސަރުކާރުން ދެއްވާ ޙާފިޡްކަމުގެ ސަނަދު ހާސިލުކުރީ، 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ޙާފިޡްކަމުގެ ސަނަދު ހާސިލުކުރީ 15 އޮގަސްޓު 2022 ގައެވެ.

އަލްޙާފިޡް ޢައްމާރް ބިން އިބްރާހީމް

 

ކީރިތި ޤުރްއާން ހިތުދަސްކުރީ، އެންމެ ކުޑައިރުއްސުރެ ފެށިގެން އުޅެބޮޑުވި ނ. ވެލިދޫ އަތަމާގޭގައި ހިންގާ މަންހަލުލް ޤުރްއާނުގެ އެންމެ އިސް ހިންގުންތެރިން ކަމުގައިވާ ޢައްމާރުގެ ލޮބުވެތި މަންމައާއި ބައްޕަގެ މިންނެތް މަސައްކަތުންނެވެ. އުމުރުން 4 އަހަރުން ފެށިގެން މަންމައާއެކު ޤުރްއާން ކިޔަވަމުން ގެންދިޔައިރު، ބައްޕައާއެކު މިސްކިތުގައި ކޮންމެ ދުވަހަކު ހެނދުނާއި ރޭގަނޑު ކީރިތި ޤުރްއާން ހިތުދަސްކުރަމުން ގެންދިޔައެވެ. އަދި ހިތުދަސްކުރަމުން ގެންދިޔައިރު، މުރާޖަޢާ ކުރަމުންވެސް ގެންދިޔައެވެ. މާތްﷲގެ ވާގިފުޅާއެކު، ވަރަށް ޅަ އުމުރެއްގައި ކީރިތި ޤުރްއާން ހިތުދަސްކޮށް ނިމި، ޙިފްޡު މުރާޖަޢާ ކުރަމުން ގެންދިޔަ މަރްޙަލާގައި، މަންހަލުލްޤުރްއާނުގެ އެދުމުގެ މަތީން، ވެލިދޫގެ މިސްކިތެއްގައި، ރަމަޟާންމަހު އިމާމުވެ ތަރާވީޙު ނަމާދުކޮށް، ތަރާވީޙު ނަމާދުގައި، ޤުރްއާން ޚަތިމު ކުރިއެވެ. އެ މަރްޙަލާގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ބައެއް އެދުރުންނާއި، ވެލިދޫ ކައުންސިލުގެ އެހީތެރިކަން ލިބިފައިވެއެވެ. ޢައްމާރް، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ 6 ސެޕްޓެންބަރު 2022 ގައެވެ.

އަލްޙާފިޡާ މަރްޔަމް ނައިސަން ސަޢީދު

ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން ފުރަތަމަ އުފެދުނީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ތަޢާރުފުކުރި 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕުރޮގްރާމުގައި އުމުރުން 8 އަހަރުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުންނެވެ. މިގޮތުން، ކޮންމެ ދުވަހަކު ފަތިސްނަމާދަށްފަހު، ކީރިތި ޤުރްއާނުގެ އެއް ޞަފްޙާ ދަސްކުރަމުން ގެންދިޔައެވެ. އުމުރުން 9 އަހަރުގައި، ޢާއިލާ އިންޑިޔާއަށް ބަދަލުވުމާ ގުޅިގެން، އިންޑިޔާގައި ހުރެގެން، އުމުރުން 13 އަހަރުގައި ޤުރްއާން ހިތުދަސްކުރުމުގެ ފުރަތަމަ މަރްޙަލާ ފުރިހަމަކުރިއެވެ. 2018 ވަނަ އަހަރު މާލެއަށް ބަދަލުވެ، 2019 ވަނަ އަހަރުގެ ފަހުކޮޅު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުރާޖަޢާ ކުލާހުގައި ބައިވެރިވެގެން މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ޙިފްޡު ކޮމިޓީއަށް ކިޔައިދޭން ފެށީ 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ 11 ސެޕްޓެންބަރު 2022 ގައެވެ.

އަލްޙާފިޡް އަމަން އަޙްމަދު ޢާޠިފް

އަމަން އަޙްމަދު ޢާޠިފަކީ، ވަރަށް ކުޑައިރުއްސުރެން ފެށިގެން، ކީރިތި ޤުރްއާން އަޑުއެހުމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެމުން އައި ކުއްޖެކެވެ. ޤުރްއާން ހިތުދަސްކުރުމުގެ ހުނަރު އަމަންގެ ކިބައިގައި ހުރިކަން މައިންބަފައިންނަށް ފާހަގަކުރެވިގެން، އުމުރުން 5 އަހަރުގައި ޤުރްއާން ދަސްކޮށްދިނުމުގެ މަސައްކަތް ގޭގައި ފެށިއެވެ. 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އުމުރުން 6 އަހަރުގައި ގޭގައި ޤުރްއާން ހިތުދަސްކޮށް ނިންމުމަށްފަހު، އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގައި، ކީރިތި ޤުރްއާން މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މުރާޖަޢާ ކުރުމުގެ މަސައްކަތް، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު 2021 އިން ފެށިގެން މޭ 2022ގެ ނިޔަލަށެވެ. އަމަން އަޙްމަދު ޢާޠިފް، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ 4 އޮކްޓޫބަރު 2022 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *