ސްކޫލްތަކުގައި ނުކުރެވި ހުރި ބޮޑެތި މަރާމާތުތަކަށް އަންނަ އަހަރު އިސްކަންދޭނެ: އެޑިޔުކޭޝަން މިނިސްޓަރު

ސްކޫލްތަކުގައި ނުކުރެވި ހުރި ބޮޑެތި މަރާމާތުތައް ކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކުން ފާހަގަކުރާ އެންމެ ބޮޑު މައްސަލައަކީ މަރާމާތުގެ މައްސަލަ ކަމަށެވެ.

" ކޮވިޑްއާ ގުޅިގެން ސްކޫލްތައް ބަންދުކުރަންޖެހި ބަޖެޓްސް ދަށްވެ، ކަންކަން ނުކުރެވި ތިބެން ޖެހުނީ" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ތަޢުލީމަށް 4.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު އެއީ އުއްމީދީ ބަޖެޓެއް ކަމަށާއި، އަންނައަހަރީ ސްކޫލްތަކުގައި ބޮޑެތި މަރާމާތު ކުރާނެ އަހަރެއް ކަމަށެވެ.

" މިއީ ސްކޫލްތަކަށް އުފާވެރި ޚަބަރެއް" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރަން ބޭނުންވާ ވަޞީލަތްތަކީ ކޮބާތޯ ބަލަން އޮޑިޓެއް ހަދާފައިވާ ކަމަށާއި، އެއަށް ބަލާފައި ވޭތުވެދިޔަ ހަތަރު އަހަރާއި އަދި އަންނަ އަހަރު ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. މިހާތަނަށް 280 ޕްރޮޖެކްޓެއް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، 1288 ކުލާސް ރޫމާއި 81 މަލްޓިޕާޕަސް ހޯލާއި 340 އެހެނިހެން ޕްރޮޖެކްޓް ހިމެނޭ ކަމަށެވެ. އެހެނިހެން ޕްރޮޖެކްޓްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ އޮފީހާއި ލެބޯޓްރީއާއި ލައިބްރަރީ ފަދަ އިމާރާތް ތަކަށެވެ. އަދި އަންނަ އަހަރު 124 ރަށެއްގައި 195 ޕްރޮޖެކްޓް ހިންގަން ބަޖެޓްކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ރޭ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *