ހދ. މަކުނުދޫ ސްކޫލްގެ ފުޓްބޯޅަ މުބާރާތުގައި ހަތް އަހަރުގެ ޝަވަން މުޙައްމަދު އެއް ފައިން ދެއްކި ހިތްވަރަށް އެތައް ބަޔަކު ތަޢުރީފު ކުރަމުން ދާއިރު، އޭނާއަށް ޕްރޮސްތެޓިކް ފައެއް ޖަހަން އެންސްޕާއިން އެހީވާން ނިންމައިފިއެވެ.
އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ޝަވަންއަށް ފައެއް ޖެހުމުގެ އިންތިޒާމް ހަމަޖައްސައި އެކަން އޭނާގެ މަންމައަށް އަންގާފައިވާ ކަމަށެވެ.
ޝަވަންގެ މަންމަ ދަރިވަރު ނޫހަށް މިއަދު ބުނީ، ޝަވަންއަށް ޕްރޮސްތެޓިކް ފައެއް ޖަހަން އެންސްޕާއިން ގުޅި ކަމަށާއި، ދަރިފުޅުގެ މެޑިކަލް ރިޕޯޓް ފޮނުވައި ދޭން އެދިފައިވާ ކަމަށެވެ.
" އެމީހުން {އެންސްޕާއިން} ގުޅާފައި އެދުނީ މެޑިކަލް ލިޔުންތައް ފޮނުވައިދޭން" ވިޝާހު ބުންޏެވެ.
ޝަވަން ވަނީ ފުޓްބޯޅަ މުބާރާތުގައި އެއްފައި މަތީގައި ހުރެގެން އޭނާގެ ހިތްވަރު ދައްކުވައިދީ އެތައް ބަޔަކަށް މެސެޖެއް ދީފައެވެ.
ޝަވަން ކުޅެމުން ދިޔަ މަންޒަރު ރެކޯޑްކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލީ މަކުނުދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ލުތުފީއެވެ. ލުތުފީ ވިދާޅުވީ އެ ވީޑިއޯ އެނާގެ ފޭސްބުކު ޕޭޖަށް ލީ ވައިރަލް ވާނެ ކަމަށް ބަލައިގެން ނޫނެވެ.
" އެ ދުވަހު ސްކޫލްގެ މީޑިއާކަންތައް ތަކުގައި އުޅޭ މުވައްޒަފު ސަލާމުގައި ހުންނެވީމާ، މެޗްގެ ފޮޓޯތައް ނެގީ އަމިއްލައަށް. ފޮޓޯތައް ނެގިއިރު، ޝަވަން ހުރީމާ ވީޑިއޯ ކޮޅެއް އޭނާއަށް ފޯކަސްކޮށްގެން ނެގީ"
ލުފުފީ ވިދާޅުވީ ޝަވަންއަކީ ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ވެސް އެހެން ދަރިވަރުންނަށް މިސާލެއް ކަމަށެވެ.
ދަރިވަރު ނޫހުގެ ފޭސްބުކު ޕޭޖުގައި ޝަވަން ކުޅުނު މެޗްގެ ވީޑިއޯއޯ ވަނީ ގެނެސްދީފައެވެ. އެ ވީޑިއޯ އެތައް ބަޔަކު ބަލާ، ޝެއަރކޮށް ކޮމެންޓް ކޮށްފައިވެއެވެ.
advertisment
ހިޔާލު