ޔުނިޓީ ސްޕޯޓްސް އެކަޑެމީން ށ. ފުނަދޫ ސްކޫލްގައި ހަދާ ރީޑީންގ ޕާކު، އެ ކުލަބުގެ އަހަރީ ދުވަހު ހުޅުވަން ތައްޔާރުވާން ފަށައިފިއެވެ. އެ ކުލަބުގެ އަހަރީ ދުވަހަކީ މިމަހުގެ 24 ވަނަ ދުވަހެވެ.
ށ. އަތޮޅު ފުނަދޫ އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ހަދާ ޕާކްގެ މުހިންމު މަސައްކަތްތައް ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ ބައެއް ތަންތަނުގައި ކުލަލުމާއި ގަސްއިންދުމާއި ދަރިވަރުން ތިބޭނެ ހަޓެއް ހެދުމުގެ މަސައްކަތެއެވެ.

ރީޑިން ޕާކް ހެދުމަށް ޔުނިޓީ ސްޕޯޓްސް އެކަޑެމީން ހުށަހެޅި ޕްރޮޕޯސަލަށް އަތޮޅު ކައުންސިލުން 75،000 ރުފިޔާ ހަމަޖައްސައިދީފައިވެ އެވެ. އެ މަސައްކަތް ނިމޭއިރު، 98،000 ރުފިޔާ ޚަރަދު ވާނެ ކަމަށް އެ ކުލަބުން ބުނެއެވެ.
ފުނަދޫގެ ތަރައްޤީގައި މުހިންމު ހިއްސާއެއް އަދާކުރަމުންދާ ޔުނިޓީ ސްޕޯޓްސް އެކަޑެމީގެ ނާއިބް ރައީސް ހުސައިން އަރީފު ދަރިވަރު ނޫހަށް ވިދާޅުވީ، އިތުރަށް ކުރަންޖެހޭ ޚަރަދު ކުރަނީ އެ ކުލަބުން ކަމަށާއި، ހެޔޮ އެދޭ ގިނަ ފަރާތްތަކެއްގެ އެހީތެރިކަން މިހާރު ވެސް ލިބެމުން އަންނަ ކަމަށެވެ.

" އަޅުގަނޑުމެން އެބަ ހިންގަން 160 ކުދިންގެ އެކަޑެމީއެއް. އެކުދިންގެ ބެލެނިވެރިންގެ ފަރާތުން ވެސް މި މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން ދަނީ" ފުނަދޫ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަރީފު ވިދާޅުވިއެވެ.
ހަ ސަތޭކައެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ފުނަދޫ ސްކޫލްގެ ގޯތިތެރޭގައި، ރީޑިންގ ޕާކު ހެދުމުގެ މަސައްކަތް ކުރަނީ ވެސް ޔުނިޓީ ސްޕޯޓްސް އެކަޑެމީގެ މެމްބަރުންނެވެ.
advertisment
ހިޔާލު