ހިރިޔާ ސްކޫލްގެ ކޮންސެޓް މިފަހަރު ޚާއްޞަ ކުރީ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރު ކުރުވުމަށެވެ.
ތިން އަހަރުގެ މެދުކެނޑުމަކަށްފަހު، ހިރިޔާގެ ކޮންސެޓް ބޭއްވީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުއެވެ.

ގުރޭޑް އެކަކުން ފެށިގެން ދިހައަކާ ހަމައަށް ހުރިހާ ގުރޭޑްތަކުން ހުށައެޅި ހުށައެޅުންތައް އަމާޒުކޮށްފައި ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ހޭލުންތެރި ކުރުވުމަށެވެ.
ތިމާވެއްޓަށް ގެއްލުން ދޭ، ބާވަތްތައް ދިރިއުޅުމުގެ އެއްބަޔަށް ވެފައިވާއިރު، އެފަދަ ތަކެތީގެ ތެރޭގައި ހިމެނޭ ޕްލާސްޓިކް ފަދަ ބާއްވަތްތައް އަލުން ބޭނުންކުރުމާއި އިއާދަކުރުމުގެ މުހިންމުކަން މި ކޮންސެޓުން ހަނދާން ކޮށްދިނެވެ.

އުކާލާ ޕްލާސްޓިކުގެ އުފެއްދުންތައް ބޭނުން ކޮށްގެން ގުރޭޑް އެކެއްގެ ދަރިވަރުން ގެނެސް ދިން ފެޝަން ޝޯވއިން އެތައް މެސެޖެއް ދިނެއެވެ. ކޮންމެ ކުއްޖަކު ދައްކާލި ކޮންމެ ހެދުމަކުން ވެސް ގެނެސްދިނީ ތަފާތު ވިސްނުމެކެވެ.

" ކޮންމެ ހެދުމަކީ ވެސް ތަފާތު ވިސްނުމެއް. އަލުން ބޭނުން ކުރެވިދާނެ ތަކެއްޗާއި ގޮތްތަކަށް ބެލެނިވެރިން ވިސްނައިގެން ކުރި ބުރަ މަސައްކަތެއް" ކޮންސެޓް ކަންތަކުގައި އިސްކޮށް މަސައްކަތް ކުރެއްވި ސަލްމާ މިސް ފާހަގަކުރެއްވިއެވެ.
ތަމްސީލެއްގެ ގޮތުގައި ހުށަހަޅައިދިން މޫސުން ލަފާ ކުރާގޮތަކީ ވެސް މުހިންމު މެސެޖްތަކެއް ދިން ޙަރަކާތެކެވެ.

" އިންސާނުންވާ ހޫނާއި އުނދަގޫތައް އެކަކު އަނެކަކު ކައިރީގައި ބުނެދެވެއެވެ. އެކަމަކު ދިރޭތަކެއްޗަށް ވާ ހޫނާއި ލިބޭ ގެއްލުމާއި، އުދާސްތަކެއް އެ ތަކެއްޗަށް ބުނައެއް ނުދެވެއެވެ. އެތަކެއްޗާ މެދު ވިސްނަން ޖެހެނީ ވެސް އަހަރަމެންނަށެވެ." އެ އައިޓަމުން ދިން މެސެޖަކީ އެއީއެވެ.
1500 އެންހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލުން، ޕީޓީއޭގެ ޙަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ގެނެސްދިން ކޮންސެޓުން ގިނަ ދަރިވަރުންނަށް ފުރުޞަތު ދީފައިވެއެވެ. މި ކޮންސެޓްގައި ނެށުމާއި ތަމްސީލާއި ވަކިވަކި ދަރިވަރުންގެ ހުނަރުތައް ދައްކާލިއެވެ.
advertisment
ހިޔާލު