ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑް 10ން މަތީގެ 88 ދަރިވަރުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މާލެއާއި ތުލުސްދޫއަށް ދަތުރެއް ކޮށްފިއެވެ.
މި ދަތުރު ކުރިއަށް ގެންދިޔައީ ހުސްވި މަހުގެ 31ން މިމަހުގެ ދެ ވަނަ ދުވަހާ ހަމައަށެވެ.
މިއީ ދަރިވަރުން ކިޔަވަމުންދާ ފިލާވަޅުތަކާ ގުޅުން ހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް އިންތިޒާމް ކުރި ދަތުރެއް ކަމަށް ދ. އޭއީސީން ބުނެއެވެ.

މ ދަތުރުގައި، ސައިންސް ކިޔަވާ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދީ، މެޓް އޮފީހާއި މެރިން ރިސަރޗް ސެންޓަރާއި ފުލުހުންގެ ފޮރިންސިކް ލެބަށާއި އުރީދޫ ޑޭޓަރ ސެންޓަރުންނެވެ. ބިޒްނަސް ކިޔަވާ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި މީރާއާއި ތުލުސްދޫގައި ހިންގާ ސީޒަން ޕެރަޑައިސް ގެސްޓްހައުސްގެ އިތުރުން އިންސުއަރެންސްގެ ޚިދުމަތްދޭ އަމާނަ ތަކަފުލް އިންނެވެ.
މި ދަތުރުގައި، އެޗްޑީސީގެ އިތުރުން ތުލުސްދޫގައި ހުންނަ ކޮކާކޯލާ ފެކްޓަރީއަށް ޒިޔާރަތްކޮށް އެ ފެކްޓަރީގެ އޮޕަރޭޝަން މަސައްކަތްތައް ކުރިއަށް ދާ ގޮތް ހުރިހާ ދަރިވަރުން ތަޖުރިބާ ކުރިއެވެ.

އިމްތިޙާނަށް ތައްޔާރުވުމާ ގުޅޭ ޚާއްޞަ އޮރިއެންޓޭޝަން ސެޝަންތަކެއް ތާޖުއްދީނާއި އިސްކަންދަރު ސްކޫލުން ވަނީ ދ. އޭއީސީގެ ދަރިވަރުންނަށް ބާއްވާފައެވެ.
ދެ އަހަރުން އެއް އަހަރު، މިފަދަ ދަތުރުތައް ދ. އޭއީސީން ދަނީ އިންތިޒާމް ކުރަމުންނެވެ.
" ދަރިވަރުންނަށް މިހާތަނަށް ނުދެވޭ، ދެކެފައިނުވާ އެތައް ތަނަކަށް ގޮސް، ކަންތައްތައް ބަލައި، އަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބުމުން، އެ ދަރިވަރުން ތިބީ ވަރަށް ބޮޑށް ހިތްހަމަޖެހިފައި. މީގެ ފައިދާ އެ ދަރިވަރުންގެ ކިޔެވުމަށް ކުރާނެ" ދ. އޭއީސީގެ ޕްރިންސިޕަލް ހަމްޒަތު ދޮންމަނިކު ވިދާޅުވިއެވެ.

ދ. އޭއީސީން ބުނީ، މި ދަތުރުގައި ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނާއެކު ބައިވެރިވި ފަރާތްތަކުގެ އަދަދު 100އަށް އަރާ ކަމަށާއި، މި ދަތުރު އިންތިޒާމް ކުރުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ.
ގަޑިއަށް ދަތުރުގެ ކަންތައް ހަމަޖައްސައިދިން ބީޗްކުރޫޒާއި ޚާއްޞަ ޑިސްކައުންޓަކާއެކު ބައެއް ދަރިވަރުންނަށް ޚާއްޞަ އަގެއްގައި ޓިކެޓް ހަމަޖައްސައިދިން މަންތާ އެއަރއާއި ތުލުސްދޫއަށް ކުރި ދަތުރުގައި ހުސައިން ހަމީދާއި ސަވާދު ޖައުފަރުގެ ފަރާތުން ދިން އެހީތެރިކަން އެ މަރުކަޒުން ފާހަގަކުރިއެވެ. ޚާއްޞަކޮށް އެޑީސީގެ ފަރާތުން ޝާތިރު އަބްދުއް ރަހުމާނާއި ދަތުރު އިންތިޒާމް ކުރުމުގައި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ވެސް އެ މަރުކަޒުން ފާހަގަކުރެއެވެ.
މަތީ ސާނަވީއާ ހަމައަށް ކިޔައިދޭ، ދ. އޭއީސީގައި މިހާރު 800 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު