ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކޮށް ހިންގަން، ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި ކޮލެޖް ތަރައްޤީކޮށް ހިންގުމުގެ އެއްބަސްވުމުގައި ހަޔަރ އެޑިޔުކޭޝަނުން ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ، ފާތިމަތު ޙިލްމީ، އަދި ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ، ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ.އަލީ ނަޖީބެވެ.
މިއީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮޖެކްޓެކެވެ. މި އެއްބަސްވުމުގެ ދަށުން އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ކުރާނީ ވެސް ވިލާއިންނެވެ.
ނ.ކެނދިކުޅުދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެއެވެ.
މި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށްޓަކައި ކެނދިކުޅުދޫއިން 86،000 އަކަފޫޓްގެ ބިމެއް ވަނީ ކައުންސިކިލުން ހަމަޖައްސާފެއެވެ. މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ޖޫނިއަރ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މި ޖޫނިއަރ ކޮލެޖުގައި ޓޫރިޒަމް އަދި ހޮސްޕިޓާލިޓީގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްޤީކުރާނެއެވެ. އަދި ހަ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއަކާއި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެއެވެ. މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ހުރުމާއެކު އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ހިމެނިފައިވާނެއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މި ކޮލެޖް ތަރައްޤީކޮށް ނިންމައި ހިންގުމުގެ މަސައްކަތް 27 މަސް ދުވަހުގެ ތެރޭގައި ފަށާނެއެވެ. މި އެއްބަސްވުމުގެ މުއްދަތަކީ 50 އަހަރެވެ.
advertisment
ހިޔާލު