އަންނަ އަހަރު، ތަޢުލީމަށް 4.6 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް 4.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ތަޢުލީމީ ދާއިރާއަށް ކަނޑައަޅައިފިއެވެ. މިއީ އަންނަ އަހަރަށް ކަނޑައެޅި 42،680 ބިލިއަން ރުފިޔާގެ 11 އިންސައްތައެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު އިބްރާހިމް ވިދާޅުވީ، މި ބަޖެޓްގައި، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ސަބަބުން އިތުރުވި 636.2 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. މިއާއެކު ދިވެހިން އެދޭގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތު ކުރުމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ތަޢުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމްކުރުމަށްޓަކައި 142 ރަށެއްގައި، 195 މަޝްރޫއެއް އަންނަ އަހަރު ހިންގަން ބަޖެޓްގައި ވަނީ ކަނޑަޅާފައެވެ . މީގެ ތެރޭގައި 21 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތައް ހިމެނެއެވެ. އަލަށް އާބާދުވާ ސަރަހައްދުތަކުގައި މުޅިން އަލަށް ގާއިމްކުރެވޭ ސްކޫލްތަކާއި ހުޅުމާލޭގެ ފޭސް 2 ގައި ގާއިމްކުރެވުނު ވަގުތީ ސްކޫލްތަކުގެ ބަދަލުގައި އަންނަ އަހަރު ދާއިމީ ސްކޫލްތައް ގާއިމްކުރެވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހިލޭ ޑގްރީއަށް ކިޔެވަވައިދިނުމަށް 166.7 މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައިވެއެވެ. މަތީ ތަޢުލީމު ހާސިލުކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ހުޅުވާލާފައިވާ ލޯނު ސްކީމް އަންނަ އަހަރު ކުރިއަށް ގެންދަން 216 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެއެވެ . އަދި މަތީ ތައުލީމަށް އަމާޒުކުރެވޭ 856.6 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، އެމީހުންގެ ދިރިއުޅުން އަމިއްލައަށް ބައްޓަންކުރާ ޤަދަރުވެރި ބަޔަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *