ނަތީޖާ ދަމަހައްޓަން އަޙްމަދިއްޔާ ވާދަކުރަން ޖެހެނީ އަޙްމަދިއްޔާއާ: ޕްރިންސިޕަލް ރަޝީދު

ނަތީޖާ ދަމަހައްޓަން އަޙްމަދިއްޔާއިން ވާދަކުރަން ޖެހެނީ އަޙްމަދިއްޔާއާ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރުގެ ސަނަވީގެ އިނާމް ދިނުމުގެ ޖަލްސާގައި ރޭ ދަރުބާރުގޭގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ރަޝީދު ވިދާޅުވީ، މިއަދު އަޙްމަދިއްޔާ ވެފައި ވަނީ އޯލެވެލްއާއި އޭލެވެލްއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ސްކޫލަށް ކަމަށެވެ. އަހުމަދިއްޔާގެ ރެކޯޑަށް ބަލާއިރު، މިއީ ދެބަސް ވެވެން ނެތް ހަޤީޤަތެއް ކަމަށާއި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އިންސައްތައަށް ބަލާއިރު، އަހުމަދިއްޔާ އޮތް ހަމައެކަނި ގޮންޖެހުމަކީ ބައިނަލްއަޤުވާމީ އިމްތިޙާނު ތަކުން ހޯދަމުންދާ ފަޚުރުވެރި ނަތީޖާތައް ދެމެހެއްޓުން ކަމަށެވެ.

" އެއް އަހަރަށްވުރެ އަނެއް އަހަރު މަތީ ނަތީޖާއެއް ހޯދަން އަހުމަދިއްޔާ ވާދަކުރަން ޖެހެނީ އެހެން ސްކޫލަކާ ނޫން. އަހުމަދިއްޔާ ވާދަކުރަން ޖެހެނީ އަހުމަދިއްޔާގެ ރެކޯޑާ" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، ރާއްޖޭގައި ހިންގާ އެންމެ ރަނގަޅު އިންޓަރނޭޝަނަލް ސްކޫލަށް ހަދައިދެނީ މެނޭޖްމަންޓާއި ހީވާގި ޓީޗަރުން ކަމަށެވެ.

ފާއިތުވި އަހަރު އަހުމަދިއްޔާއިން ވަނީ ސާނަވީ އިމްތިޙާނުގައި ޤައުމީ ގަދަ ދިހައެއްގައި 66 ދަރިވަރުން ހިމެނިފައިވާކަން ބަޔާން ކުރައްވަމުން ރަޝީދު ވިދާޅުވީ، އެއީ އަހަރުން އަހަރަށް ނަތީޖާ ރަނގަޅު ކުރަން ޓީޗަރުން ކުރަމުންދާ ބުރަކޮށް މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވީ، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ މާދަމާގެ މުސްތަޤުބަލަށް ދަރިވަރުން ބިނާކުރުމުގައި ޙިކުމަތާއި ވިސްނުމާއި ތަޞައްވުރެއްގެ އަމާޒަށް ދަތުރުކުރާ ސްކޫލެއް ކަމަށެވެ. ދަރިވަރުންނަށް އިގިރޭސި ބަހުގެ އިތުރުން ބައިނަލްއަޤުވާމީ ބަސް އުނގައިދެނީ ބަހަވީގޮތުން ވެސް ދަރިވަރުން ބިނާކުރުމުގެ މަޤްޞަދުގައި ކަމަށް ރަޝީދު ވިދާޅުވިއެވެ.

ދިވެހިންގެ މާދަރީ ބަހުން ބަސްމޮށުންތެރި ކަމުގެ ޤާބިލްކަމާއި ޕްރެޒެންޓޭޝަން ތައްޔާރު ކުރުމާއި ހުށަހެޅުމުގެ ހުނަރަކީ ސްކޫލްގައި އޮރިއެޓަރީ ސްކިލްސްގެ ނަމުގައި ޚާއްޞަ މާއްދާއެއް ކިޔަވައިދޭ ކަމަށް ރަޝީދު ވިދާޅުވިއެވެ. އެ މާއްދާގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ބަސްމޮށުންތެރިކަމުގެ ހުނަރާއި ދިވެހި އަދަބިއްޔާތާއި ބަހުގެ ހަމަތަކާއި ވާހަކަދެއްކުމުގައި ޒަމާނުއްސުރެ ބޭނުންކުރާ ދަރަޖަތަކަށް ހިމެނެއެވެ.

" މިކަމުގެ ބޭނުމަކީ އަހުމަދިއްޔާއިން ނުކުންނަ ކޮންމެ ދަރިވަރަކީވެސް ކުޅިވަރާއި އިޖްތިމާއި ޙަރަކާތްތަކުގެ އިތުރުން އެ ރޮނގުން ވެސް ހުނަރުވެރި ދަރިވަރުންނަށް ހަދައިދިނުން" ރަޝީދު ވިދާޅުވިއެވެ.
" ދިވެހި ތާރީޚުވެސް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެމުން އެބަގެންދަން. މީގެ މަޤްޞަދަކީ އަޙުމަދިއްޔާއިން ކިޔަވާ ކޮންމެ ދަރިވަރަކީ މި ޤައުމުގެ ތާރީޚާއި ސަގަފަތާއި ތަރިކަތަކަށް ހޭލުންތެރި ޤައުމު ދެކެ ލޯބިވާ ދަރިވަރުންނަށް ހަދައިދިނުން"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *