އދ. އޮމަދޫ ސްކޫލު ތަރައްޤީއަށް ޖަޕާނު ސަރުކާރުން 1.2 މިލިއަން ރުފިޔާގެ އެހީއެއް ވެދީފިއެވެ.
މި އެހީ ދީފައި ވަނީ ޖަޕާނުގެ ގްރާންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމްގެ ދަށުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގްރާންޓް ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކޭޗީ މިޑޯރީ އާއި އޮމަދޫ ސްކޫލުގެ ޕްރިންސިޕަލް ހަސަން އާމިރެވެ.
އޮމަދޫ ސްކޫލުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ގްރާންޓް ކޮންޓެކްޓްގެ ޝަރުތުތަކުގެ ދަށުން، މި ޕްރޮޖެކްޓްގެ ދަށުން ކްލާސްރޫމެއް އެޅުމަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ބޭނުން ކުރާނެ ފާޚާނާއެއް ހެދުން ހިމެނެއެވެ.
މި އެހީގެ ސަބަބުން ކްލާސްރޫމްތަކަކީ ކުދިންނަށް އުނގެނުމުގެ އުފަލުގައި އުޅެވޭނެ ރައްކާތެރި އަދި ހިތްފަސޭހަ ކްލާސްރޫމްތަކަކަށް ހެދުމަށް ޓަކައި މާހައުލު ހަރުދަނާވެގެންދާނެ ކަމަށ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި އެ ރަށުގައި ގުދުރަތީ ކާރިސާއެއް ދިމާވެއްޖެ ނަމަ އިމަޖެންސީ އިވެކުއޭޝަން ޝެލްޓަރެއްގެ ގޮތުގައި ވެސް މި ފެސިލިޓީ ބޭނުން ކުރާނެއެވެ.
ޖީޖީޕީއަކީ ގްރާސްރޫޓް ލެވެލްގައި މީހުން ބާރުވެރިކުރުވުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ހިންގާ ޖަޕާން އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އޯޑީއޭ) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން 1996 ވަނަ އަހަރުން ފެށިގެން ޖީޖީޕީ އަކީ ތައުލީމާއި ތިމާވެއްޓާއި ސިއްހަތާއި ދަތުރުފަތުރާއި ހަކަތަ ފަދަ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
advertisment
ހިޔާލު