"ދަ ލީޑަރ އިން މީ" ގެ ނަމުގައި ވެލިއު އެޑިޔުކޭޝަން ޕްރޮގްރާމެއް ފަށައިފި

"ދަ ލީޑަރ އިން މީ" ގެ ނަމުގައި ވެލިއު އެޑިޔުކޭޝަން ޕްރޮގްރާމެއް އިފުތިތާހު ކޮށްފިއެވެ. މި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް 9-12 ގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ވާހަކަދެއްކުންތެރިން އަދި ލައިފް ކޯޗުން ކަމަށްވާ މަސްއޫދު ޢަލީ އަދި ހުޞައިން އަފީފެވެ. މި ބޭފުޅުން އަތޮޅު ތެރެއަށް ވަޑައިގެން އެކި ރަށްރަށުގެ ސްކޫލުތަކުގައިވެސް މި ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މިޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ ޤައުމީ މަންހަޖުގައި ހިމެނިފައިވާ އަގުތައް ދަރިވަރުންގެ ގައިގައި އަށަގެންނެވުމަށް ސްކޫލުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް އެޅުމެވެ.

ތާޖުއްދީން ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ޤައުމީ މަންހަޖު އެކުލެވިފައިވަނީ މައިގަނޑު 8 ޤާބިލިއްޔަތެއްގެ މައްޗަށް ކަމަށެވެ. އަދި ޤައުމީ މަންހަޖުގެ ތެރެއިން ދަރިވަރުންގެ ގައިގައި އަށަގެންނެވުމަށް ބާރު އަޅާ އަގު ތަކެއް ވާ ކަމަށެވެ. މި އަގުތައް ބަހާލެވިފައިވަނީ 4 ބައެއްގެ މައްޗަށްކަން ބަޔާންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ތިމާގެ އަމިއްލަ ނަފުސާ ގުޅުންހުރި އަގުތަކާއި ތިމާގެ އާޢިލާއާއި އަނެކުންނާ ގުޅުންހުރި އަގުތަކާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ގުޅުންހުރި އަގުތަކާއި ތިމާވެއްޓާއި ގުޅުން ހުރި އަގުތައް ކަމަށެވެ. ތެދުވެރިވުމާއި އިތުބާރުކުރެވޭ މީހަކަށްވުމާއި ނަޒާހަތްތެރިކަމާއި އިސްލާމް ދީނުގެ ރިވެތި ރިސާލަތުގެ މަތީގައި ދެމިތިބުންފަދަ ތިމާގެ އަމިއްލަ ނަފްސާގުޅޭ އަގުތަކުން ދަރިވަރުންނަށް އަމިއްލަ ނަފްސްއަށް އަޅާލާ އިހުތިރާމުކޮށް ކާމިޔާބާ ދިމާލަށް ދަތުރުކުރުމަށް ބާރުވެރިވެވޭ ކަމަށެވެ.

" އަނެކާއަށް އަޅާލުމާ ރަހުމުކުރުމާއި، އިހްތިރާމް ކުރުމާއި ތިމާއާއި އަނެކާގެ ހައްޤުތަކާއި ޒިންމާތަކަށް ސަމާލުވުންފަދަ އަނެކާއާ ގުޅުންހުރި އަގުތައް ދަސްވުމުން އިހްތިރާމާއި ލޯތްބާއިއެކު ތިމާގެ މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ދެމިތިބެން ދަސްވޭ."

މިނިސްޓަރު ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔެއަކަށް ހޭނުމާއި މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި އިޖްތިމާޢީ އަދާލަތުގެ ރިވެތި ސިފަތަށް ދަރިވަރުންގެ ކިބައިގައި އަށަގަތުމުން އެހެން މީހުންނާއިއެކު ގުޅިގެން ދުނިޔޭގެ ކޮންމެތަނެއްގައި ވެސް ކާމިޔާބު ކަމާއެކު ދިރިއުޅުމަށް ދަރިވަރުން ހޭނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަޤާފަތާ ތަރިކައާ ތިމާވެއްޓަށް ރައްކާތެރިވެ އެކަންކަމަށް ލޯބިޖެހުމުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޤައުމިއްޔަތު ދަމަހައްޓަން ދަރިވަރުން ފައްކާވާނެ ކަމަށާއި، މަދަރުސާގައި ދެވޭކޮންމެ ފިލާވަޅަކުންވެސް، ހިންގޭ ކޮންމެ ހަރަކާތަކުންވެސް ދަރިވަރުން ގައިގައި އަގުތަށް އަށަގެންނެވުމަށް މަސައްކަތް ކުރެވޭ ކމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *