ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާން ކޮށްފިއެވެ.
އެ ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައި ހުންނެވި މަރިޔަމް މުޙައްމަދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މުޙައްމަދު ޤާސިމް ޕްރީ ސްކޫލުގައެވެ.
މުޙައްމަދު ޤާސިމް ޕްރީ ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި ފާތިމަތު ލީނާ އަކީ މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ކާމިލު ދީދީ ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލެވެ. ޤާސިމް ޕްރީ ސްކޫލަށް، މަރިޔަން ނުކުންނަވަން ފެއްޓެވީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ޣާޒީ ސްކޫލަށް ހޯދަނީ ޕްރިންސިޕަލް ރޭންކް އެކެއް ނޫނީ ދެވަނަ ރޭންކުގެ ބޭފުޅެކެވެ. ރޭންކު އެކެއްގެ ބޭފުޅަކަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި 26،181ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް 258 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ދެވަނަ ރޭންކުގެ ބޭފުޅަކަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި 28،285 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް 279 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ޝަރުޠު ހަމަވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ހުށަހަޅަން ޖެހެއެވެ.
advertisment
ހިޔާލު