ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށް ދިނުމަށް ކުރިއަށް ގެންދިޔަ ތިން ދަންފަޅީގެ ތެރެއިން އެންމެ ފަހުގެ ދަންފަޅި ކުރިއަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. އެ ދަންފަޅި ޝަރަފުވެރިކޮށް ދެއްވީ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދެވެ.
ދިޔާނާ ވަނީ ދަސްވެނިވި ދަރިވަރުންނާއި، އަދި އެ ހަފުލާގައި ބައިވެރިވި އެންމެހާ ދަރިވަރުންނަށް އަގުހުރި ފިލާވަޅުތަކެއް އެކަމަނާގެ ޙަޔާތްޕުޅުން ގެނެސް ދެއްވާފައެވެ.
ދިޔާނާގެ ވާހަކަފުޅު ފެއްޓެވީ ކުރު މުއްދަތެއްގެ ތެރޭގައި ޤައުމީ ޔުނިވަރސިޓީން ހޯދި ފަޚުރުވެރި ކަމިޔާބީ ފާހަގަ ކުރައްވަމުންނެވެ. ވިދާޅުވީ " ޤައުމީ ޔުނިވަރސިޓީން ކުރުމުއްދަތެއްގެ ތެރޭގައި ހޯދި ކާމިޔާބާމެދު ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިވުން ހައްޤު" ކަމަށެވެ.
ޔުނިވަރސިޓީ ތަޢުލީމް ހިލޭ ލިބުމަކީ ދުނިޔޭގެ ވަރަށް މަދު ޤައުމެއްގައި ވާކަމެއްކަން ބަޔާންކޮށް ދެއްވައި، އެކަމަނާ ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީއަކީ ހިލޭ ޑިގްރީއަށް ކިޔަވައިދޭން ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ މުހިންމު ބައިވެރިއެއް ކަމަށެވެ.
ދިޔާނާ ވިދާޅުވީ، ކަމަކަށް އެދޭނަމަ، އުއްމީދެއް ކުރާނަމަ، ހުވަފެނެއް ދެކޭނަމަ، ދުނިޔެ އެކަމެއް ދައްކާނެ ކަމަށެވެ. އެކަމަކު ޙަޔާތުގެ ހަލަބޮލިކަމާ ޖެހުނީމާ އެކަން ފަސޭހައިން ހަނދާން ނެތިދިއުމަކީ ވެސް ދުނިޔޭގެ ހަމައެއް ކަމަށެވެ. އަދި ވިދާޅުވީ، ދިރިއުޅުމުގެ ހަލަބޮލި ކަމުގެ ތެރޭގައި ހުވަފެންތައް ވަޅުޖެހިގެން ދާ ހަލަތު އެންމެ ބޮޑަށް ދިމާވަނީ އަންހެނުންނަށް ކަމަށެވެ.
ދުނިޔޭގެ މަޝްހޫރު ފިލޯސަފަރެއްގެ ވާހަކައަށް އިޝާރާތް ކުރައްވައި، ދެން ވިދާޅުވީ، " ތިބާ ކަމަކަށް އެދިއްޖެނަމަ އެކަމެއް ތިބާއަށް ޙާޞިލް ކޮށްދިނުމަށްޓަކައި މުޅި ކާއިނާތު މަސައްކަތް ކުރާ ކަމަށެވެ."
މި ހިސާބުން ދެން ފެއްޓެވީ އެކަމަނާގެ ޙަޔާތްޕުޅުގެ އެތައް ފިލާވަޅުތަކުގެ ތެރެއިން އެއް ފިލާވަޅެއްގެ ވާހަކައެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމުހޫރިއްޔާގެ މެމްބަރުކަން ކުރެއްވި ދިޔާނާ ވިދާޅުވީ، ރާއްޖޭގެ ބަންޑާރަ ނައިބު ކަމުގެ މަގާމު ފުރުއްވި، ފަޞީލަތުލް އުސްތާޛުއް ޝައިޙް އިބްރާހިމް ލުތުފީއަކީ އެކަމަނާގެ ކާފާފުޅު ކަމަށެވެ. ކާފަގެ މޮޅު ވާހަކަ މަންމަ ދައްކަވާތީ، ކޮންމެ ވެސް ދުވަހަކުން ބަންޑާރަ ނައިބަކަށް ވެވަޑައިގަންނަވާނެ ނަމައޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ.
" މިއީ އޭރު ފަސްއޮށް ކުޅެން އިން ކުޑަކުއްޖެއްގެ ހިތުގައި އޮތް ހިޔާލެއް. އަހަރުތަކެއް ގުނަމުން ދިޔައިރު، އެ ޚިޔާލު އުއްމީދުގެ ހުޅުކޮޅަކަށްވެ އަޅުގަނޑުގެ ހިތުގައި އަށަގަތް. އެކަމަކު އެކަން ކުރާނެ ގޮތެއް ވިސްނިފައެއް ނެތް" ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވި ގޮތުގައި، އެ ޒަމާނަކީ ރާއްޖޭގައި ކޮލެޖް ޔުނިވަރސިޓީ ހުރި ޒަމާނެއްނޫން ކަމަށާއި އޭލެވެލް ހަދަން އޮންނަ ފުރުޞަތަކީ ވެސް ވަރަށް ހަނި ފުރުޞަތެއް ކަމަށެވެ. ބޭރަށް ފޮނުވައިގެން ކިޔަވައިދޭނެ ތަނަވަސްކަމެއް މައިންބަފައިންގެ ކިބައިގައި އޭރަކު ނެތެވެ. މިހާރު އޮންނަ ގޮތަށް މަތީ ތަޢުލީމް ޙާޞިލްކުރަން ލޯން ސްކީމް ލިބުމަކީ އޭރު ހުވަފެނުން ވެސް ދެކެވަޑައިގެންނެވި ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ.
ދިޔާނާ ވިދާޅުވީ، ސްކޫލް ނިމި، ޓީޗަރު ކަމުގެ ކޯސް ނިންމާފައި ފެއްޓެވީ ކިޔަވާދެއްވާށެވެ. އޭރު ވެސް ބަންޑާރަ ނައިބަކަށް ވެވަޑައިގެންނެވުމުގެ ޚިޔާލު ހިތުތެރޭގައި އާވެއާލާވާ ކަމަށެވެ. އެހެންވެ ޓީޗަރެއްގެ ޒިންމާ ދޫކޮށްލައްވާފައި އޭލެވެލްއަށް ކިޔަވަން ފެއްޓެވިއެވެ.
އޭލެވެލް ކިޔަވަން ބޭންފުޅުވީ ގާނޫނީ ދާއިރާއިންނެވެ. އޭރު އޭލެވެލްއަށް ކިޔަވައި ދެނީ އެންމެ ތަނަކުންނެވެ. އެތަނުން ޤާނޫނީ ދާއިރާއިން ކިޔަވައެއް ނުދެއެވެ. އޭގެ މާއްދާތަކެއް ވެސް ކިޔަވައެއް ނުދެއެވެ.
" އެ ހިސާބަށް ދެވުނުއިރު، ކުރިއަށް ދެވޭނެ ގޮތެއް ނުފެނި މަގު ބަންދުވީ"
ދިޔާނާ ވިދާޅުވީ ކުރިއަށް ދެވޭނެ މަގެއް އޮތްތޯ ފިކުރު ކުރަނިކޮށް އެއް ދުވަހު، ޚިޔާލަށް އައީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީއެއްގެ ނަމެވެ. އެ ޔުނިވަރސިޓީގެ ނަން އެނގިވަޑައިގެންނެވީ ބައްޕަގެ ފަރާތްޕުޅުންނެވެ.
"ދަ ރެޕިޑް ރިޒަލްޓްސް ކޮލެޖް"އަކީ ދުނިޔޭގެ އެކި ތަންތަނަށް ފޮތްތައް ފޮނުވައިގެން ދުރުން ދޭ ތަޢުލީމުގެ ގޮތުގައި ކިޔަވައިދެމުން ދިޔަ ކޮލެޖެކެވެ. ދިޔާނާ ވިދާޅުވީ އެ ކޮލެޖްގެ ވާހަކަ އަޑުއިވިވަޑައިގެން އެކަމަނާގެ ބައްޕަ ވެސް އިނގިރޭސި ބަސް ކިޔަވާ ވިދާޅުވީ އެތަނުން ފޮތްތައް ގެންނަވައިގެން ކަމަށެވެ.
ދިޔާނާ ވިދާޅުވީ، ބޭބެއާއި ބައްޕައާއި ވާހަކަ ދައްކައިގެން އެ ކޮލެޖަށް ސިޓީއެއް ޕޯސްޓް ކުރެއްވި ކަމަށާއި، އޭގެ ފަހުން ޕޯސްޓަލް މެދުވެރިކޮށް ފޮތްތައް ގެންނަން ފެއްޓެވި ކަމަށެވެ.
" އެއް ފަހަރާއެއް ނޫން ފޮތްތައް ލިބެނީކީ. ފޮތް އަންނަނީ ދެ މަހުން ތިންމަހުން ފޮތެއް. ފޮތްތައް އަންނަލެއް ލަސްވެގެން ޕޯސްޓް އޮފީފާއި ގެއާ ދޭތެރޭގައި ހިނގާލަ ހިނގާލާ، ގޯޅިކަންމަތީގައި މިހެން ( އުނަގަނޑުގައި ދެ އަތް ވިއްދާލައިގެން ހުންނަ ގޮތް ދައްކަވާ ލައްވަމުން) ހުންނަ ހަނދާންވޭ"
ޝަޢުޤުވެރިކަމާއި ފޯރިއާ ޖޯޝާއެކު ވާހަކަ ކުރިއަށް ގެންދަވަމުން ދިޔާނާ ވިދާޅުވީ، ފޮތްތައް ލިބުނަސް ހިތްޕުޅު ހަމަޖައްސަވާލެވެން ނެތް ކަމަށެވެ. އެއީ "ލޯ" ވީމާ އޭގައި ހުންނަ ފިލާވަޅުތައް ވެސް އޮޅުން ނުފިލާ ކަމަށެވެ.
" އޮޅުން ނުފިލާ ތަންކޮޅެއް އޮތަސް އެ އޮޅުން ފިލުވައިދޭނެ މީހަކުވެސް ނެތް. މުޠާލިޔާ ކޮށްލާނެ އިތުރު ފޮތެއް ވެސް ނެތް. ދެން އަމިއްލައަށް ކިޔަނީ. އޮޅުން ނުފިލާ ތަންކޮޅެއް އޮތަސް އަލުން ބަލުން ކިޔަނީ. އެންމެ ފަހުން ފޮތްބައި އެކީގައި ނިންމައިފިން" ޤާނޫނީ ވަކީލަކަށް ވެވަޑައިގެންނެވުމަށް ކުރެއްވި މަސައްކަތުގެ ފުރަތަމަ މަރުޙަލާ ދިޔާނާއަށް ކަނޑައްތު ކުރެއްވުނެވެ.
" މި ފޮތްތަކުން ލިބުނު އިލްމުގެ ބޭނުން ހިފައިގެން އެލްސީސީ ކިޔާ އެގްޒާމެއް ކޮމާޝަލް ލޯއިން ހެދީ، އޭގެ ދޭއް، ތިނެއް ވެސް ހަދައިފިން. އަޅުގަނޑު މި ކުރާކަމަކީ ފުރުޞަތު ބޮޑުކުރަނީ، ﷲ ދެއްވި ނަޞީބުން އޭލެވެލްގެ ނަތީޖާ ލިބުނުއިރުގައި ލޯ އިން އަޅުގަނޑަށް ލިބުނީ. ޑިސްޓިންގްޝަން އެއް"
ދިޔާނާ ވިދާޅުވީ، އެކަމުގެ ތެރޭގައި އުޅުއްވަނިކޮށް ބަންޑާރަ ނައިބުގެ އޮފީހުން، ލޯ ކިޔަވަން ސްކޮލަރޝިޕަކަށް އިއުލާން ކުރެއްވި ކަމަށެވެ.
" މިއަށް ކުރިމަތިލާން އުޅުނީމާ ބައެއް މީހުން ބުނެފި ތިކަމާ އުޅޭނެ ކަމެއް ނެތޭ ތި އޮންނާނީ ކޮންމެވެސް ބަޔަކަށް ދީ ނިންމާފައޭ. އެ އަޑުވެސް ނާހާ އަޅުގަނޑު ކުރިމަތިލީ. ﷲ ގެ ހެޔޮރަހުމަތާއެކު ސޮކޮލަރޝިޕަށް ހޮވުނީ"
ދިޔާނާ ވިދާޅުވީ، އެދުވަހު ބައެއް ބޭފުޅުން، ދިޔާނާ ހާދަ ނަސީބުރަނގަޅޭ، އޭރު ބޭރުން ސްކޮލަރޝިޕެއް ލިބިގެން ކިޔަވަން ދިއުމަކީ ހާދަ ބޮޑު ނަސީބެކޭ ވިދާޅުވި ކަމަށެވެ.
އެ ކަމަނާ ވިދާޅުވީ، ނަސީބު މިހާގެ އަތުގައި ހިފުމަށް އޮންނަ މަގު، އެކަމަށް އޮންނަ ފުރުޞަތު ތަނަވަސް ކުރުމަކީ އެމީހެއްގެ އަތްމަތީގައި އޮންނަ ކަމެއް ކަމަށެވެ.
" ކާފަ ހިންގެވި މަގުން ހިނގާ ބަންޑާރަ ނައިބު ކަމަށް އައުމަށް ދަތުރު ފެށި ގޮތަކީ އެއީ. އޭރަށް ބަލާއިރު އަންހެނުންނަށް ލިބޭ ފުރުޞަތުތައް މަދު، ޚާއްޞަކޮށް ބާރުގަދަ ނުފޫޒުގަދަ އާއިލާއެއް އެމީހެއްގެ ފަހަތުގައި ނެތް ކަމަށް ވަންޏާ އެއީ ވަރަށް ދަތި ކަމެއް"
ދިޔާނާ ވިދާޅުވީ، ދުނިޔޭގެ ޤާނޫނު ހަމަ އެއީ ވަރަށް ބާރުގަދަ އެއްޗެއް ކަމަށާއި ކަމެއް ހިތުލައިފިނަމަ، ކަމަކަށް އެދިއްޖެނަމަ، ކަމަކަށް އުއްމީދު ކުރާނަމަ، ކަމެއްގެ ހުވަފެން ދެކޭނަމަ، އެކަމަކަށް ދުނިޔެ މަގުދައްކާނެ ކަމަށެވެ.
" ކަމަކަށް ހިތުލައިގެން އެކަމަށް ދިއުމަށް އޮންނަ މަރުޙަލާތައް ސިފަކުރައްވާ ތަޞައްވަރުކުރައްވާ، ކުލައިން ތަޞައްވަރުކުރައްވާ. އެކަމަކަށް ގަދައަޅައި މަސައްކަތް ކުރުމަކީ ކުރަންޖެހޭނެ ކަމެއް"
ދިޔާނާ ވިދާޅުވީ، ދުނިޔޭގެ މި ޤާނޫނު ހިނގަނީ ހަމައެކަނި ބޮޑެތި ކަންތައްތަކުގެ މައްޗަކަށް ނޫން ކަމަށާއި، ދިރިއުޅުމުގެ ކޮންމެ ކަމެއްގެ މައްޗަށްވެސް އެ ޤާނޫނު ހިނގާ ކަމަށެވެ.
ޙަޔާތުގެ ފިލާވަޅު ނިންމާލައްވަމުން ދިޔާނާ ވިދާޅުވީ " ކަމަކަށް ކުރިމަތިލާ ނަމަ، އަމާޒެއް ކަނޑައަޅައި ހިތުގައިލައި، ކުލަކޮށް ސިކުނޑީގައި ތަޞައްވަރުކޮށް، ދެން އެކަމަކަށް ކެނޑިނޭޅި މަސައްކަތް ކުރަންޖެހޭ. ނަޞީބު އަތުގައި ހިފުމަށް އޮންނަ މަގު ވީހާވެސް ބޮޑުކޮށް ފުޅާކޮށް ތަނަވަސް ކުރަންޖެހޭ" ކަމަށެވެ.
advertisment
ހިޔާލު