މަސައްކަތުގެ މާޙައުލުގައި އަމާޒަކަށް ހަދަންވީ އެންމެންނާއިއެކު ގުޅިގެން މަސައްކަތް ކުރަން: ފަޒުނާ

މަސައްކަތުގެ މާޙައުލުގައި އަމާޒަކަށް ހަދަންވީ އެންމެންނާއި އެކު ގުޅިގެން މަސައްކަތްކުރަން ކަމަށް  ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ. އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގެ ފުރަތަމަ ސެޝަން ޝަރަފްވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވީ، މަސައްކަތުގެ ޢަމަލީ މައިދާނުގައި، ތަފާތު ޙާލަތްތަކާއި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެހެން ނަމަވެސް މަންޒިލަށް ވާޞިލް ވުމަކީ މުހިއްމު ކަމެއް ކަމުގައެވެ. އަދި، މަސައްކަތުގެ މާޙައުލުގައި އަބަދުވެސް އަމާޒަކަށް ހަދަންވީ، ހުރިހާ އެންމެންނާއި އެކު ގުޅިގެން މަސައްކަތްކޮށް، ވީއެންމެ ރަނގަޅަކަށް ޚިދުމަތް ފޯރުކޮށް ދިނުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އޮތް ދަސްވެނިވުމުގެ މި ޙަފްލާގައި، ބައިވެރިވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މައިގަނޑު ދެކަމެއްގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ދަސްވެނިވެގެން ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ މައިދާނުގައި ކުރަންޖެހޭނެ ތަޖުރިބާތަކުގެ މައްޗަށާއި، ދިރިދުނިޔޭގައި ހުރިހައި ދުވަހަކު ޢިލްމު އުނގެނުމުގެ މުހިއްމުކަމާއި ބެހޭގޮތުން އެކަމަނާ ވާހަކަފުޅު ދައްކަވައި، ދަސްވެނީންނަށް އިރުޝާދާއި ނަސޭހަތް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ދަސްވެނީންނަށް އުނގެނުމުގައި ދެމި ތިބުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވައި އެކަމަށް ހިތްވަރުދެއްވިއެވެ. މިގޮތުން، ޑިގްރީއިން، މާސްޓަރސްއިން ނުވަތަ ޕީއެޗްޑީއިން ދަސްވަނީ އެކޯސްތަކުގައި ހިމެނޭ މަޢުލޫމާތުކޮޅު ކަމަށާއި، އެ މިންވަރުން ދުނިޔޭގެ ހުރިހާކަމެއް ތިމާއަށް އެނގުނީކަމަށް ދެކޭނަމަ އެއީ ގޯހެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން މިއަދު ހާސިލްކުރެވުނު ޢިލްމަކީ، ޙަޔާތުގެ ބާކީ އޮތް ދުވަސްވަރު، އިތުރު މަޢުލޫމާތު ހޯދައި، ހުނަރުތައް ދަސްކުރުމަށް، ބޭނުންކުރެވޭ ހަރުފަތެއް ކަމަށް ބެއްލެވުމަށް ދަސްވެނީންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެދިވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ އެކި ފެކަލްޓީތަކުން ކޯސްތައް ނިންމި ދަރިވަރުންގެ ތެރެއިން، ބެޗެލަރސް އިން ޝަރީޢާ އިން ލޯ އޮނަރސް ކޯހުން އެއްވަނަ ހޯދި ދަރިވަރަށް، ޤައުމީ ޔުނިވަސިޓީންދޭ ޝަރަފްގެ އެވޯޑާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން މި ޙަފްލާގައި ބެޗްލަރސް އާއި މާސްޓަރސް ޑިގްރީ ހާސިލްކުރި އެހެން ބައެއް ދަރިވަރުންނަށް ވެސް އެކަމަނާ ވަނީ ސަނަދުތައް ޙަވާލުކޮށްދެއްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *