ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތް ކުރަން، އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވިތު އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. އެ ކުންފުނިން މި މސައްކަތް ކުރަނީ 241.5 މިލިއަން ރުފިޔާއަށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު ހައިޝަމެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ މި ސްކޫލުގައި 54 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލަކާއި، 04 ލިފްޓް ހުންނާނެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއި އެކު 2024 ވަނަ އަހަރުގެ އޮގަސްޓްމަހު މި ސްކޫލް ހުޅުވާނެ ކަމަށެވެ. މިއީ ހުޅުމާލޭގައި އިމާރާތް ކުރާ ފަސްވަނަ ސްކޫލެވެ.
މި ސްކޫލް އިމާރާތް ކުރުމަށް މިއަދު ސޮއިކުރި އެއްބަސްވުމަށްފަހު، މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ސަލާހުއްދީން ސްކޫލް އަންނަ އަހަރުގެ ޖެނުއަރީ މަހު އަދި ޖަމީލް ދީދީ ޕްރީ ސްކޫލު މި މަހުގެ 31 ގައި ހުޅުވޭނެ ކަމަށެވެ.
advertisment
ހިޔާލު