މުދައްރިސުންގެ ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި، ކުޑަފަރީ ސްކޫލުގައި ކެފެޓޭރިއާއެއް ހަދައިދޭން އެރަށު ކުންފުންޏަކުން ނިންމައިފިއެވެ.
އެ ސްކޫލުގައި މި ކެފެޓޭރިއާ ހަދައިދެނީ، އައިލެންޑް ފިޝް ޕްލާންޓް ކޮމްޕަނީންނެވެ. އެ ކުންފުންނާކު ކުޑަފަރީ ސްކޫލުން، މިހާރު ވަނީ ކެފެޓޭރިއާއެއް ހެދުމުގެ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައެވެ.
ކުޑަފަރީ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ، ކެފެޓޭރިއާއެއް ހެދުމުގެ ޚިޔާލަކީ އެ ސްކޫލުން ގެންގުޅުނު ޚިޔާލެއް ނަމަވެސް އެމަސައްކަތް ކުރިއަށް ނުގެންދެވި ވަނީ ބޭނުންވާ ފައިސާ ހަމަނުޖެހިގެންނެވެ. ނަމަވެސް އައިލެންޑް ފިޝް ޕްލާންޓުން އެމީހުންގެ އަމިއްލަ އިސްނެންގެވުމުގެ މަތިން އެފަދަ ތަނެއް ހަދަން ނިންމުމަކީ އެއީ އެ ސްކޫލްގެ ސްޓާފުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ.
" ސްޓާފުންނާއި ޓީޗަރުން ވެސް ބަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާއިރު، ސްކޫލްގެ ތެރެއިން މިފަދަ ކެފެޓޭރިއާއެއްގެ ޚިދުމަތް ލިބޭނަމަ ވަގުތާއި ސްޓާފުންގެ އެކުވެރިކަމަށް ވެސް ހެޔޮބަދަލުތަކެއް އަންނާނެ" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވި ގޮތުގައި، ކެފެޓޭރިއާ ހަދަނީ ސްކޫލުން ބޭނުންވާ ކަންތައްތައް ހިމަނައިގެން ސްޓާފުންނަށް އެތަނުގެ ބޭނުން އެންމެ ބޮޑަށް ހިފޭނެ ގޮތަށް ކަމަށެވެ.
" އެތަނުގެ ތެރޭގައި މުހިންމު ކުދި ބައްދަލުވުންތައް ވެސް އަޅުގަނޑުމެންނަށް ބޭއްވޭނެ. ޕްރެޒެންޓޭޝަން ދޭންޖެހިއްޖެ ނަމަ އެކަން ވެސް ކުރެވޭނެ. ސްޓާފުންނަށް ވަރަށް ހިތްގައިމު މާހައުލެއް އެތަނުން ފެނިގެންދާނީ"
178 ދަރިވަރުން މިހާރު ކިޔަވަމުންދާ ކުޑަފަރީ ސްކޫލްގައި ހަދާ ކެފެޓޭރިއާގެ ހުރިހާ މަސައްކަތެއް ކުރާނީ އައިލެންޑް ފިޝް ޕްލާންޓް ކޮމްޕަނީންނެވެ. ކެފެޓޭރިއާގެ މަސައްކަތް ނިންމާނެ ދުވަހެއް ކަނޑައަޅާފައި ނުވާކަމަށް ކުޑަފަރީ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު