ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނަށް ރައްކާތެރިކަމާއެކު ސާފް ބޯފެން ލިބޭނެ އިންތިޒާމް އާރުބީޖީ ސްޕޯޓްސް ކުލަބުން ހަމަޖައްސައިދީފިއެވެ.
ބޮޑުފޮޅުދޫގެ އިޖްތިމާއީ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އާރުބީޖީން ވަނީ އެރަށު ސްކޫލްގެ ދަރިވަރުންނާއި ސްޓާފުންނަށް ސާފް ބޯފެން ފޯރުކޮށްދިނުމަށް އެ ސްކޫލްގައި އާރުއޯ ޕްލާންޓެއް ބަހައްޓާފައެވެ. މި ޕްލާންޓުން ވާރޭފެން ނޫނީ ވަޅުފެން ފޯރުކޮށްދޭނީ ފިލްޓަރ ކުރުމަށްފަހުއެވެ.
"މީރު ވާރޭފެން" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓްގެ ކޯޓިނޭޓަރު، މުސްތަފާ އަހުމަދު ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި މި ޕްރޮޖެކްޓް ހިންގަން ވިސްނީ، ދަރިވަރުންނާއި ސްޓާފުން ބުއިމަށް ބޭނުން ކުރަމުން އައި ވާރޭ ފެނަކީ ސިއްޙީގޮތުން ރައްކާތެރި ފެނަކަށް ނުވާތީއެވެ.

" ފެންނަގާ ގޮތަށް ބަލާއިރު ވެސް އެންމެ ރައްކާތެރި ގޮތުގައެއް ނޫން އެކަން ކުރެވެނީކީ. އަޅުގަނޑުމެން ބޭނުންވީ ރައްކާތެރިކަމާއެކު ދަރިވަރުންނަށާއި ސްޓާފުންނަށް ފެން ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދޭން" އޭނާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ، ބޮޑުފޮޅުދޫ ސްކޫލްގައި މިހާރު ރައްކާކުރެވިފައި ހުރި ވާރޭފެން ބޭނުން ކުރާނީ އާރުއޯ ޕްލާންޓް މެދުވެރިކޮށް ފިލްޓާކުރެވި، އެންމެ މީރު ފެނުގެގޮތުގައި ކަމަށެވެ. ވާރޭފެން ނުލިބިއްޖެ ހާލަތެއްގައި ވަޅުފެން ވެސް ފިލްޓަރކުރެވިގެން ސާފް ބޯ ފެނުގެ ގޮތުގައި ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މުޅި ޕްރޮޖެކްޓަށް 80،000 ރުފިޔާ ޚަރަދުވިއިރު، ބޭންކުން ފޯރުކޮށްދީފައި ވަނީ 50،000 ރުފިޔާއެވެ.
މުސްތަފާ ވިދާޅުވީ، ސާފް ބޯފެން ފޯރުކޮށް ދިނުމަށް ބެހެއްޓި އާރުއޯ ޕްލާންޓް ބެލެހެއްޓުމާއި މަރާމާތުގެ މަސައްކަތް ވެސް ކުރާނީ އެ ޖަމިއްޔާގެ ފަރާތުންނެވެ.
ބޮޑުފޮޅުދޫ ސްކޫލްގައި ކިޔަވަމުން ގެންދާ 205 ދަރިވަރުންނާއި 42 މުވައްޒަފުންނަށް ފެންބޯ ފުޅި ވެސް އެ ޖަމިއްޔާއިން ވަނީ ހަދިޔާކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު މަސްގަނޑާނެ ޒަމާނީ ތަނެއްވެސް އާރުބީޖީން ވަނީ ބޮޑުފުޅުދޫގައި، ޤާއިމްކޮށްފައެވެ.
advertisment
ހިޔާލު