ވޭމަންޑޫ ސްކޫލުން ދެ ހަފްތާގެ ތެރޭ ތިން ޓަނުގެ ޕްލާސްޓިކް އެއްކޮށްފި

ޕާލޭ އެއަރ ޗެލަންޖުގައި ބައިވެރިވެ، ވޭމަންޑޫ ސްކޫލުން ދެ ހަފްތާގެ ތެރޭ ތިން ޓަނުގެ ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ.

އެ ސްކޫލުގެ ސައިންސާއި ތިމާވެށީގެ ކުލަބުން އިސްނަގައިގެން، ޕްލާސްޓިކް ފުޅި އެއްކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ބެލެނިވެރިންނާއި ޓީޗަރުންގެ ހިމަނައިގެން ކުރިއަށް ގެންދިޔަ މުބާރާތެއްގެ ގޮތުގައެވެ. މިއީ ޕްލާސްޓިކް އެއްކުރުމަށް އެ ސްކޫލުން ކުރިއަށް ފެންދާ ތިންވަނަ ރައުންޑެވެ. މުބާރާތެއްގެ ގޮތުގައި މުބާރާތް ކުރިއަށްގެންދާއިރު، ބެލެނިވެރިންގެ މެދުގައި ކުރިއަށް ގެންދިޔަ ދެވަނަ ރައުންޑްގައި ފަސް ގުރޫޕަކުން ބައިވެރިވިއެވެ. އެ ފަސްގުރޫޕުން ވަނީ ދެ ހަފްތާގެ ތެރޭގައި ތިން ޓަނުގެ ޕްލާސްޓިކް އެއްކޮށްފައެވެ.

" މިއީ އަޅުގނޑުމެން ޓާގެޓް ކުރި ވަރަށް ވުރެ އެއް ޓަނުގެ އިތުރުވުމެއް" ވޭމަންޑޫ ސްކޫލްގެ ޕްރިންސިޕަލް އާދަމް އަޝްރަފު ވިދާޅުވިއެވެ.

އަޝްރަފުވިދާޅުވި ގޮތުގައި، ކުރީ އަހަރު ތަކުގައި ހިންގާ ހަރަކާތްތަކުން އެއްކުރެވެނީ އެއް ޓަނުގެ ޕްލާސްޓިކް ފުޅިއެވެ. ބެލެނިވެރިން ބައިވެރިކޮށް މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުން ވާދަވެރިކަން ބޮޑުވެ އެއްކުރެވޭ ފުޅީގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޝްރަފު ވިދާޅުވީ، ބެލެނިވެރިންގެ ފަރާތުން ފެނުނީ ސްކޫލްގެ ހަރަކާތްތަކަށް ދެއްވާ ފޯރިއާއި ސަޕޯޓް ކަމަށާއި، މިކަމުގައި އެމީހުން ދެއްކި ހިތްވަރަކީ ސްކޫލުން އަބަދުވެސް ފާހަގަކުރާނެ ކަމެއް ކަމަށެވެ.

" ބެލެނިވެރިންގެ ބައިވެރިވުމާއެކު ޕްލާސްޓިކާ ދެކޮޅަށް ކުރާ ކެމްޕޭން ކާމިޔާބު ވާނީ، އެ މައުލޫމާތު އެންމެންނަށް ފޯރަންޖެހޭ، އެކަން ކުރުމަށް ހިތްވަރު ދޭންޖެހޭ" އަޝްރަފު ވިދާޅުވިއެވެ.

ޕްލާސްޓިކް އެއްކުރުމުގެ މުބާރާތުގައި ބައިވެރިވި ބައެއް ބެލެނިވެރިން ވަނީ ވޭމަންޑޫ ކައިރިގައި ހުރި ރަށްތަކާއި ފަޅިތެރެއާއި އަތިރިމަތީގައި ލައްގާފައި ހުރި ހުސްފުޅިތައް އެއްކޮށްފައެވެ.

" މިހާރު ރަށުތެރެއިން ފުޅިއެއް ފެނުން ވަރަށް ދުރު" 350 އެންހާ ކުދިން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

މޭމަންޑޫ ސްކޫލުން ބުނީ، ޕްލާސްޓިކް ފުޅިތައް އަޅާނެ ޖަންބޯ ބޭގުތައް ހޯދަން ޕާލޭގައި އެދިފައިވާ ކަމަށާއި، ފްލާސްޓިކް ފުޅިތައް މާލެ ފޮނުވޭނީ ބޭގުތައް ލިބުމުން ކަމަށެވެ.

" ޕާރލޭ ޕްރޮގްރާމުގައި ވޭމަންޑޫ ސްކޫލުގެ އަޒުމު ވަރުގަދަ ބަލެނިވެރިން، ޖޯޝާއި ފޯރީގައި ތިޔަ ދެއްކެވީ ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ލާމަސީލު ނަމޫނާއެއް. ގުރޫޕުތަކުގެ މެދުގައި ވާދަވެރިކަމާއެކު ރެއާއިދުވާލު ޕްލާސްޓިކު އެއްކުރުމާއި، އެތަކެތި ދޮވެ ސާފުކުރުމުގެ ބުރަމަސައްކަތުގައި ހޭދަކުރި ވަގުތު ފާހަގަކޮށް އެންމެހައި ބެލެނިވެރިންނަށް ޝުކުރު ދަންނަވަން. ވަކިން ހާއްސަކޮށް މިޕްރޮގުރާމުގައި އިސްކޮށް ހަރަކާތްތެރިވެދެއްވި ލޮބުވެތި ބެލެނިވެރިންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ" ބެލެނިވެރިންގެ މަސައްކަތަށް ތައުރީފުކޮށް އެ ސްކޫލްގެ ފޭސްބުކު ޕޭޖުގައި ލިޔެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *