ށ. މިލަންދޫ ސްކޫލަށް 75 އަހަރު ފުރުނީ އިއްޔެއެވެ. އެ ސްކޫލަށް 75 އަހަރު ފުރުނު އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އަހަރީ ހިނގާލުމާއި، 25 އަހަރު ފަހުން ނެގުމަށް ކެޕްސޫލެއް ވަޅުލުމާއި 75 އަހަރު ރަމްޒުކޮށްދޭ ބިނާއެއް ވަނީ ބަހައްޓާފައެވެ.
އިއްޔެ ހަވީރު، ބޭއްވި ހިނގާލުމުގައި އެރަށުގެ ރައްޔިތުންނާއި ދަރިވަރުންނާއި ސްކޫލްގެ އެންމެހައި މުވައްޒަފުން ބައިވެރިވިއެވެ. މި ހިނގާލުން ފެށީ މިލަންދޫ ބަނދަރު ސަރަހައްދުންނެވެ. މޮނިއުމަންޓްގައި ބެހެއްޓުމަށް ގެނައި 75 އަހަރު ރަމްޒުކޮށްދޭ ފަތް ގެނައުމުގެ ހަރަކާތް ފެށީ މާކަނޑޫދޫންނެވެ. އެ ފަތް ސްކޫލްގެ ޕްރިންސިޕަލާ ހަވާލުކުރީ، މިލަންދޫ ސްކޫލްގައި އޯލެވެލް ހަދަން ފެށީއްސުރެ މިއަދާ ހަމައަށް ކިޔެވި ބެޗްތަކުން ކޮންމެ ބެޗްތަކުގެ ދަރިވަރުންގެ އަތްމަތިން ބަދަލުކުރަމުންނެވެ.
75 އަހަރުގެ ތާރީޚް ދައްކުވައިދޭ ބިނާ ރަސްމީކޮށް ހުޅުވުން އޮންނާނީ ރަސްމީ އަލިމަސް ޔޫބީލްގެ ޖަލްސާގެ ހަރަކާތްތަކުގެ ތެރެއިންނެވެ.
އިއްޔެ ބޭއްވި އެންމެ ފަހުގެ ހަރަކާތަކީ 25 އަހަރު ފަހުން ނަގާގޮތަށް، ކެޕްސޫލެއް ވަޅުލުމެވެ. މި ކެޕްސޫލް ވަޅުލީ އެ ސްކޫލްގެ ގޯތިތެރޭގައެވެ.
މިހާރު 600 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ މިލަންދޫ ސްކޫލްގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ އަހަރު ތެރެއަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ.
މިލަންދޫ ސްކޫލްގެ ތާރީޚް ކުރުކޮށް
- މިލަންދޫ ސްކޫލަށް 75 އަހަރު ފުރުނު ކަމަށް ބަލަނީ، އެރަށުގެ މީހުން ކުރިން ދިރިއުޅުނު މާކަނޑޫދޫގައި، "މަދަރަސަތުލް ސަނިއްޔާ"ގެ ޚިދުމަތް 1948 ވަނައަހަރު ދޭން ފެށި ހިސާބުން.
- ސަނިއްޔާގެ ނަން 1964 ވަނަ އަހަރު " މަކްތަބުލް އިލްމް" ގެ ނަމަށް ބަދަލުކުރި
- " މަކްތަބުލް އިލްމް" ގެ ނަން 1980 ވަނަ އަހަރު މާކަނޑޫދޫ ޕްރައިމަރީ ސްކޫލްގެ ނަމަށް ބަދަލުކުރި
- އޭފެ ފަހުން ށ އަތޮޅު މަދަރުސާގެ ނަމަށް ބަދަލުކުރި.
- ށ. އަތޮޅު މަދަރުސާ ކަނޑިތީމަށް ބަދަލުކުރުމުން، އެ ސްކޫލްގެ ނަން ދެވަނަ ފަހަރަށް މާކަނޑޫދޫ ސްކޫލްގެ ނަމަށް ބަދަކުކުރި
- 1997 ވަނަ އަހަރު މާކަނޑޫދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރި
- މާކަނދޫ މީހުން މިލަންދޫއަށް ބަދަލުކޮށް، އެރަށުގައި ސްކޫލެއް އިމާރާތްކޮށް ކިޔަވައިދޭން ފެށީ 17 ސެޕްޓެމްބަރު 2000 ވަނަ އަހަރު.
- " މިލަންދޫ ސްކޫލްގެ ނަމުގައި އެ ސްކޫލްގައި ކިޔަވައިދޭތާ 22 އަހަރުވެއްޖެ
advertisment
ހިޔާލު