ކަލާފާނު ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން އެ ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުންނަށް ބޭއްވި ސްޕޯޓްސް ފެސްޓިވަލް މިފަހަރު ބޭއްވީ ކުރީ އަހަރުތަކާ ޚިލާފަށް އެންމެންނަށް ބައިވެރިވެވޭ ބޮޑު އީދެއްގެ ގޮތުގައެވެ.
ކުރީ އަހަރު ތަކުގައި ކުރިއަށް ގެންދިޔަ ކުޅިވަރުތަކާ ޚިލާފަށް މިފަހަރު ބޭއްވީ އެންމެންނަށް ބައިވެރިވެވޭ ގޮތަށް، ޓީމް މުބާރާތްތަކެވެ. ގިނަ ބަޔަކަށް އެއް މުބާރާތެއްގައި ބައިވެރިވެވޭތީ، މި ކުޅިވަރުތަކަށް ލިބުނު ތަރުޙީބު ބޮޑުވިއެވެ.

" ކުރީ އަހަރުތަކުގައި ކުރިއަށް ގެންދިޔައީ ފުޓްބޯޅަ، ހޭންޑް ބޯޅަ ކަހަލަ މުބާރާތްތަކެއް. އެފަދަ މުބާރާތްތައް ބޭއްވުމުން ބައިވެރިވެވޭ މީހުން މަދުވެފައި، އެ ކުޅިވަރުތަކުގައި ބައިވެރިވުމަށް ހުނަރުތަކެއް ބޭނުންވޭ. ބެލެނިވެރިންގެ ޚިޔާލާ އެއްގޮތަށް މިފަހަރު ކުރި ކަމަކީ ކުޅިވަރުތަކާއި ކުރިއަށް ގެންދާ ގޮތުގެ ވައްޓަފާޅި ބަދަލުކޮށްލީ" ލީޑިންގ ޓީޗަރު އަބްދުލް ފައްތާހު ވިދާޅުވިއެވެ.
ބެލެނިވެރިންގެ ކުޅިވަރު ފެސްޓިވަލް ފެށީ މިއަދު ހެނދުނުއެވެ. ނިންމާލީ މިއަދު ހަވީރު ހައެއްޖެހިއިރުއެވެ. މެންދުރަށް ހުސްވަގުތުކޮޅެއް ދިނެވެ.

މި ފެސްޓިވަލުގައި ކުރިއަށް ގެންދިޔައީ ވާދެމުމާއި، ފުއްޕާހަން ފުއްޕުމާއި، ގޯނިރޭހާއި ހުނިގޭނުން ފަދަ މުބާރާތްތަކެވެ.
" ކުރިން އަންނާނީ މުބާރާތުގައި ކުޅޭ ގަޑިއަށް، މިގޮތަށް ބަދަލުކޮށްލުމުން ގިނަ ބަޔަކު އަބަދުވެސް މުބާރާތްތަކުގައި ބައިވެރިވުމާއި ސަޕޯޓްގައި ކުރުމާއި ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އަބަދުމެ ހަރަކާތްތެރިވޭ" ފައްތާހު ވިދާޅުވިއެވެ.

1600 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަލާފާނު ސްކޫލުން މި ފެށި ފެސްޓިވަލާއެކު ބެލެނިވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އެ ސްކޫލުން ބުނީ މިއަދު ކުރިއަށް ގެންދިޔަ ކުޅިވަރު ހަރަކާތްތަކުގައި މަދުވެގެން 800 އެންހާ ބެލެނިވެރިން އަމަލީ ގޮތުން ބައިވެރިވިކަމަށެވެ.
advertisment
ހިޔާލު