ލިޔުމާއި ކިޔުމަކީ އެތައް ބައްޔެއްގެ ފަރުވާއެއް

ބަނޑިދޫ ސްކޫލްގެ ދަރިވަރުން ގޮނޑުދޮށުގައި ފޮތް ކިޔަނީ: ކިޔުމާއި ލިޔުމަށް ދަރިވަރުންގެ ޝަޢުޤު އުފައްދަންޖެހޭ، އެއީ ގިނަ ކަންތައްތަކެއްގެ ފަރުވާއެއް- ފޮޓޯ: ބަނޑިދޫ ސްކޫލް

އިންސާނާއަށް ލިޔުމާއި ކިޔުން ފަރުވާއެއްކަމުގައިވެފައިވެއެވެ. ޤުރުއާން ކިޔަވައި ހިތުދަސްކުރާ ކުދީން ކިޔެވުމަށާއި ވިސްނުމަށްމޮޅުކަމަށް ޔޫރަޕްގެ ނަފުސާނީ ބައެއް ދިރާސާކުރުންތެރިން ހާމަކޮށްފައިވެއެވެ. އެބައިމީހުން ބުނާގޮތުގައި ދުނިޔޭގައި ކަލާނގެ ބާވައިލެއްވި އާޔަތްތައް ހުރިގޮތަށް ދަސްކުރާ ދެ ބައެއް އުޅެއެވެ. އެއީ އިސްލާމުންނާއި ޢީސާއީންނެވެ. މި ދެބައިމީހުންގެ ވިސްނުން އެހެން މީހުނަށްވުރެ ރަނގަޅުކަމުގައި ފެނެއެވެ.

ތެރީސާ ބީ.ބްރިކްސީ (26 ޖުލައި 2011) ހާމަކުރާގޮތުގައި ކިޔުމަކީ ނަފުސަށް ދެވޭ ފަރުވާއެކެވެ. ޓީވީ ބެލުމާއި ފިލްމު ބެލުމުގެ ބަދަލުގައި ފޮތް ކިޔައިފިނަމަ އޭނާއަށް ލިބޭ މަޢުލޫމާތުގެ އިތުރަށް ސިއްޙީ ދުޅަހެޔޮކަން ލިބެއެވެ. މިގޮތުން ފޮތް ކިޔާ ނަފުސަކަށް ލިބޭނޭ 5 ފައިދާއެއް ތެރީސާ ވަނީ ފާހަގަކޮށްފައެވެ.

ފުރަތަމަ ފައިދާއަކީ ސިކުނޑި އަށް ކަސްރަތު ލިބުމެވެ. ސިކުނޑިއަށް ދެވޭ ކަސްރަތުގެ ތެރޭގައި އެންމެ ފުރިހަމަ ކަސްރަތަކީ ކިޔުމުން ލިބޭ ކަސްރަތުކަމުގައި ތެރީސާ، ޑޮކްޓަރުންނާ ޙަވާލާދެއްވައި ހާމަކުރައްވައިފައިވެއެވެ. ޑޮކްޓަރުން ކުރައްވައިފައިވާ ދިރާސާތަކުން އެނގޭގޮތުގައި ސިކުނޑި ހަމަ މަގުގައި ބަހައްޓައިދިނުމަށް ކިޔުމުގެ ޙަރަކާތްތައް ސިކުނޑިއަށް ބާރުއަޅައެވެ. ވިސްނުމުގެ ބުރަކަން އިހުސާސްކުރެވޭހިނދު ސިކުނޑީގެ ބޮއްސުންލާ ނިޒާމު އޭގެ މަޤާމުތަކަށް އަލުންރުޖޫޢަކުރަނީ ކިޔުމުގެ މަސައްކަތެވެ. މީގެއިތުރަށް މިކުރެވޭ ކަމެއްގެ ތެރޭގައި ހެދި ފޯދުންވެސް ސިކުނޑި ޙާސިލުކުރާކަމުގައި ވެއެވެ. ވިސްނުމުގައި މީހާ އިންޖެސް (ހުޝިޔާރު) ވާނެއެވެ.

ދެވަނައަށް ތެރީ ފާހަގަކުރައްވާ ފައިދާއަކީ ފުރިބާރުވާ ވިސްނުމުގެ ބަރުހެލިކަމާއެކު އުފެދޭ ވިސްނުމުގެ ތަޅާފޮޅުން (ތިންކިންގ ޑިސީސް) ނެތިގޮސް ފުރާ ފުރިހަމަ މީހެއްގެ މަޤާމަށް ސިކުނޑީގެ ބައިތައް ދަތުރުކުރާނެއެވެ. މި ނޫނަސް ސިކުނޑިއަށް ޙަމަލާދޭ ބައެއް ބާވަތުގެ ބަލިތަކުން ދިފާޢުވުމުގެ ބާރު، ކިޔާ މީހާގެ ސިކުނޑީގައި އުފައްދައިދެއެވެ. ކިޔާ އެއްޗެއްގައި، މީހާގެ ކަން ބޮޑުވުން ނެތިކޮށްލުމުގެ ބާރެއް އުފައްދާނެއެވެ. މިކަންވުމުގައި ކިޔާ އެއްޗެއްގެ ބާވަތް މުހިންމެވެ. ނިދާއިރު ކިޔުމަށް، ކީރިތި ރަސޫލާގެ ސުންނަތުން ދަސްވެފައިވާ ބާވަތްތަކާމެދު ފިކުރުކޮށްލައްވާށެވެ. ކުދިން ނިންދެވުމުގައި ތިޔަ ކިޔުއްވައިދެއްވާ ސޫރަތްތަކާއި ޢިބުރަތުގެ ވާހަކަތަކަށް ފިކުރު ހިންގަވައިލައްވާށެވެ.

ތިންވަނައަށް ފާހަގަކުރެވިފައިވާ ފައިދާއަކީ ސިކުނޑީގެ ބަލިތަކުން މީހާ ދުރުކޮށްދިނުމުގައި ފޮތް ކިޔުމަކީ ޤުދުރަތީ ވަސީލަތެއްކަމެވެ. ޑޮކްޓަރުންގެ ހޯދުންތަކުން އެނގޭގޮތުގައި ސިކުނޑީގައި ހުންނަ “ފިޒައްރާޑަން” (ފިކުރުގެ ޒައްރާތައްހިމާޔަތްކުރާ އައްޑަނަ ނުވަތަ ފާރމްނެސް އޮފް ބްރައިން ޓިސޫ) އިތުރުކޮށްދެއެވެ. ބުނެވޭގޮތުގައި ކިޔުމުގެ ތެރޭގައި މި މާއްދާ އުފައްދައި މަޤާމުތަކަށް ވާސިލުކޮށް އިތުރު އައްޑަނަތައް ސިކުނޑީގައި ޤާއިމުކުރާނެއެވެ. ދުނިޔޭގައި އުފެދި ކަން ބޮޑުވި “ފިކުޅުބޮޅުން” (ފިކުރު އޮޅުންބޮޅުންކުރާ ބަލި، ނުވަތަ އަލްޒައިމާސް ބަލި) މީގެ މިސާލަކަށް ފުދެއެވެ. ދިރާސާތަކުން އެނގިފައިވާގޮތުގައި މަޖައްލާއާއި ފޮތާއި ވާހަކަފަދަ އުފެއްދުން ކިޔާ މީހުންނަށް ފިކުޅުބޮޅުން ޖެހިފައިވާ ވަރު ވަރަށް މަދެވެ. މީގެ އިތުރަށް ރޯގާއާއި ހުމާއި މިފަދަ ބަލިތައްވެސް ޖެހުމަކީ ކިޔުންތެރިންނަށް ވަރަށް ދުރުކަމެކެވެ.

ހަތަރުވަނަ އަށް ފާހަގަކުރެވިފައިވާގޮތުގައި ކިޔުމުގައި އަޚުލާޤެއް ގެންގުޅޭ މީހުން ނިދުމުގައި އަރާމު ހޯދައެވެ. ވަގުތުތައް ނިޒާމަކަށް ފެތި ސިކުނީގައި ހޭލާ ގަޑިއާއި ނިދާގަޑި ބަލައިގަނެ ސިއްޙީގޮތުން ދުޅަހެޔޮ ވެގެންދެއެވެ. މިފަދަ މީހުން ނިދައިފައި ތެދުވާއިރު ޓީވީ ބަލަމުން ނިދާމީހުނާއި ކޮމްޕިއުޓަރުން ތަކެތިބަލައިފައި، ކުޅެފައި ނިދާމީހުނަށްވުރެ ތާޒާވެފައި ފުރިހަމައެވެ. މިފަދަ މީހުންގެ ގުޅުންތައް ޤާއިމުކޮށް ރޭވުނަތަކާއިގެން ޙަރަކާތްތެރިވާލެއްވެސް އަވަހެވެ. މިފަދަ މީހުން ރުޅި މަޑުވެފައި ބުއްދި އިސްކުރެއެވެ.

ފަސްވަނައަށް ފާހަގަކުރެވިފައިވަނީ ފޮތް ނޫސްފަދަ ތަކެތި ކިޔާމީހުންގެ ރޭވުންތެރިކަމެވެ. ބުނެވޭގޮތުގައި މިފަދަ މީހުން ދުރަށް ވިސްނުމާއެކު ރޭވުންތެރިވާނެއެވެ. ރޭވޭ މަޤުސަދާއެއްގޮތަށް ދިރިއުޅުމާއި މަސައްކަތުގެ މައިދާން ހެޔޮކުރާނެއެވެ. އޮފީހުގައި ކަންބޮޑުވުމާއި ޢާއިލީ ކަންކަމުގައި ރުޅި އިސްވުމާއި ދުނިޔަވީ ކަންކަމުގައި ކެތް މަދުވުމުންވެސް ކިޔުންތެރިން ދުރުކަން ފާހަގަކުރެވިފައިވެއެވެ.

އިސްވެ ދަންނަވައިލެވުނީ ސިއްޙީގޮތުން ކިޔުންތެރިއަކަށް ލިބޭނޭ ފައިދާގެ ކުޑަމިންވަރެކެވެ. މިފަދަ ކުރު ލިޔުމަކަށް މިވަރު ކަމުދާނޭކަމުގައި ދެކެމެވެ.

އަތުން ލިޔުމަކީ އެތައް ބައްޔެއްގެ ފަރުވާއެއް:

ކިޔުން ފިޔަވައި ލިޔުމަކީވެސް ސިއްޙީގޮތުން ފައިދާތަކެއް ކުރާކަމެއްކަމުގައި ފިޒިކަލް ޢިލްމުގެ ޑޮކްޓަރުން ހާމަކުރައްވައެވެ. ޚާއްސަކޮށް އަތުން ލިޔުމެވެ. ސިއްޙީ މިފަދަ ދިރާސާތައްކުރައްވާ އަދި ސިއްޙީ ތަޢުލީމުވެސް ހޯއްދަވައިގެން ހުންނެވި އެމްބަރ ލީ ސްޓަރފެއަރ (9 ނޮވެމްބަރު 2010ގައި) ހާމަކޮށްފައިވާގޮތުގައި ލިޔުމަކީ އިންސާނެއްގެ އުމުރު ދިގުކޮށް، ބަލިތަކުން ދުރުކޮށް، ކޫސަނި ފިކުރުތަކާ މީހާ ދުރުކުރާކަމެކެވެ.

އެމްބަރ އެންމެ ފުރަތަމަވެސް ހާމަކުރައްވަނީ “ތިޔަބައިމީހުންގެ ސިކުނޑި ތަރައްޤީކުރުމަށް ބޭނުންނަމަ އަތުން ލިޔުން ގިނަކުރާށޭ” އެވެ. އޭނާގެ ދިރާސާ ފެއްޓެވިއިރު ނުވި އަޖައިބު އޭނާއަށް ފަހުން ކުރެވުނުކަމުގައި ހާމަކުރައްވަމުން ލިޔުއްވައިފައިވާގޮތުގައި އަތުން ލިޔާމީހާގެ ވިސްނުމުގެ ބާރު ގަދަކޮށް ސިކުނޑި ކަސްރަތުކުރުވައެވެ. އަތުން ލިޔާމީހާގެ ކުޅަދާނަކަމާއި ވިސްނުން ޓައިޕްކުރާމީހާކަށްވުރެ ގަދަކަމުގައިވެއެވެ.

ފަންސުރުން ނުވަތަ ގަލަމުން ލިޔާއިރު އަތުން ހިފައްޓައިފައިހުންނަގޮތާއި އެ ވަސީލަތް ގަނޑުގައި ޖައްސާގޮތާއި ފިކުރުގައި ހުރި ވާހަކަތައް އެ ގަނޑުގައި ކުރަހަން ޖެހޭގޮތް އުފައްދައި ދެއްޔާ ހަމައަށް ވާސިލުކުރުމުގައި ސިކުނޑީގެ ގުޅުން ވަރަށް ބޮޑެވެ. ސިކުނޑިން އޭނާގެ ބަސްކޮށާރު ހާވަމުން މިސުރާބުގެ އަމުރުވެރި ޒައްރާ ކޮއްޓަމުން އަދި އީޖާދުގެ ބަސްތައް ފަރުމާކުރަމުން އެ ކުރެވޭވަރުގެ ކަސްރަތެއް ކީބޯޑުގެ އެހީގައި ނުކުރެވޭނެއެވެ. ސިކުނޑީގެ އުފެއްދުން ބަދަލުކުރުމަށް އިނގިލި ކައްޕިއަކަށް ވާތަން ފެނުނަސް ސިކުނީގެ މި މަސައްކަތް ޙަވާލުވެފައިވާ ބަޔަކީ އިނގިލިގެ ކައްޕިކަމުގައިވާތީ ފަރަކަށް އަރައިފާނެ ކަމަށް އަބަދު ހެލިފެލިވެ އުޅޭނެއެވެ. ވީމާ އިނގިއްޔާއި ސިކުނޑީގެ ގުޅުމުން މިއީވަރަށް މުހިންމު ކަސްރަތަކަށްވެއެވެ.

ވެންޑެލް ޕޮޓަރ (2009) ގެ ދިރާސާއާއި އެމްބަރގެ ދިރާސާއިން ހާމަވިގޮތުގައި އަތުން ލިޔެ މަޒުމޫނާއި ވާހަކަފަދަ ތަކެތި އުފައްދާ މީހާގެ ނާރުގެ ބަލިތައް މަދެވެ. އަދި އަތުން ލިޔާމީހާގެ އުފެއްދުންތެރިކަންވެސް މޮޅެވެ. ޚިޔާލާއި ލިޔެވުނު އެއްޗެއްގެ މެދުގައި ބަހުސް އުފެއްދުމަށް ނާރުތަކަށާއި ސިކުނޑިއަށް ލިބެނީ އަތުން ލިޔުނީމައެވެ.

މި ވާހަކައިން އަޅުގަނޑު ހަނދާނަށް އައީ ދިވެހި ލިޔުންތެރިން ފަޚުރުވެރިވާ ދިވެހި ދަރިއެއްކަމުގައިވި ތަބައް އަލިފުޅެވެ. މި މަނިކުފާނަކީ މިސްކިތްތަކުގެ މިހުރާބުގައާއި އެހެން ދިމާގައި އެ ހުންނަ ޢަރަބި ލިޔުންތަކުގެ ތެރެއިން ގިނަ ލިޔުންތައް ލިޔުއްވި ކުރެހުންތެރިޔާއެވެ. އިސްލާމީ މަރުކަޒުގައި ހުންނަ  މުޙައްމަދު ތަކުރުފާނުގެ ހަނދާނީ މިސްކިތުގެ ގިނަ ލިޔުންތަކަކީވެސް މި ބޭފުޅާގެ ލިޔުއްވުންތަކެވެ. އަދި ކަލަންޑަރުގެ ޢަރަބި ލިޔުއްވުންތައް ފަރުމާކުރެއްވުމުގައި މިއީ ލާމަސީލެކެވެ. އަވަހާރަވުމާ ވަރަށް ގާތަށްވެސް އަމިއްލަފުޅަށް ހިންގަވައި އުޅުއްވި ބަލި މަދު ބޭފުޅެކެވެ. އަށްޑިހަ އެތައް އަހަރެއް ވެފައި ވީއިރުވެސް ފިކުރުފުޅު އުންޏެއް ނޫނެވެ.

އެމަ ސްޗްވާރޓްޒް ހާމަކުރައްވާގޮތުގައި އޭނާ އަލުން ލިޔުމުގެ ދާއިރާ ޚިޔާރުކުރީ ލޮލުގެ މައްސަލައަށް ހައްލު އަންނާނޭކަމަށް ޑޮކްޓަރަކު ހާމަކުރީމައެވެ. ވީވެސް އެހެންނެވެ. ލޮލަށް ފެނުމުގެ ކުޅަދާނަކަން ގެއްލެން ފެށީ އެރި ރިހުމަކާއެކުގައެވެ. ނަމަވެސް އަލުން ލިޔުމުގެ ހުނަރުގެ ތެރެއަށް ދިއުމުން އެކަން ކެނޑި އަލުން ލޯ އަލިވެ މައްސަލަ ހައްލުވެއްޖެއެވެ.

ނާރުގެ ބައްޔަކީ ވަރަށް ގިނަ ބަޔަކު ތަހައްމަލުކުރާ ބައްޔެކެވެ. ޑޮކްޓަރުންގެ ލިޔުންތަކުން އެނގޭގޮތުގައި އަތުން ލިޔުމަކީ އިނގިލިތައް އެކި ގޮތްގޮތަށް ލަންބުވައި އަބަދު ހަލުވަންޖެހޭ ކަމެކެވެ. މި ކަމުން ނާރުތަކުގައި އުފެދޭ ކޮލަސްޓްރޯލްގެ ބައި ނެތިކޮށްލައެވެ. އަދި ނާރުތައް ދުޅަހެޔޮކޮށް ތާޒާކޮށްދެއެވެ. އަދި ލޭހިނގުން މިންކޮށްދެއެވެ. އެހެންކަމުން އަތުން ލިޔުމަކީ ނާރުގެ ބަލިތަކަށް ވަރަށް ބޭނުންތެރި ފަރުވާއެއްކަމުގައި ނޫނީ ނުވެއެވެ.

ތިމާއަށް ބަލިމަޑުކަމެއް ލައިގެންފިކަން އަންގައިދޭ މީޓަރަކަށް، ލިޔުމުގެ ނިޒާމުވެފައިވެއެވެ. ލިޔުމުގެ ވަގުތު އާ ގޮތަކަށް ތިމާގެ ވިސްނުމާއި އަތުގެ ޙަރަކާތްތައް ހުރިކަމުގައިވާނަމަ ބައްޔަކާމެދު ވިސްނަން ޖެހުނީއެވެ. ހަމަ އެހެންމެ އެ ލިޔުން ކުރިއަށް ގެންދާނަމަ އެ ބަލި ނެތިގެންވެސް ހިނގައިދާނެކަމުގައި ޑޮކްޓަރީ ލިޔުންތަކުގައިވެއެވެ.

އަތުން ލިޔުމަކީ އެ މަސައްކަތުގައި އިންސާނާގެ ހުރިހާ ގުޅުމެއް ބައިވެރިވާ މަސައްކަތެއްކަމުގައިވެއެވެ. ނާރާއި ކައްޓާއި މަހާއި ސިކުނޑިއާއި ގުވަންތަކުގެ ހެލިފެލިވުމާއި ލޮންޖާއި ލޮލާއި ކަންފަތާއި މިފަދަ އެންމެހާ ގުޅުންތައްވެސް މެއެވެ. ހަމަނުޖެހި އިނދެ ރީތިކޮށް ނުލިޔެވެނީ އެހެންވެއެވެ. މުޅި ހަށިނާރޫފަ (ހަށިގަނޑާއި ނާރާއި ރޫފަ، ނާވަސް ސިސްޓަމް) މިކަމުގައި ޝާމިލްވެއެވެ. އެހެންކަމުން ނާރުތައް ޙަރަކާތްތެރިވާ ނިޒާމު ނުވަތަ ނިއުރޯ އެނޮޓޮމިކަލް ރީސަންސް ފައްކާކޮށްދިނުމަށް އަތުން ލިޔުން އެހީވެއެވެ.

އަތުން ލިޔާމީހާ އޭގެ ގޮތުގައި މަސައްކަތްކުރާނަމަ އަކުރުގެ ބަރުދަން ހެޔޮކޮށްދީ މަސްގަނޑު ތާޒާކޮށްދީ އަދި މައިބަދައިގެ ގުޑުން ކުޑަކޮށްދީ ލޭގެ ހިންގުން ބަރާބަރުކޮށްދެއެވެ. މީހާގެ ދިރުން މަލެއްހެން ފޮޅުވައިދެއެވެ. ވިސްނަވާށެވެ. ގިނަ ދިރާސާތަކުން ހާމަވާގޮތުގައި އަތުން ލިޔާނަމަ ތަކެއްޗަށް ވިހަވުން (އެލާރޖީ) ކުޑަވެއެވެ. ރިހުމާއި ނޭނގޭ ވޭންތަކުން ދުރުކޮށްދެއެވެ. އުނގެނުން ފަސޭހަކޮށްދީ ހަޖަމްކޮށްދިނުން ރަނގަޅުވެއެވެ. ނަފުސަށް ބޭނުންވާ ތަރުތީބެއް ސިކުނޑި ބިނާކުރާނެއެވެ.

މީގެ އިތުރަށްވެސް ގިނަ ބަލިތަކަކަށް ލިޔުމަކީ ފަރުވާއެއްކަމުގައިވެއެވެ. މިގޮތުން ހިތުގެ ބަލިތަކާއި ބޮލުގައި ރިހުމާއި މައިގްރޭން އާއި ހަކުރު ބައްޔާއި ކެންސަރަށް ފަރުވާއެއްކަމުގައި ލިޔުން ހިމެނެއެވެ. އަދި ހުއްޓުން އަރައި ފިކުރު ބޮޑުވެގެން އުފެދޭ ފާޑުފާޑުގެ ބައްޔާއި ނޭވާ ހިއްލުމާއި ފަނިފަކުސާއަށް ވިހަވުމާއި ވިހަ ކެމިކަލް ތަކުން ލިބޭ އުނދަގުލުން މީހާ ދުރުކޮށްދޭކަމުގައިވެއެވެ. މިފަދަ ގިނަ ބަލިތަކެއް ޖެހުން ދުރުކޮށްދޭކަމަށް ދިރާސާތަކުން ދައްކާތީ އަތުން ލިޔުމަކީ ދަސްކޮށް ދަމަހައްޓަންޖެހޭ ހުނަރެއްކަމުގައިވެއެވެ.

ލިޔަންކިޔަން ދަތުމުގެ ދުވަހެއް ފާހަގަކުރުން:

އިންސާނަކަށް ލިބޭނޭ އެންމެ ފުރިހަމަ، އެންމެ ފަޚުރުވެރި، އަދި އެންމެ ބޭނުންތެރި އެއް ތަރުބިއްޔަތަކީ ލިޔަންކިޔަން ދަސްވުމެވެ. އެހެންކަމުން ޔުނެސްކޯއިން، އަމާޒެއްކަމުގައި ކަނޑައަޅައިގެން 1946 އިންފެށިގެން މަސައްކަތްކުރަނީ ދުނިޔެއިން ލިޔަންކިޔަން ނުދަތުން ފޮހެލުމަށެވެ.  މިކަމަށް މީހުންގެ ސަމާލުކަމަށް ހޯދުމަށް 17 ނޮވެމްބަރު 1965 ގައި ދުނިޔޭގެ ބައިނަލް އަޤުވާމީ ޖަމިއްޔާއިން ކުރެވޭނޭ ކަންތައްތަކާމެދު ވާހަކަދެއްކުމަށް ޖަލްސާއެއް ވަނީ ބާއްވައިފައެވެ. މި ޖަލްސާގައި “ލިޔަންކިޔަން ދަތުމުގެ ދުވަސް” ގެނަމުގައި ދުވަހެއް ފާހަގަކުރުމަށް ނިންމިއެވެ. މިގޮތުން އެ ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1966 ގެ ސެޕްޓެމްބަރު 8 ވަނަ ދުވަހުއެވެ.

ޔުނެސްކޯއިން ވޭތުވެދިޔަ 45 އަހަރުގެ މަސައްކަތުން ދުނިޔޭގެ ގިނަ އާބާދީއެއް ވަނީ ލިޔަން ކިޔަން ދަސްކޮށްފައެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި އެކަށޭނަ ކާމިޔާބީ އަދިވެސް ނުލިބިއެވެ. ވިސްނޭގެގޮތުގައި ލިޔަން ކިޔަން ނުދަތުން އެކުގައި ފޮހެ ނުލެވިގެން މި އުޅެނީ ގިނަ ޤައުމުތަކުގައި އެ ބައެއްގެ ބަސް ނޫން ބަހަކުން އެކަންކުރަން އުޅޭތީއެވެ. މިކަމަށް ހެކި ލިބޭ ދިރާސަތައް ދުނިޔޭގައި ކޮށްފައިވެއެވެ. ތިމާމެންގެ ބަހާއި ސަޤާފަތް ދޫކޮށްލުމުން ލިޔަން ކިޔަން ނުދަތުން ނެތިކޮށް ނުލެވޭ އެންމެ ރިވެތި އެއް ނަމޫނާއަކީ އެފްރިކާއެވެ. އަދި ތިމާމެންގެ ބަހާއި ސަޤާފަތުގެ އަލީގައި ތަޢުލީމު ހުރުމުން ލިޔަންކިޔަން ނުދަތުން ފޮހިވޭ ރިވެތި އެއް މިސާލަކީ ދިވެހިރާއްޖެއެވެ. ﷲގެ ރަސްކަންފުޅަށް ޝުކުރުކުރަމެވެ.

ކޮންމެ އަހަރަކުވެސް ލިޔަންކިޔަން ދަތުމުގެ ދުވަހާ ދިމާކޮށް އެ ޢިލްމަށް އަމާޒުވާ ޝިޢާރެއް، ނުވަތަ ފިކުރެއް ކަނޑައަޅައެވެ. މިގޮތުން މިއަހަރު ފާހަގަކުރެވޭ މި ދުވަހު ޔުނެސްކޯއިން، އަމާޒުކުރެވޭ ފިކުރެއްކަމުގައި ހަދައިފައިވަނީ “ހެޔޮ ދިރިއުޅުމަކަށް ލިޔަންކިޔަން ދަތުން” އެވެ. “ލިޔަން ކިޔަން ދަސްކުރުން ބާއްޖަވެރިކަން”، މިއީވެސް އެ ފިކުރުގެ ތެރޭގައި މާނަކުރެވޭ ވިސްނުމެވެ. އެހެންކަމުން ދުނިޔޭގައި ލިޔަންކިޔަން ދަތުމުގެ ޙާލަތު އޮތް ގޮތާމެދެ، މި ހިސާބުން ބަލައިލާނަމެވެ.

ތަފާސްހިސާބުތަކުން އެނގޭގޮތުގައި ނޫސްވެރިކަމަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޚަބަރު ފަތުރާ ވަޞީލަތެވެ. ހިސާބުތަކުން އެނގޭގޮތުގައި އާބާދީގެ 1.6 ބިލިޔަން މީހުން މިއަދު ނޫސް ކިޔައެވެ. އަދި ފޮތް ނޫސް މަޖައްލާގެ ކިޔުންތަކަށް މަދުވެގެން 2.2 ބިލިޔަނަށްވުރެ ގިނަމީހުން ޝައުޤުވެރިކަން ހުރެއެވެ. 190 ބިލިޔަން ޑޮލަރުގެ ވިޔަފާރި މަރުކަޒުތައް، ނޫސްނެރުމުގައި ޙަރަކާތްތެރިވެއެވެ. މިއީ ނިސްބަތުން ބޮޑު ޢަދަދެކެވެ. ބުނެވޭގޮތުގައި މިޢަދަދު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެ މީހުންގެ ތަރުޙީބު ބޮޑުވަމުންނެވެ. ލިޔުންތަކަށާއި ކިޔުންތަކަށް ހޭލުންތެރިވެ ބޭނުންވާ މިންވަރު އިތުރުވަމުންދެއެވެ. ނަމަވެސް މި ދެންނެވި ފެކްޓަރީތަކުގައި މަސައްކަތްކުރަނީ އެންމެ 2 މިލިޔަން މީހުންނެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކުރެވި ކަންކަން އޮޓޯމެޝިންތަކަށް ބަދަލުވުމުން އިންސާނީ ވަސީލަތް ބޭނުންވާ މިންވަރު މަދުވާތީ މިޢަދަދުވެސް މަދުވުން އެކަށީގެންވާކަމުގައި ދިރާސާތަކުން ހާމަވެއެވެ.

ޔުނެސްކޯގެ ގަނޑުތަކުގައިވާގޮތުން 14 އަހަރުން މަތީގެ ކޮންމެ 6 މީހަކުން 1 އަކީ ލިޔަންކިޔަން ނުދަންނަ މީހެކެވެ. ބައެއް އެހެން ހިސާބުތަކުން ދައްކާގޮތުގައި ކޮންމެ 5 މީހަކުން 1 ލިޔަން ކިޔާކަށް ނުދަނެއެވެ. މިގޮތުން ބަލާނަމަ 790 މިލިޔަނަށްވުރެ ގިނަމީހުން އަދިވެސް ތިބީ ލިޔަންކިޔަން ދަތުމުގެ އަލިކަން ނުލިބިއެވެ. މީގެ ތެރެއިން 3 ބައިކުޅަ 2 ބަޔަކީ އަންހެނުންނެވެ. ހަމަ އެހެންމެ 67.4 މިލިޔަން ކުދިން ސްކޫލްތަކަކަށް ނުދެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ ލިޔަން ކިޔަން ދަސްކުރުމުގެ ފުރުސަތު އެ ކުދިންނަކަށް ނުލިބެއެވެ. މިއީ ދުނިޔޭގެ ނިސްބަތުން ހިތާމަކުރަންޖެހޭ މިންވަރެކެވެ. އެހެނީ ދުނިޔޭގެ ޤައުމުތަކުގައި ވިޔަފާރިއާއި އަމިއްލަ އެދުމުގައި އެތައް ބިލިޔަން ހޭދަތައް ކުރަމުން ދާއިރު ދުނިޔޭގައި ތިބި މިފަދަ ކުދީންނަށް ކުރެވޭ ހޭދަ ނިސްބަތުން މަދުވުމެވެ.

ލިޔަން ކިޔަން އެނގުމަކީ މުހިންމު ކަމެކެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި ފުރަތަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އިންސާނީ ޙައްޤެއްކަމުގައި ލިޔަން ކިޔަން ދަތުން ހިމެނިފައިވާކަމެވެ. އަމިއްލަ ވަންތަކަން ދިރިގެން ދަނީ ލިޔަން ކިޔަން އެނގުމުންނެވެ. ތިމާގެ ފިކުރާއި ހެދި ފޯދުމުގެ ޙަޔާތް ތަރައްޤީވަނީވެސް ލިޔަންކިޔަން ދަތުމުންނެވެ. ޒަމާނީ ބަހުން ތަޢުލީމޭ މި ކިޔޭ ހަރުފަތްތައް ގިރާކުރުމުގެ ފުރުސަތު ލިބެނީވެސް ލިޔަންކިޔަން ދަތުމުންނެވެ. ވީމާ މިއީ އިންސާނާއަށް މުހިންމު، ބޭނުންތެރި ވަސީލަތެކެވެ.

އިންސާނާއަށް ދެއްވި ހިތުގެ ވިންދަށް ލިޔުންތެރިކަން ވެފައިވަނީ އަސާސީ ސިފައެއްކަމުގައެވެ. ދީންވެރިކަމަށް ވަދެވެން އޮތީ ލިޔަންކިޔަން ދަސްކޮށްގެނެވެ. ނަފުސު ދެނެގަތުމާއި ދަރިން ތަރުބިއްޔަތުކުރުމާއި ޙަޔާތް އާރާސްތުކުރުމުގެ މައިގަނޑު އަސާސަކީވެސް ލިޔަންކިޔަން ދަތުމުގެ ސިފައެވެ. އިންސާނީ ހަމަހަމަކަމާއި ދުނިޔޭގައިވާ ކޮންމެ އެއްޗެއްގެ މެދުގައިވާ ގުޅުމާއި އިންސާފާއި ޙައްޤު ދިނުމާއި ހޯދުމާއި ހިމާޔަތްކުރުމާއި ދެމެހެއްޓުން އޮތީ ލިޔަން ކިޔަން ދަންނަ އާބާދީގެ ފިކުރާއި ޢަމަލުގައެވެ.

ފުރިހަމަ ލިޔެކިޔުމެއް ދަންނަ ދަރިވަރަކަށް ތަޢުލީމީ ކުރިމަގު އުޖާލާކޮށްލުމަކީ ވަރަށް ފަހި ކަމެކެވެ. ޖަމާޢަތް ކިޔަމަންކުރުމާއި ކޮންމެ ކަމެއް އުނގެނުމާއި ތަޖުރިބާކުރުމާއި މިފަދަ ކޮންމެ ކަމެއްގައި އުސް ހަރުފަތެއްގައި ހުރެވޭނީ ލިޔަންކިޔަން ދަންނަ ނަފުސަށެވެ. ދުނިޔަވީ އުފަލާއި ސަޤާފަތުގެ ފޮނިކަމާއި ދީންވެރިކަމުގެ އުފާވެރިކަމާއި އާޚިރަތު އުއްމީދު ބިނާކޮށް ކާމިޔާބުގެ މަގަށް ނުކުމެވެން އޮތީ ލިޔަންކިޔަން ދަންނަ އެކަމަށް ފަރިތަ މީހާއަށެވެ. 60 އިންސައްތަ ލިޔަން ކިޔަން ނުދަންނަ ޤައުމުތަކަށް ވިސްނައިގެން ރާވާ ޙަރަކާތްތައް މިޤައުމަށް ރާވައި ދިވެހި ދަރީން ދިވެހި ޤައުމަށް ބީރައްޓެހިކުރަނީއެވެ. އަންނަން އޮތް ތަނުގެ ބޮޑު މަންޒަރު ވަނީ ހިތާމައިން ފުރިފައެވެ.

އިސްވެ ދެންނެވި ކަންކަން އެހެން އޮތަތަތީ ކޮންމެ އިންސާނަކަށްވެސް ލިޔަން ކިޔަން ދަތުން މުހިންމެވެ. ރާއްޖޭގެ ޙާލަތު އިރާދަކުރެއްވީތީ ވަރަށް ރަނގަޅެވެ. ދެ ބަހަކުން ލިޔަން ކިޔަން ދަތުމާއެކު އެއް ބަހެއް ކިޔަން އެނގި އަނެއް ބަހެއްގެ މާނަ ދެނެގަތުމުގައި ދިވެހި ކޮންމެ ދަރިއެއް ކުޅަދާނައެވެ. ތަޢުލީމީ މިންގަނޑުގައި ދިވެހިން ޤައުމުވަނީ “އޭ ރިޕޯޓް” ހޯދައިފައެވެ. 98 އިންސައްތަ ދިވެހިން ލިޔަން ކިޔަން ދަނެއެވެ. ހިތާމައަކީ ދުނިޔޭގެ ޤައުމުތަކުން މިކަމުގައި ހީނަރު ވިސްނުމެއް ގެންގުޅޭކަމެވެ.

ނޯޓް: މިއީ، "ލިޔަން ކިޔަން ދަތުމުގެ ދުވަސް އައުމުން ކުރެވުނު ފިކުރެއް" މި މައުޟޫއަށް ކުރޮޅި އާދަމް ޒާހިރު ލިއުއްވާފައިވާ ލިޔުއްވުމުގެ މުހިންމު ބައިތަކެވެ. އެ ލިޔުން ލިޔުއްވާފައިވަނީ 9 ސެޕްޓެމްބަރު 2011 ގައެވެ. 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *