ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ފުވައްމުލަކު ސިޓީގެ 4 ސްކޫލަކުން 150 ދަރިވަރުން ތަމްރީނުކޮށްފި

ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ފުވައްމުލަކު ސިޓީގެ 4 ސްކޫލަކުން 150 ދަރިވަރުން ތަމްރީނުކޮށްފިއެވެ. މިއީ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ފުވައްމުލަކު ސިޓީ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އޮގަސްޓް 28 އިން ސެޕްޓެމްބަރ 1 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ޏ. އަތޮޅު ތައުލީމީ މަރުކަޒާއި، ހާފިޒު އަހުމަދު ސްކޫލާއި، މުހައްމަދު ޖަމާލުއްދީން ސްކޫލާއި ފުވައްމުލަކު ސްކޫލުން 150 ދަރިވަރުން ބައިވެރިވިއެވެ.

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ގަވާއިދުތަކާ  ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތުދީފައިވެއެވެ. އަދި ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމަށް މައުލޫމާތުދިނުމުގެ އިތުރުން ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތު ކުރުމުގެ ހުނަރުތައް ވެސް ދަސްކޮށްދީފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *