ށ. މިލަންދޫ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބީލް ފާހަގަކުރުމަށް އެ ސްކޫލުން ކުރިއަށް ގެންދާ ހަރަކާތްތައް ހިންގުމަށް އެހީގެ ގޮތުގައި މިހާތަނަށް 2،2100 ރުފިޔާ ލިބިފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ޕްރިންސިޕަލް އިބްރާހިމް އާދިލް ދަރިވަރު ނޫހަށް ވިދާޅުވީ، މިހާތަނަށް އެހީގެ ގޮތުގައި ލިބުނު ފައިސާގެ ތެރޭގައި ހެޔޮއެދޭ ފަރާތްތަކުގެ އިތުރުން އެރަށު ކައުންސިލުން ހަދިޔާކުރި 30،000 ރުފިޔާއާއި އެރަށު ކައުންސިލުގެ ރިކްރިއޭޝަން ކުލަބުން ހަދިޔާކުރި 13،000 ރުފިޔާ ހިމެނޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ބެލެނިވެރިންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.
" ފަންޑްރައިޒިން އިވެންޓްތައް ކުރިއަށް ވެސް ރޭވިފައި އެބަހުރި. މި ލިބޭ އެހީ އިން އެންމެ ފުރަތަމަ ޚަރަދު ކުރަން ނިންމާފައި ވަނީ އަލިމަސްޔޫބީލާ ގުޅުވައިގެން ދޭ ޓްރޮފީއާއި އަންޑަނަތަކަށް" އާދިލް ވިދާޅުވިއެވެ.

ހަ ސަތޭކައެންހާ ދަރިވަރުން ކިޔަވަމުންދާ މިލަންދޫ ސްކޫލަށް 75 އަހަރު ފުރޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. 75 އަހަރު ފުރޭ ކަމަށް ބަލަނީ މިލަންދޫއަށް މީހުން ބަދަލުކުރުމުގެ ކުރިން އެރަށުގެ މީހުން އުޅެމުންއައީ މާކަނޑޫދޫގައި ކަމަށް ވުމާއެކު އެރަށުގައި ހިންގި ސްކޫލް ފެށި ދުވަހަށް ބަލައިގެންނެވެ. މިލަންދޫގައި، މިލަންދޫ ސޫކޫލް ހުޅުވީ 2003 ވަނަ އަހަރުއެވެ.
އަލިމަސް ޔޫބީލްގެ ހަރަކާތްތައް މިހާރު އެ ސްކޫލުން ވަނީ ފަށާފައެވެ. އަލިމަސް ބަގީޗާ މި ހަފްތާ ބަންދުގައި ހުޅުވުމުގެ ތައްޔާރީތައް އެ ސްކޫލުން ދަނީ ވަމުންނެވެ. އަދި އެ ސްކޫލްގެ މިހާރާއި އިސްދަރިވަރުންގެ ޓެލެންޓް ޝޯވއެއްވެސް އަންނަ މަހުގެ ކުރީކޮޅު ބާއްވަން ވަނީ ނިންމާފައެވެ.
advertisment
ހިޔާލު