ރ. މަޑުއްވަރީ ސްކޫލުން އެ ސްކޫލްގައި މި އަހަރު ކިޔަވަމުންދާ ގުރޭޑް ދިހައެއްގެ ދަރިވަރުންގެ ބެލެނިވެރިންނާއެކު ކޮފީއެއް ބާއްވައިފިއެވެ.
މިއީ ދަރިވަރުންގެ ކިޔެވުމާއި ސާނަވީ އިމްތިޙާނަށް ތައްޔާރުވުމާ ގުޅޭ ގޮތުން އެ ސްކޫލާއި ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތައް ދެނެގަނެ އެކަންތައް ހައްލުކުރުމަށް އިންތިޒާމްކުރި ކޮފީއެކެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ހަލީމް ދަރިވަރު ނޫހަށް ވިދާޅުވީ، އެއީ ވަރަށް ބިނާކުރުވަނިވި ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުންތައް ބެލެނިވެރިންގެ އިތުރުން ގުރޭޑް ދިހައެއްގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނާ އެކުގައިވެސް ކުރިއަށް ދާނެ ކަމަށެވެ.
" އަޅުގަނޑުމެން ބޭނުންވީ ދަރިވަރުންގެ ކިޔެވުމަށް، ސްކޫލަށް ކޮށްދެވެން ހުރި ކަންތައްތައް ބެލެނިވެރިންގެ ފަރާތުން ދެނެގަތުން. ހަމައެގޮތަށް ދަރިވަރުންގެ ކިޔެވުމަށް ބެލެނިވެރިންގެ ފަރާތުން އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ވެސް ހުށަހެޅުން"
ވަރަށް އެކުވެރި މާހައުލެއްގައި ކުރިއަށް ދާ ސިލްސިލާ މި ބައްދަލުވުންތަކުގެ ނަތީޖާ ފެންނާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
" ދިރާސީއާ އަހަރުގެ ފުރަތަމަ ހަފުތާގެ ކިޔެވުން ނިމުމާއެކު، އެ ހަފްތާގެ ކިޔެވުމާ ގުޅޭ ގޮތުން ވެސް ބެލެނިވެރިންގެ ޚިޔާލު ހޯދިން. މިފަދަ ބައްދަލުވުންތަކުން ދަރިވަރުންނަށާއި ސްކޫލަށް ވެސް ހެޔޮބަދަލުއަންނާނެ. ރަނގަޅުކުރަން ހުރި ކަންތައްތައް ރަނގަޅުކުރުމަށް ފުރުޞަތު ފަހިވެގެންދާނެ"
ހަލީމް ވިދާޅުވީ، ގުރޭޑް ދިހައެއްގެ އިތުރުން ގުރޭޑް 9އަށް ވެސް އެ ބައްދަލުވުން ރާވާފައިވާ ކަމަށެވެ. މި އަހަރު އެ ސްކޫލްގެ ގުރޭޑް ދިހައެއްގައި 22 ދަރިވަރުން ކިޔަވަމުންދާ ކަމަށާއި، އެކުދިންނާމެދު އުއްމީދުތަކެއް ކުރެއްވޭނެ ކަމަށް އެނާ ވިދާޅުވިއެވެ.
" ފާއިތުވި އަހަރު ދެ ޓާމުގެ ނަތީޖާއަށް ބަލާއިރު، ދަރިވަރުން ވަނީ ކުރިއެރުންތަކެއް ހޯދާފައި، އެ ނަތީޖާއަށްބަލައި ދަރިވަރުންނާއެކު ވަރަށް ކައިރިން މަސައްކަތް ކުރަމުންދާނީ. ބޭނުމަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ގާތުން ވަޒަންކޮށް ކުދިންގެ ކުރިއެރުމަށް މަސައްކަތް ކޮށްދިނުން" ހުސްވިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރިންސިޕަލްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ހަލީމް ވިދާޅުވިއެވެ.
މަޑުއްވަރީ ސްކޫލްގައި 400 އެންހާ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު